މެދު އުމުރުން މައްޗަށް ގޮސްފައިވާ އެމީހާ ނޭވާލާކަން އެނގުމާއިއެކު އަލްމާގެ އުންމީދު އާވިއެވެ. މާތް ﷲ އަށް ޝުކުރު ދެންނެވި އެވެ. މާބޮޑު އަނިޔާއެއް ފެންނަން ނެތް އެމޫނު ފެނުމާއިއެކު އެއީ އޭނާގެ ދޮންބައްޕަ ޒިނާންކަން އޭނާއަށް ޔަޤީންވިއެވެ. ދެލޮލުން ކަރުނަ އޮހޮރިގަތީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ.

އެ ހަށިގަނޑު ވަޅުގަނޑުގެ ތެރެއިން ނެގުމަށްޓަކައި އަލްމާއަށް އެތައް މަސައްކަތެއް ކުރަން ޖެހުނެވެ. އެކަން ކުރި މީހުން އައިސް އޭނާއަށް ހަމަލާއެއް ދީފާނެތީ އެކަމަށް ވެސް ވިސްނަން ޖެހުނެވެ. ބިރުގަނެ ހާސްވި ނަމަވެސް އަލްމާ އުންމީދު ކަނޑައެއް ނުލިއެވެ. ވަޅަށް އެރިގެންނާއި ވަޅުމަތީގައި ހުރެގެން އެތައް އިރަކު ކުރި މަސައްކަތުން އެ ހަށިގަނޑު ވަޅުން ނެގިއެވެ. ވަޅުގަނޑު ތެރެއިން ނެގި ހަށިގަނޑު އުފުލައިގެން އޭނާއަށް ނުގެންދެވޭނެކަން އަލްމާއަށް އެނގެއެވެ.

ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނެވެ. ހީވެސް ނުކުރާފަދަ ގޮތަކަށް ނަސީބު އައިސް އަތުގައި ހިފައިފާނެއެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ކަހަލަ ގޮތަކަށް ހުރި އަލްމާ ސިއްސައިގެން ދިޔައީ ޖީބުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އަވަސްއަވަހަށް ފޯނު ނަގަމުން ބަލާލިއިރު ގުޅަނީ އޭނާ ޓްރެއިނިންގް ހަދަމުންދާ ހޮސްޕިޓަލުންނެވެ. މިފަދަ ވަގުތެއްގައި ކޮންމެވެސް ބޮޑުކަމެއް ނުވަތަ މުހިންމުކަމެއް ދިމާވެގެން ނޫނީ ނުގުޅާނެކަން އޭނާއަށް އެނގެއެވެ.

ފޯނަށް ޖަވާބުދިނުމަށް އިސްކަން ދިން ފަދައިން ދިމާވެގެން އުޅޭ ކަންތަކުގެ ވާހަކަ ދެއްކުމަށް ވެސް އަލްމާ އިސްކަން ދިނެވެ.

ބޭނުންވި ހަލުއި މިނުގައި ކަންކަން ހަމަޖެހުން ވެގެން ދިޔައީ އަލްމާއަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަށެވެ. ޒިނާންގެ ފުރާނަ ސަލާމަތްކުރުމަށް ލިބުނު އެންމެ ބޮޑު އެހީތެރިކަމަށެވެ. އެކަމުގައި ހޮސްޕިޓަލުގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް ހާސްފަށުން އަލްމާ ޝުކުރު އަދާކުރިއެވެ.

ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތް ޒިނާނަށް ބޭސް ފަރުވާ ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އަލްމާއަށް އެނގެއެވެ. އެފަދަ ހާލަތެއްގައި އެފަދަ ބަޔަކު އުފުލަން ޖެހޭނެ އުނދަގުލާއި ތަކުލީފު އޭނާއަށް ވެސް ވަނީ ފެނިފައެވެ. ވަގުތާއި ހާލަތަށް ބަލާއިރު އެންމެ ސިކުންތެއް ވެސް ބޭކާރު ކޮށްލެވޭކަށް ނެތެވެ. އަލްމާގެ އާދޭސްތައް ހޮސްޕިޓަލްގެ މެނޭޖްމަންޓުން އަޑުއެހިއެވެ. ދެފަރާތެއްގެ ދެމެދުގައި އުފެދޭ އިތުބާރަކީ ކިހާ މުހިންމު އަދި ކިހާ ބުރަދަނެއް ހުރި އެއްޗެއްކަން މިއަދު ކިތަންމެ ރަނގަޅަކަށް ވެސް އަލްމާއަށް އިހުސާސްވިއެވެ. ޒިނާނަށް ބޭސްކުރުމުގެ ހުރިހާ ކަމެއް ހޮސްޕިޓަލުން ހަމަޖައްސައިދިނެވެ.

ބޭރުފުށުން ފެންނަން ނެތް ނަމަވެސް ޒިނާނަށް ބޮލަށް ލިބިފައިވާ އަނިޔާ ހީކުރިވަރަށްވުރެ ގޯހެވެ. ޓެސްޓްތަކުން ދެއްކި ގޮތުގައި ޒިނާންގެ ސިކުނޑީގެ ނާރަކަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ. ކޮންމެ ވެސް އެއްޗަކުން ވަރަށް ބާރަށް ބޮލުގައި ޖަހާފައިވާކަން އެނގުނެވެ. ލަފާކުރެވޭ ގޮތުގައި އެބަޔަކު މަސައްކަތް ކޮށްފައިވަނީ ސިކުނޑިއާ ދިމާއިން ވާގޮތަށް ބާރު އެއްޗަކުން ބޮލުގައި ޖަހާ ފުރާނަ ދުއްވާލުމަށެވެ. ލިބުނު ޝޮކުގައި ހަރަކާތް ހުއްޓުނު ޒިނާން މަރުވީ ކަމަށް ނުވަތަ އަވަހަށް ވަޅުލައިގެން މަރާލުމަށް އެމީހުން ވަނީ މަސައްކަތް ކޮށްފައެވެ.

ޒިނާނަށް ފަރުވާކޮށްގެން ރަނގަޅު ކުރެވޭނެ ކަމަށާއި އެކަމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކޮށްދޭނެކަމަށް ހޮސްޕިޓަލުން ބުނި ހިސާބުން އަލްމާގެ އުންމީދު އާވިއެވެ. ހުރިހާ ވަގުތެއް ކަހަލަ ގޮތަކަށް ހޮސްޕިޓަލުގެ މަސައްކަތަށް ހުސްކުރިއެވެ. ޒަމާނީ ވަސީލަތްތަކާއިއެކު ޔޫރަޕުން ގެނައި ޓީމް ދެވަނަ ދުވަހު އެމީހުން މަސައްކަތް ފެށިއެވެ. ލިބޭ ކޮންމެ ހުސްވަގުތެއް އަލްމާ ހޭދަކުރަމުން ދިޔައީ ޒިނާނަށް ވާނުވާ ބެލުމުގައެވެ. އޭނާ ކުރަމުންދާ މަސައްކަތުގައި ބަރަކާތް ލައްވައި ޒިނާންގެ ހާލު ރަނގަޅުވުމަށް އެދި ދުޢާ ކުރުމުގައެވެ.

ޒިނާންގެ ފަރުވާއަށް ޚާއްސަކޮށްގެން ގެނައި ޑޮކްޓަރުން އެމީހުންގެ މަސައްކަތައިގެން ކުރިޔަށް ދިޔައެވެ. ހަފްތާއެއްހާ ދުވަހަށް ދިގުދެމިގެންދިޔަ މަސައްކަތުގެ ނަތީޖާ ދިހަވަރަކަށް ދުވަސްތެރޭ ފެންނަން ފެށިއެވެ. މަޑުމަޑުން ޒިނާންގެ ހާލު ރަނގަޅުވަމުން އައިއިރު އަލްމާގެ ކިބައިން ފެންނަމުން ދިޔަ އުފަލާއި ހިތްހަމަޖެހުން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިޔައެވެ.

މަޑުމަޑުން ހާލު ރަނގަޅުވަމުން އައި ޒިނާނަށް ވާނުވާ އެނގެންފެށި ނަމަވެސް ހަނދާނުގެ މައްސަލަ ކުރިމަތިވިއެވެ. ކުރިން ހިނގައިދިޔަ އެއްވެސް ކަމެއް ހަނދާނަކަށް ނައެވެ. އޭނާއަކީ ކާކުކަމެއް ވެސް ނޭނގުނެވެ. އޭނައަކީ ކާކުތޯ އާއި އޭނާ އެތަނުގައި ކުރަނީ ކީއްތޯ ޒިނާން އެހިއެވެ. އަލްމާ އަބަދު ވެސް އެތަނުގައި ހުންނަނީ ކީއްވެތޯ އާއި އަލްމާއަކީ ޒިނާންގެ ކާކުތޯ ވެސް ސުވާލުކުރިއެވެ. އަބަދު އެތަނުގައި ނުހުރެ ރެސްޓްކޮށްލަން ގެއަށް ގޮސްލަންވާނެ ނޫންހޭ ވެސް ބުންޏެވެ.

ޙަޤީޤަތަކަށް ވަމުންދިޔަ އުންމީދުތައް ވިއްސިވިހާލި ވެދާނެކަމުގެ ބިރު ހީވި ވަގުތު ޑޮކްޓަރުން އޭނާއަށް ހިތްވަރު ދިނެވެ. މާޔޫސްވެ ކަރު އެލުވާލުމުގެ ވަގުތު އަދި ގާތްވެސް ނުވާކަމަށް ބުންޏެވެ. އެމީހުނަށް އިތުބާރު ކުރުމަށް ޑޮކްޓަރުން އެދުނެވެ.

ދުޢާ ކުރުމުގައި އަލްމާ ހޭދަކުރަމުންދިޔަ ވަގުތުތައް އިތުރުވަމުން ދިޔައެވެ.

“އަނީގާ. އަނީގާ ކީއްވެ އަހަރެން މަރާލަން އުޅުނީ؟ އަހަރެން ކަލެއާމެދު ކިހާ ރަނގަޅަށް ކަންތައް ކުރީ؟ އެހެން ހަދާކަށް ނުވާނެއެއްނު.” ޒިނާން ކައިރީ އިށީންދެލައިގެން އިން އަލްމާގެ މޫނަށް ބަލާލަމުން ޒިނާން ވާހަކަ ދެއްކި އަޑަށް އަލްމާ ދިޔައީ ސިއްސައިގެންނެވެ. ހައިރާންކަމާއިއެކު ޒިނާނަށް ބަލާލެވުނެވެ. އިވުނު އަޑުތަކާއިއެކު އަލްމާގެ އުންމީދު އާވިއެވެ. ޝުކުރުގެ ސަޖިދަ ކޮށްލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.

މެދުނުކެނޑި ކުރަމުންދިޔަ ފަރުވާތަކާއި އަލްމާގެ އެހީތެރިކަމާއިއެކު ޒިނާން ރަނގަޅުވަމުން ދިޔައެވެ. މަޑުމަޑުން ހަމައަކަށް އެޅެމުން އައިސް ދޮޅުމަހެއްހާ ދުވަސްތެރޭ މީހާ މުޅިން ހަމައަކަށް އެޅުނެވެ. ޑޮކްޓަރުން ހަދަމުންދިޔަ ޓެސްޓްތަކުން ހުރިހާ ކަމެއް ޔަޤީންވިއެވެ.

އަނީގާއާ ވައްތަރު ގޮތެއް ހުރިކަމަށް ޒިނާން ބުނަމުން ދިޔަ ނަމަވެސް އޭނައަކީ އަނީގާއާ އެއްވެސް ގުޅުމެއް އޮތް މީހެއް ކަމަކަށް އަލްމާ ނުބުނެއެވެ. އެވާހަކަ ދައްކާ ކޮންމެ ފަހަރަކު ހިނިތުންވުމަކުން ފުއްދާލަނީ އިންތިޒާރު ކުރަމުން އައި ވަގުތު ނުޖެހޭތީއެވެ.

އޭނާއަށްޓަކައި ހޮސްޕިޓަލުންވީ ޤުރުބާނީގެ އަގު އަދާކުރަން އަލްމާ ބޭނުންވިއެވެ. އެކަން ކުރާނެ ގޮތަކާއިމެދު ވާހަކަ ދައްކަން އަލްމާ ދިޔައީ ހޮސްޕިޓަލުގެ ވެރިޔާގެ އަރިހަށެވެ. ވެރިޔާގެ އަރިހުގައި އޭނާގެ އެންމެގާތް އެކުވެރިޔާ އަދި ވިޔަފާރީގެ ހިއްސާދާރު އަދުޝަން އިނެވެ.

“ވަރަށް ފަސޭހައިން ތިކަން ހަމަޖެހިދާނެ. ތިއީ މާބޮޑު ކަމެއް ނޫނެއްނު.” އެތައް އަހަރެއް ވާންދެން ރާއްޖޭގައި މަސައްކަތް ކޮށްފައިވާ ޑރ. ފަވާޒް ހިނިތުންވެލިއެވެ. އުމުރުން ފަންސާހަކަށް އަހަރުވެފައިވާ ފަވާޒަކީ މީހުންނާއި ނުހަނު ގުޅޭ ގާތް އެކުވެރިއެކެވެ.

“އެއީ..!؟” އަލްމާއަށް ލިބުނީ ހައިރާންކަމެވެ.

“އަހަރެންނާއި ކައިވެނި ކުރަންވީނު؟” ފަވާޒް ބަލާލީ އަލްމާގެ މޫނަށެވެ. އޭނާގެ ހުށަހެޅުމާއިއެކު އަލްމާއަށް ވާގޮތެއް ބަލާލަން ބޭނުންވީ ކަންނޭނގެއެވެ.

“އެއްވެސް މައްސަލައެއް ނެތް.” ފަވާޒަށް ހިނިތުންވެލަމުން އަލްމާ ޖަވާބުދިނެވެ. އަލްމާގެ އެ ޖަވާބާއިއެކު ހައިރާންކަން ލިބުނީ ފަވާޒަށް އެކަންޏެއް ނޫނެވެ. އަދުޝަން ވެސް އިނީ ހައިރާންވެފައެވެ. އެފަދަ ޖަވާބެއް އަލްމާގެ ފަރާތުން ލިބިދާނެކަމަކަށް އެ ދެމީހުންކުރެ އެކަކު ވެސް ހިޔެއް ނުކުރެއެވެ.

އަލްމާއަށް ލިބިފައިވަނީ އަންހެންވަންތަ ފުރިހަމަ ހަށިގަނޑެކެވެ. ވަނާތަކާއި ބައްޓަންތައް ރިވެތި ވެފައި ޗާލެވެ. ހެޔޮވަރުގެ އިސްކޮޅެކެވެ. ކަޅުކަންގަދަ ދިގު ފަން އިސްތަށިގަނޑެކެވެ. ތޫނުފިލި ދެލޮލާއި ރީތި ކަޅިރަވައެކެވެ. ހިތިފަތު ބުމައެކެވެ. ތުންފަތާއި ކޯތާފަތްފަތިން މަޑު ރަތްކުލައެއް ފާޅުވާން ހުރެއެވެ. ގައިގެ ކުލަ އަލިވެފައި މޫނުމަތިން ތާޒާކަމާއި އުފާވެރިކަން އަބަދު ވެސް ފެންނަން ހުރެއެވެ. ބޭނުންކުރާ ޒަމާނީ މޭކަޕާއި ޒަމާނީ ހެދުންތަކުގެ ސަބަބުން އޭނާގެ ރީތިކަން އިތުރަށް ފުރިހަމަވެއެވެ. ދިރިއުޅުން އާރާސްތުކޮށް ހިންދެމިލުމަށް އޭނާ ކުރަމުންދާ މަސައްކަތް ކާމިޔާބު ވެއްޖެނަމަ ކުރިޔަށް އޮތް އަހަރެއްހާ ދުވަސްތެރޭ އޭނާ ޑޮކްޓަރަކަށް ވާނެއެވެ.

ބޭނުން ކޮންމެ ފަންތިއަކުން ބޭނުން ކޮންމެ އުމުރުފުރާއަކުން އޭނާއަށް ބައިވެރިއެއް ލިބިދާނެކަން ޔަޤީނެވެ. ފަވާޒް ކަހަލަ އުމުރުން ދުވަސްވީ މުސްކުޅިއަކާއި އޭނާ އިނުމުގެ އެއްވެސް ބޭނުމެއް ނެތެވެ. އަލްމާގެ ޖަވާބުން ހައިރާންވި ފަވާޒް އިންގޮތަށް އިނީއެވެ.

“އެއީ އެހެން ބުނި އެއްޗެއް ނޫން. އެކަމާ އަޅާނުލާ. އަލްމާގެ މަސައްކަތާއިމެދު އަހަރެން ފަޚުރުވެރިވަން. ތިކަމުގެ އަގަކަށް އެއްވެސް އެއްޗެއް ބޭނުމެއް ނޫން. އޮތީ އެދުމެއް. މަޖުބޫރެއް ނޫން. މިކަމުގެ އަގަކަށް ވެސް ނޫން.” އަދުޝަނާއި ދިމާއަށް ބަލާލުމަށްފަހު އަލްމާއަށް ބަލާލަމުން ފަވާޒް ވާހަކަ ދެއްކިއެވެ.

“އޯކޭ. ބުނުއްވާ.” އަލްމާ އެދުނެވެ. ފަވާޒް ދައްކަން އެއުޅޭ ވާހަކަތައް އަޑުއަހަން އަލްމާ ކިތަންމެހާ ވެސް ބޭނުމެވެ.

“ފަވާޒް ބުނިހެން އަލްމާގެ މަސައްކަތާއިމެދު އަހަރެން ވެސް ވަރަށް ހިތްހަމަޖެހޭ. ވަރަށް އުފާވޭ. އަހަރުމެންގެ އެދުމަކީ އަލްމާގެ ކޯސް ނިންމުމަށްފަހު ވެސް މިތަނުގައި މަސައްކަތްކުރުން. މިހާރެކޭ އެއްގޮތަށް ވަޒީފާ އަދާކުރަމުން ކިޔަވަން ބޭނުމިއްޔާ އެ ފުރުސަތު ވެސް ދޭނަން. އަލްމާ ކަހަލަ ވަޒީފާއަށް ކަމޭހިތާ އަޚްލާޤު ރަނގަޅު ޒުވާނުން އަހަރުމެނަށް ވަރަށް މުހިންމު. އެކަމު.. އެއީ އަލްމާ ބޭނުންނަމަ.” މެނޭޖްމަންޓުން ބޭނުންވާގޮތް އެމީހުން ހުށަހެޅިއެވެ.

“އަޅުގަނޑާއިމެދު ކަންތައް ކޮށްދެއްވި ގޮތާއި ކޮށްދެއްވަމުން ގެންދަވާ ރަނގަޅުގޮތް ދުވަހަކު ވެސް ހަނދާނެއް ނުނެތޭނެ. އަދި ތިޔަ ފުރުސަތު ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރަން. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު ދެން ވެސް ހުންނާނީ ތިޔަ ބޭފުޅުންނާއިއެކު. އަޅުގަނޑަކީ ކާންދޭ އަތުގައި ދަތް އަޅާނެ މީހެއް ނޫން.” އަލްމާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އޭނާގެ މަސައްކަތް ބަލައިގަނެ އޭނާއާމެދު ހޮސްޕިޓަލުގެ ވެރިން އެހާ ރަނގަޅަށް ކަންތައް ކުރުން ވެގެން ދިޔައީ އަލްމާއަށް ލިބުނު ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމަކަށެވެ.

ލަންކާގައި ހުންނަ ދިވެހި އެންބަސީގައި މަސައްކަތްކުރާ މުއައްޒަފުންގެ ތެރޭގައި އަލްމާގެ ވަރަށް ގާތް ރައްޓެއްސެއް ހުރެއެވެ. ޒިނާންގެ ލިޔެކިޔުންތަކުގެ ކަންތައް ހަމަޖައްސައި ރާއްޖެ ދެވޭނެ ގޮތެއް ހޯދުމަށް އަލްމާއާ ޒިނާން އެންބަސީއަށް ދިޔައެވެ. ވެރިޔާއާ ބައްދަލުކުރުމުގެ ފުރުސަތު ވަރަށް ފަސޭހައިން ލިބުނެވެ.

މުރްޟަލާއަކީ ޒިނާން ދަންނަ މީހެއް ނޫން ނަމަވެސް މުރްޟަލާއަށް ޒިނާން އެނގުނެވެ. ޒިނާން ފެނުމާއިއެކު އަވަސްއަވަހަށް ސަލާމްކޮށްލަމުން ޙާލު ކިހިނެއްތޯ އެހިއެވެ. ލަންކާއަށް އައިސް ތިޔަ އުޅެނީ ކޮން ބޭނުމަކުތޯ އާއި އެންބަސީގެ ފަރާތުން ބޭނުންވަނީ ކޮން ކަމެއްތޯ އޮޅުންފިލުވިއެވެ.

ކަންތައްތައް ދިމާވެގެން އުޅޭގޮތް ކިޔައިދިނުމުން މުރްޟަލާ ވެސް ވަރަށް ދެރަވިއެވެ. އެކަމުގައި ކުރެވެން ހުރި ކަންތައްތައް ބަލައި ޒިނާނަށް ދޭންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް މުއައްޒަފުންނަށް އެންގިއެވެ. އޭނާގެ ފަރާތުން ނިންމަންޖެހޭ ކަންކަން ނިންމުމަށް އަވަސްވެގަތެވެ. އަލްމާގެ މަސައްކަތާއިމެދު އުފާކުރާކަމަށް ބުނެ އަލްމާއަށް ޝުކުރު އަދާކުރިއެވެ.

އެންބަސީގެ އެހީތެރިކަމާއިއެކު ޒިނާނަށް ރާއްޖެ އާދެވޭގޮތް ވިއެވެ. އަލްމާ ބޭނުންވީ ޒިނާނާއިއެކު އޭނާ ވެސް ރާއްޖެ ދާށެވެ.

އަލްމާގެ އެހީތެރިކަމަށް ޝުކުރު އަދާކުރަމުން އޭނާއަށް ފައިސާގެ އެހީތެރިކަމެއް ދިނުމަށް ޒިނާން މަސައްކަތްކުރި ނަމަވެސް އަލްމާ އެގޮތާއި އެއްބަހެއް ނުވިއެވެ. ޖަވާބު ބަދަލެއް ވެސް ނުވިއެވެ. ފައިސާގެ ކަންތައް ހުރީ ނިމިފައޭ ބުނެ ނިންމާލިއެވެ.

ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަށޭ ބުނާ އުސޫލުން އަލްމާމެނަށް އެގެއަށް އާދެވުނު ވަގުތުވީ އެންމެ ރަނގަޅު ވަގުތަށެވެ. އެމީހުން އެތަނަށް އަންނަންޖެހޭ ވަގުތަށެވެ. އެކަމަށް އެމީހުން އެންމެ މުހިންމުވި ވަގުތަށެވެ.

“ދައްތަގެ ތިޔަ ހެޔޮކަން އަހަރެން ދުވަހަކު ވެސް ހަނދާން ނައްތައެއް ނުލާނަން. ތިކަމުގެ އަގު ފައިސާއިން އަދާކުރެވޭނަމަ އެކަން ވެސް ކޮށްދޭން ބޭނުން.” އަލްމާއާ ދިމާއަށް އައި އަޙްމަދުގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

“އެހީއަކަށް އެދި އަހަރެން ދިއްކޮށްލި އަތުގައި ހިފި ހިސާބުން ސިމްނާއަކީ އަހަރެންގެ އެއްބަނޑު އެއްބަފާ ދައްތަ ކަމުގައި އަހަރެން ނިންމިން. އެ އެހީތެރިކަން ދުވަހަކު ވެސް އަހަރެން ހަނދާނުން ފިލައިގެން ނުދާނެ. އަހަރެންގެ ހިތުގެ އެދުން ފައިސާއަކުން ފުއްދައެއް ނުދެވޭނެ. އަހަރެންނަކީ ޔަތީމެއް. މަންމައެއްގެ ލޯބި ނުލިބުނުތާނގައި އެހީއަކަށް އެންމެ ބޭނުންވި ދުވަހު ބައްޕަ ނިޔާވެއްޖެ. ބައްޕަގެ ޢާއިލާއިން ވެސް އެހީތެރިކަމެއް ނުލިބުނު. މަންމަގެ ޢާއިލާއަކީ އަހަރެން ދަންނަ ބައެއް ނޫން. މާތް ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ނިދާލާނެ ތަނެއް ލިބުނު. ކިޔެވޭނެ ގޮތް މެދުވެރިވި. ސިމްނާ ދައްތަގެ އެ އެހީތެރިކަން ލިބުނު ހިސާބުން އަހަރެންގެ ވިސްނުން ބަދަލުވި. ދައްތަގެ އެދުން ފުރިހަމަކުރުމަށްޓަކައި ނަމަވެސް ކިޔަވައިގެން މޮޅު މީހަކަށް ވާން މަސައްކަތް ފެށިން. އެކަން ކާމިޔާބުވެސް ވި. އެކަމު.. ކަންތައް މިވީ ކިހިނެތް؟ އަހަންނަށްޓަކައި މަންމައަށް ނުވެވުނު ޤުރުބާން ވެދިން މީހާގެ ދަރިފުޅު މިދުނިޔެއިން ނެތި ދިޔައީ އަހަރެންގެ މަންމަގެ ސަބަބުން. ޔާ ﷲ! އަހަރެންނަށް ކެތްތެރިކަން ދެއްވާށި! ޔާ ﷲ! އަހަރެންނަށް ހިތްވަރު ދެއްވާށި! އަހަރެންގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދުމުގެ ހެޔޮ ތައުފީޤު މިންވަރުކޮށް ދެއްވާށި!” ރޮމުންރޮމުން ވާހަކަ ދައްކަމުންދިޔަ އަލްމާ މަޑުމަޑުން ތިރިވިއެވެ. ގައިން ވަރު ހުސްވީ ކަހަލައެވެ. ތަޅުންމަތީގައި އިށީންދެލަމުން ފާރުގައި ލެނގިލިއެވެ.

“ހިތްވަރު ކުރޭ. އަލްމާއަކީ ޔަތީމެއް ނޫން. އެޚިޔާލު ދޫކޮށްލާ. އެއީ މާޒީ. އަހަރެމެން އެންމެން މިތިބީ އަލްމާއާއެކު. އަހަރެމެން އަލްމާ ދޫކޮށެއް ނުލާނަން. އަލްމާއަކަށް އިހުމާލެއް ނުވާނަން. އަލްމާއަކީ ދޮންބެގެ ދޮންދަރިއަކަސް އަހަރެންނަށް ހަމަ ދަރިއެއްފަދަ ކުއްޖެއް. ޢާއިލާގެ މެންބަރެއް.” އަލްމާގެ އަތުގައި ހިފައި ކޮޅަށް ނަގަމުން ސިމްނާ ބައްދާލިއެވެ. ލޯތްބާއި އޯގާތެރިކަމާއެކު ބުރަކަށީގައި ފިރުމާލަމުން ހިތްވަރާއި ނަސޭޙަތް ދިނެވެ.

“ތިފަދަ ދަރިއަކު ލިބޭނީ ނަސީބުވެރިއަކަށް. މިއަދު ބައްޕަ ވަރަށް އުފާވެއްޖެ. ތިއީ ބައްޕަގެ ދޮންދަރިއެއް ނޫން. ހަމަ އަސްލު ދަރިއެއް. އަޙްމަދަށް ލިބޭ ކޮންމެ ޙައްޤެއް މިގެއިން ދަރިފުޅަށް ވެސް ލިބޭނެ.” ޒިނާނާއި ދިމާއަށް ބަލާލި އަލްމާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމުގެ ބޮޑުކަމުން އަލްމާއަށް ވާހަކަ ވެސް ނުދެއްކުނެވެ. އެތައް އިރެއްގެ މަސައްކަތުން ވެސް އަލްމާއަށް ބުނެވުނު ހަމައެކަނި ޖުމްލައަކީ ޝުކުރިއްޔާއެވެ.

އުންމީދު ވެސް ނުކުރާފަދައަކުން ލިބުނު ޢާއިލާއާއެކު އަލްމާގެ ދިރިއުޅުން އުޖާލާވެ އަލިވެގެން ދިޔައެވެ. އުންމީދުތައް ޙަޤީޤަތަކަށް ހެދުމަށް ބޭނުންވި ކޮންމެ ފުރުސަތެއް ފަހިވެގެން ދިޔައެވެ. ކަމެއް ވާނީ ބުނެފައެއް ނޫނެވެ. ދިރުމެއް އޮތިއްޔާ އުންމީދެއް ވާނެއެވެ.

ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.