ކްލަބް މޯލްޑިވްސް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އެފްއެސްއެމް އިން ޕެނަލްޓީ ޖަހައިގެން ވަރުގަދަ ފޯމެއްގައި އޮތް ކްލަބް އެޗްޑީސީ ކަޓުވާލައި ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރު ކުރިއިރު، ޕެނަލްޓީ ޖަހައިގެން ޕްރިޒަން ކުލަބު ވަނީ އެމްއޭސީއެލް ބަލިކޮށް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

އެޗްޑީސީއާ އާއި އެފްއެސްއެމް ބައްދަލުކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ. ޕެނަލްޓީ ޖަހައިގެން އެފްއެސްއެމް މޮޅުވީ 6-7 ގެ ނަތީޖާ އަކުންނެވެ.

ރެހެންދި އެއް ވަނަ ދަނޑުގައި ރޭ ކުޅުނު މެޗު ފަށައިގެން އަށް ވަނަ މިނިޓްގައި އެފްއެސްއެމްގެ ކެޕްޓަން މުހައްމަދު ނާފިއު (ނާއްޕެ) އެ ޓީމަށް ލީޑުނަގައިދިނެވެ. އަރިމަތިން ބޯޅަ ހިފައިގެން ގޮސް ނާއްޕެ މި ގޯލު ޖެހީ އެޗްޑީސީގެ ކީޕަރު ފައްޔާޒު ފަޔާޒް (ފައިއްޓެ) ކައިރިން ވެސް ނައްޓާފަ އެވެ. ފުރަތަމަ ހާފުގެ ފަހު ކޮޅު ދެ މިނިޓް ތެރޭގައި ދެ ގޯލު ޖަހައި އެޗްޑީސީން ނަތީޖާ އަނބުރާލި އެވެ. މި ގޯލުތައް ޖެހީ އަހުމަދު ސިޒާން އާއި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.

އެޗްޑީސީން ލީޑުނަގައި ހަމަޖެހިނުލެވެނިސް އެފްއެސްއެމް އިން ނަތީޖާ އެއްވަރުކުރީ އަހުމަދު ވިޖުދާން (ވިޖުއްކޮ) ޖެހި ގޯލުންނެވެ.

ޕެނަލްޓީގައި އެފްއެސްއެމް އިން ފަސް ޕެނަލްޓީ ކާމިޔާބުކުރިއިރު، އެޗްޑީސީން ޖެހި ފަސް ޕެނަލްޓީން ކާމިޔާބުވީ ހަތަރު ޕެނަލްޓީ އެވެ. އެފްއެސްއެމް އިން މުހައްމަދު ތޯހިިރު، ވިޖުއްކޮ، މުހައްމަދު ޝިމްހާން، މުހައްމަދު އަމްޖަދު (އަމްޖޭ) ފުރަތަމަ ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެޗްޑީސީގެ އިބްރާހިމް ރިމާހު (ރިމޭ)، ޔާމިން މުހައްމަދު (ޔާންޓެ)، އަލީ ޝައިހާން އަދި މުހައްމަދު ސުޖާން ޕެނަލްޓީ ކާމިޔާބު ކޮށްފައިވަނިކޮށް އެ ޓީމުގެ ސިޒާން ޖެހި ޕެނަލްޓީ އެފްއެސްއެމްގެ ކީޕަރު އަބްދުﷲ ފަޔާޒް (ފަޔާ) މަތަކުރި އެވެ. އެފްއެސްއެމް މޮޅުވާން ލިބުނު ޕެނަލްޓީ ނާއިފް ޝަފީގް (ސީއާރް3) ކާމިޔާބުކޮށް އެ ޓީމަށް ސެމީގެ ޖާހަ ކަށަވަރުކޮށްދިނެވެ.

ކުއާޓާގެ ފުރަތަމަ މެޗުގައި ރޭ އަހުމަދު ހަމީދު (އައްމަޑޭ) އާއި އަޒްޔާން އިބްރާހިމްގެ ގޯލުތަކުން އެމްއޭސީއެލް އިން ލީޑުނަގާފައިވަނިކޮށް ޕްރިޒަން އިން ވަނީ ފަހަތުން އަރައި އެއްވަރުކޮށްފައެވެ. ދެ ވަނަ ހާފުގެ ފަހުކޮޅުގައި މި ގޯލުތައް ޖެހީ އާދަމް މަންސޫރާއި ސަނީމް ސަމާއިލްއެވެ. މި މެޗު 2-2 އިން އެއްވަރުވެ، ޕެނަލްޓީގައި ޕްރިޒަން މޮޅުވީ 7-6 އިންނެވެ.

ޕްރިޒަން އިން ވަނީ ހަ ޕެނަލްޓީން ފަސް ޕެނަލްޓީ ކާމިޔާބު ކޮށްފައެވެ. އެ ޓީމުގެ ސަނީމް ޖެހި ޕެނަލްޓީ ނާކާމިޔާބުވިއިރު، މަންސޫރް، މުރުތަޖާ މުހައްމަދު، ސާޖިދު ރަޝީދު، އަހުމަދު ޝަމާލް އަދި ހުސެއިން ނަބީހް ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. އެމްއޭސީއެލްގެ ހަ ޕެނަލްޓީ ތެެރެއިން އަލީ ޝާފިއު އާއި އަބްދުﷲ ސުޒޭރު ޖެހި ޕެނަލްޓީ ކާމިޔާބެއްނުވިއެވެ. އެމްއޭސީއެލް އިން ޕެނަލްޓީ ޖެހީ ސައްޔާހު އައްބާސް، މުހައްމަދު މުސްތަފާ، އަޒްޔާން އަދި ހުސެއިން ސަމްހާން އެވެ.

ސެމީގައި އެފްއެސްއެމް ބައްދަލުކުރާނީ ޕްރިޒަންއާއެވެ. މުބާރާތުގައި މާދަމާރޭ އޮންނާނީ ކުއާޓާ ފައިނަލްގެ ފަހު ދެ މެޗެވެ. އާރްއާރްސީ ކުޅޭނީ އެމްޕީއެލްއާ އެވެ. އަދި އެސްޓީއޯ ބައްދަލުކުރާނީ ޓީމު ފެނަކައާ އެވެ. ދެ ވަނަ ސެމީގައި ކުޅޭނީ މާދަމާރޭ ދެ މެޗުން މޮޅުވާ ދެ ޓީމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާމިން
އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.