ކެމަރޫންގެ ފުޓުބޯޅަ ފެޑަރޭޝަންގެ ރައީސްގެ މަގާމަށް އެ ގައުމުގެ ފުޓުބޯޅަ ލެޖެންޑް ސެމިއުލް އެޓޫ އިންތިހާބު ވެއްޖެއެވެ.

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދާފައިވާ އެޓޫ އެފްއޭގެ ރައީސްގެ މަގާމަށް އިންތިހާބުވީ ހަތަރު އަހަރުގެ ދައުރަކަށެވެ. އިންތިހާބުގައި އެޓޫއާ ވާދަކޮށްފައި ވަނީ ސޭޑޫ ބޮންބޯ ޖޯޔާ އެވެ. އިންތިހާބުގައި ވާދަކުރަން ކުރިން ހަތް ކެންޑިޑޭޓަކު ނަން ހުށަހެޅި ނަމަވެސް އޭގެ ތެރެއިން ފަސް ކެންޑިޑޭޓަކު ވަނީ ނަން ނަގާފައެވެ.

އުމުރުން 40 އަހަރުގެ އެޓޫގެ ވިސްނުން ހުރީ އެގައުމުގެ ފުޓުބޯޅަ ވަރަށް ބޮޑަށް ބަދަލުކޮށް، ރިފޯމް ކުރުމަށް ކަމަށް ކުރިންވެސް ވަނީ ބުނެފައެވެ. އެޓޫގެ އެންމެ ބޮޑު ވައުދަކީ ފުޓުބޯޅަ ކުޅުންތެރިންނަށް ހާއްސަ ޕޮލިސީތަކެއް އެކުލަވައިލުމެވެ. އޭނާ ބުނެފައި ވަނީ ފުޓުބޯޅަ ކުޅުންތެރިންނަކީ އެންމެ އިސް ބަޔަކަށް ވާން ޖެހޭނެ ކަމަށާއި، ކުޅުންތެރިން ޑިސިޕްލިން ވާނީ އެކަށޭނެ މުސާރައެއް ފުޓުބޯޅައިން ލިބިގެން ކަމަށެވެ.

އޭގެ އިތުރުން އެޓޫ ވަނީ އޭނާގެ ހަތަރު އަހަރުގެ ދައުރުގައި ކެމަރޫންގައި އިތުރު 10 ސްޓޭޑިއަމް ގާއިމު ކުރަން ވައުދުވެފައެވެ. އެޓޫ ބުނެފައި ވަނީ އެކަމަށް ބޭނުންވާ އިންވެސްޓަރުން މިހާރުވެސް އެކުގައި މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށާއި، ވަރަށް އަވަހަށް މަސައްކަތްތައް ފަށަން ގަސްދުކުރާ ކަމަށެވެ.

ކުރިން އިންޓަ މިލާންގެ އިތުރުން ބާސެލޯނާ އަދި ޗެލްސީގައިވެސް ކާމިޔާބީތައް ހޯދާފައިވާ މޮޅު ފޯވަޑް އެޓޫ އެފްއޭގެ ރައީސް ކަމަށް އައުމާއެކު ކެމަރޫން އެފްއޭއަށް ވަނީ މީޑިއާގެ ބޮޑު ސަމާލުކަމެއް ހުއްޓިފައެވެ. ހާއްސަކޮށް ކުރިއަށް އޮތް އެފްރިކަން ކަޕް ކެމަރޫން ގައި އޮތުމުން އެޓޫއަށް ހުއްޓޭ ސަމާލުކަން ބޮޑެވެ. އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫންގައި ހޯސްޓް ކުރާނީ އަންނަ ޖެނުއަރީ އަދި ފެބްރިއަރީ މަހުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.