ޕާކިސްތާނުގެ މަޝްހޫރު ތަރިން ކަމަށްވާ ފީރޯޒް ޚާން އާއި ސަނާ ޖާވިދު އެކުގައި ފެނިގެންދާ ޑްރާމާ ސިލްސިލާ “އޭ މުޝްތީ ޚާކް” މާދަމާ ރޭ ދައްކަން ފަށާގޮތަށް ނިންމައިފިއެވެ.

ކުރިން ޑްރާމާ “ޚާނީ” އާއި “ރޯމިއޯ ވެޑްސް ހީރް” އަދި ޓެލެފިލްމު “ޑީނޯ ކީ ދުލްހަނިއާ” ގައި އެކުގައި މަސައްކަތްކުރި ފީރޯޒް އާއި ސަނާގެ “އޭ މުޝްތީ ޚާކް” ގައި ކިޔައިދެނީ ބޭނުން ކޮންމެ ކަމެއް ހާސިލުވާން ޖެހޭކަމަށް ޤަބޫލުކުރާ މުސްތަޖާބް ނަމަކަށް ކިޔާ މުއްސަނދި ފިރިހެނަކަށް ދުއާ ނަމަކަށް ކިޔާ މައުސޫމު ރީތި އަންހެން ކުއްޖަކުދެކެ ލޯބިވެވި، ދުއާ ހާސިލު ނުވުމުން ދެން ހިނގާ ކަންތައްތަކެކެވެ.

ފީރޯޒް އާއި ސަނާގެ އިތުރުން ނިމްރާ ޚާން އާއި އަސަދު ސިއްދީޤީ ލީޑް ރޯލުން ފެނިގެންދާ މި ޑްރާމާގައި ދާނިއަލް އަފްޒަލް އާއި ނަމްރާ ޝާހިދު އާއި ޝައްބީރް ޖާން އާއި ޝަހޫދު އަލްވީ އާއި ސަދަފް އަޝާން ފަދަ ސީނިއާ ތަރިންވެސް ހިމެނެއެވެ.

ސެވެންތު ސްކައި އެންޓަޓެއިންމެންޓްގެ ކުޑައިގެ ދަށުން ޢަބްދުﷲ ކަދްވާނީ އާއި އަސަދު ޤުރޭޝީ ޕްރޮޑިއުސްކޮށްފައިވާ މި ޑްރާމާއަކީ މާހާ މާލިކް ލިޔެ، އަހްސަން ތާލިޝް ޑައިރެކްޓްކޮށްފައިވާ ޑްރާމާއެކެވެ.

މާދަމާ ރޭ ޖީއޯ ޓީވީއިން “އޭ މުޝްތީ ޚާކް” ދައްކަން ފަށާއިރު ކޮންމެ ހޯމަ އަދި އަންގާރަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 8 ޖަހާއިރު މި ޑްރާމާގެ އާ އެޕިސޯޑެއް ދައްކާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އޭގެ އިތުރުން ޓީވީއިން އެޕިސޯޑް ދައްކައި ނިމުމާއެކު ޖީއޯ ޓީވީގެ ޔޫޓިއުބް ޗެނަލް “ހަރް ޕަލް ޖީއޯ” އިންވެސް އެ އެޕިސޯޑުތައް ބަލައިލެވޭނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.