ހިތްގައިމު، ދިވެހި އަމިއްލަ ރާގެއް އަޑުއަހައިލަން ލިބުމަކީ ދިވެހި މިއުޒިކަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެންދާނެ އަގުހުރި ހަދިޔާއަކަށް ވާނެކަން ގައިމެވެ. މިފަދަ ރާގެއްގެ ލަވައެއް ފެށިގެން ނިމެންދެން އެސްފިޔަޖަހައިލުމެއް ނެތި އަޑައަހާލަން ތިބެވެއެވެ. ދިވެހި މިއުޒިކީ ދާއިރާގައި ދާދި ފަހުން ފިރުކެން ފަށާފައިވާ ޖައްލެގެ “އެސްފިޔަ” އަކީ ދެންމެ ފާހަގަ ކުރެވުނު ފަދަ ހިތްގައިމު ލަވައެކެވެ. ހިތްގައިމު ދިވެހި އަމިއްލަ ރާގެއްގެ ލަވައެކެވެ.

މިމަހުގެ 03 ވަނަ ދުވަހު ނެރެފައިވާ ޖައްލެގެ “އެސްފިޔަ” މިހާރު ސައުންޑްކްލައުޑުންނާއި ލަވަފޮށިން އަހައިލެވޭނެއެވެ. މި ލަވަ ކިޔާފައިވަނީ ޖައްލެ އާއި ރުއާ އެވެ. ރުއާ އަކީ ’މަނިކް އާޓްސް‘ އިން އުފައްދާ ރިލީޒްކުރި “މަގޭ މަލާއޭ” ލަވައިގައިވެސް އިވިގެންދިޔަ އަޑެކެވެ. މި ލަވައިގެ ހިތްގައިމު ޅެންވެރިކަމުގެ އިތުރުން ރާގު ހެދީވެސް ޖައްލެ އެވެ.

“މި “އެސްފިޔަ” ލަވައަކީ ޕެންޑަމިކް ހަމަ ފެށުނު ތަނާހެން، އޭރު އަޅުގަނޑު ހެދި “އަދާރަސަމް” ލަވައާ އެކީގަ ހެދި ލަވައެއް. އޭގެ މިއުޒިކް ކަންތަކާ ނޫޅެވިފަ އޮތީ ބިޒީކަމުން.” މި ލަވައާ ބެހޭ އިތުރު މަޢުލޫމާތު މުނިއަވަސްއާ ހިއްސާކުރަމުން ޖައްލެ ބުންޏެވެ.

“ދެން މި “އަދާރަސަމް” ވެސް ހަދައިދިނީ ވިންފާޒް، އެކަމަކު އަޅުގަނޑު ފުރަތަމަ މިއުޒިކް ކޮމްޕޯޒްކުރީ އަޅުގަނޑު ދަސްކުރާ މީހެއްވީމަ އަމިއްލައަށް. ކޮމްޕޯޒްކޮށްފަ ވިންޕާޒަށް ފޮނުވީމަ އޭނަ އޭތި ރީތިކޮށް ރަނގަޅުކޮށްފަ އެ އޮތީ.” ޖައްލެ ފާހަގަކުރިއެވެ.

އެސްފިޔަ” ލަވައިގެ މިއުޒިކް، ރެކޯޑިންގ އަދި މާސްޓަރިން ހެދީ ވިންފާޒް އެވެ. ލަވައިގެ ހިތްގައިމު ކަވަރ ފޮޓޯގައި މޮޑެލްކޮށްފައި ވަނީ އުލްފާ އެވެ. މި ލަވަ އުފެއްދައި ނެރުމުގައި ކޮކޫ، ސަމަރޭ، މަފާޒްގެ އިތުރުން ޑީޖޭ ކައްޗޭ ކޮށްދީފައިވާ މަސައްކަތްތައް ޖައްލެ ބަލައިގަންނަނީ ޝުކުރުވެރިކަމާއެކުގައެވެ.

ޖައްލެގެ “އެސްފިޔަ” ލަވަ ޚާއްޞަކޮށްލާފައިވަނީ އޭނާގެ ލޯބިވާ އަނބިމީހާއަށް ކަމަށް ޖައްލެ ބުނެއެވެ.

ޖައްލެގެ “އަދާރަސަމް” ވެސް މިއީ އަހައިނުލާ ދޫކޮށްލެވޭ ވަރަށްވުރެން ހިތްގައިމު ލަވައެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.