ބޮލީވުޑްގެ އެންމެ ކުޅަދާނަ ބަތަލާއިންގެ ތެރޭގައި ހިމެނޭ ވިދްޔާ ބާލަން މިހާރު ޝޫޓްކުރަމުން އަންނަ ފިލްމު “ލަވާރސް” ގެ ޝޫޓިންގ މި ހިނގާ ޑިސެމްބަރު މަހުގެ 15 ގައި ނިންމާލާނެކަން ހާމަކޮށްފިއެވެ.

މިދިޔަ އޮކްޓޯބަރު މަހު މުމްބާއީގައި ޝޫޓިންގ ފެށި މި ފިލްމުގައި ވިދްޔާގެ އިތުރުން މައިގަނޑު ރޯލުތަކުން ފެނިގެންދާނީ މިދިޔަ އަހަރު ސޮނީ ލިވް އެޕުން ސްޓްރީމްކުރި ވެބް ސީރީޒް “ސްކޭމް 1992: ދަ ހަރްޝަދް މެހެތާ ސްޓޯރީ” އިން ބޮޑު މަޤުބޫލުކަމެއް ހޯދި ޕްރަތީކް ގާންދީ އާއި ބަތަލާ އިލިއާނާ ޑީ ކްރޫޒް އާއި ސެންދިލް ރާމާމުރްތީ އެވެ. ސެންދިލް އަކީ އެމެރިކާގެ އެންސީބީ ސައިންސް ފިކްޝަން ޑްރާމާ “ހީރޯސް” ގައި ޖެނެޓިސިސްޓް މޮހިންދަރް ސުރޭޝްގެ ރޯލު ކުޅުނު އެކްޓަރެވެ. އަދި “ލަވާރސް” އަކީ އޭނާ މަސައްކަތްކުރާ ހިންދީ ދެވަނަ ޕްރޮޖެކްޓެވެ.

ފިލްމުގެ ވާހަކަ ސިއްރެއްގެ ގޮތުގައި ބާއްވާފައި އޮތްއިރު، އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާ ގޮތުގައި ފިލްމުގެ ތަރިންނަށް ބަލައިފިނަމަ މިއީ އާދައިގެ ވާހަކައެއް ކިޔައިދޭނެ ފިލްމަކަށް ނުވާނެކަން ޔަޤީން ކުރެވެއެވެ.

އަންނަ ބުދަ ދުވަހު އޫޓީގައި “ލަވާރސް” ގެ ޝޫޓިންގ ނިންމާލާއިރު މިއީ 45 ދުވަހުން ޝޫޓިންގ ނިންމާލި ފިލްމެކެވެ. އަދި މިއީ ވިދްޔާ އާއި ޕްރަތީކް އެކުގައި ކުޅޭ ފުރަތަމަ ފިލްމުކަންވެސް ފާހަގަކޮށްލެވެއެވެ.

“ލަވާރސް” އަކީ ސުޕްރޮތިމް ސެންގުޕްތާ އާއި އީޝާ ޗޯޕްރާ ލިޔެ، އެލިޕްސިސް އެންޓަޓެއިންމެންޓުގެ ކުޑައިގެ ދަށުން ތަނުޖް ގާރގް އާއި އަތުލް ކަސްބޭކަރް އާއި ސަމީރް ނައިރް ގުޅިގެން ޕްރޮޑިއުސްކުރާ ރޮމޭންޓިކް ޑްރާމާ ފިލްމެކެވެ. ފިލްމު ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުންނަ ޝިރްޝާ ގޫހާ ޓާކުރްތާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.