ވިސާ ހަމަނުޖެހުމުގެ ސަބަބުން ސްޕެއިންގައި މިއަދު ފެށި ބެޑްމިންޓަން ވޯލްޑް ޗެމްޕިއަންޝިޕުން، ރާއްޖޭގައި އުފެދުނު އެންމެމޮޅު ބެޑްމިންޓަން ކުޅުންތެރިންގެ ތެރޭގައި ގުނާލެވޭ، ފާތިމަތު ނަބާހާ (ނަބާ) އާއި އައިމިނަތު ނަބީހާ(ނަބީ)ގެ ދެބެއިންގެ ޕެއާއަށް މުބާރާތުގައި ބައިވެރި ނުވެވިއްޖެއެވެ.

ސްޕެއިންގައި އޮތް މުބާރާތުން ނަބާ އާއި ނަބީއަށް ފުރުސަތު ލިބުނީ މިހާތަނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އެދެކުޅުންތެރިން ހޯދާފައިވާ ކާމިޔާބީތަކާއި، ނެރެފައިވާ ނަތީޖާތަކަށް ބެލުމަށްފަހުއެވެ. އެންމެފަހުން އިއުލާންކުރި ރޭންކިންގައި މިދެކުޅުންތެރިންގެ ޕެއާ ރޭންކު ކޮށްފައިވަނީ ދުނިޔޭގެ 117 ވަނައިގައެވެ. 2019 ވަނަ އަހަރުގެ ރޭންކިންގައި ބީޑަބްލިއުއެފްގެ އަންހެން ޑަބަލްސް އިވެންޓުގެ ރޭންކިންގެ ގަދަ 100 ތެރޭގައި ހިމެނި ނަބާ އާއި ނަބީ ވަނީ ތާރީހީ ކާމިޔާބެއް ހާސިލްކޮށްފަ އެވެ.

ނަބާ އާއި ނަބީއަށް މުބާރާތުގައި ފުރުސަތު ލިބުނީ އަންހެން ޑަބަލްސް އިވެންޓުންނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިންތަކަކަށް ވޯލްޑް ޗެމްޕިއަންޝިޕުން ފުރުސަތު ލިބުން ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ހޯދާ، ބޮޑު ޝަރަފެއް މި ދެކުޅުންތެރިން ހޯދިނަމަވެސް، މުބާރާތުގައި ބައިވެރި ނުވެވުނީ ސްޕެއިނަށް ދާން ހޯދަން ޖެހޭ ޝެންގެން ވިސާ ހަމަނުޖެހުމުންނެވެ.

ވޯލްޑް ޗެމްޕިއަންޝިޕުގެ ފުރުސަތު ނަބާ އާއި ނަބީއަށް ލިބުނީ އެ ދެ ކުޅުންތެރިން ބަންގްލަދޭޝްގައި ބޭއްވި އިންޓަނޭޝަނަލް ޗެލެންޖް ބެޑްމިންޓަން މުބާރާތުގައި ވާދަކުރަމުން ދަނިކޮށެވެ. އެ މުބާރާތުގައި މި ދެކުޅުންތެރިން ވަނީ ލޯ މެޑަލް ހާސިލްކޮށްފައެވެ. މިއީ މިދެކުޅުންތެރިންނަށް އަންހެން ޑަބަލްސް ބައިން، ބައިނަލްއަގްވާމީ މުބާރާތްތަކުން ލިބުނު 10 ވަނަ މެޑަލް ކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.