ޑާކްރެެއިން އެންޓަޓެއިންމެންޓުން އަންނަ މާޗް މަހުގެ 4 ގައި ރިލީޒްކުރުމަށް ނިންމާފައިވާ ފިލްމު ‘ވަކިން ލޯބިން’ ގެ އެންމެ ފުރަތަމަ ޕްރޮމޯޝަނަލް ވީޑިއޯ ލަވައާއިއެކު ފުރަތަމަ ފަހަރަށް މިވަނީ ފިލްމުގެ މަންޒަރުތަކެއް ދައްކާލާފަ އެވެ. ނަމަވެސް ފިލްމުގެ ޕޯސްޓަރުތަކާއި ފޮޓޯތަކުން ފެންނަ އެންމެ މުހިންމު އެއް މޫނެއް ‘ވަކިން ލޯބިން’ ގެ ޕްރޮމޯޝަނަލް ލަވައިން ނުފެންނަކަން ފާހަގަ ކުރެވޭހެއްޔެވެ؟ ހަމަ ގައިމުވެސް މި ފިލްމާއި މެދު ޑާކްރެއިން އިން މިހައިތަނަށް ހާމަކޮށްފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު ފިލްމުގެ އަންހެން ލީޑް ކުޅެނީ ވޭތިވެދިޔަ ދިވެހި ފިލްމު އެވޯޑުން އެތަކެއް ވަނަތަކެއް ހޯދާފައިވާ މަރިޔަމް މަޖްދާ (މަޖޫ) އެވެ.
އަދިވެސް އެއްފަހަރު ‘ވަކިން ލޯބިން’ ގެ ޕްރޮމޯޝަނަލް ލަވަ ‘ޕަރީ’ ބަލާލަބަލާށެވެ. ހަމަ އެންމެ މަންޒަރަކުންވެސް މަޖޫ އެއް ނުފެންނާނެ އެވެ. ފިލްމުގައި މަޖޫ ކުޅުނު ބައިތައް ނުހިމަނާ ފިލްމުގައި ސަޕޯޓިން ރޯލުން ފެނިގެންދާ ނުޒުހަތު ޝުއައިބް ހިމަނައިގެން ފިލްމުގެ އާ އެޑިޓެއް ހެދީ ނޫންބާވައެވެ؟ ޑާކްރެއިނުން އެންމެ އިތުބާރުކުރާ އެ ސްޓޫޑިއޯއަށް ރަންވަނަތައް ހޯދައިދިން މަޖޫ އާއި މައްސަލައެއް ޖެހުނީ ނޫންބާވައެވެ؟
‘ޕަރީ’ ގެ ވީޑިއޯއިން ފެންނަ މަންޒަރުތަކުގެ މާބޮޑު ތަފްޞީލަކަށް ދާކަށް ނެތީމެވެ. މުޅި ލަވައިން ފެންނަނީ ފިލްމުގެ ފިރިހެން ލީޑް ޖުމައްޔިލް ނިމާލާއި އޭނާގެ ދަރިފުޅުގެ ބައިތަކެވެ. ދެން ފެންނަނީ ނުޒުހަތު ޝުއައިބް އާއި ޖުމަލް އާއި ދެމެދު ގުޅުންތަކެއް އުފެދެމުން، ބަދަހިވަމުން އަންނަ މަންޒަރެވެ. މި ހުރިހައި މަންޒަރެއް ފެންނަ އިރު ފިލްމުގެ ލީޑް ކަމަށް ބުނާ މަޖޫ ކޮބައިބާވައެވެ؟
ޖުމަލް އޭނާގެ ދަރިފުޅު ގޮވައިގެން ވަރަށް ހާލުގައި އެކަނިމާއެކަނި މި އުޅެނީ ކީއްވެގެންބާވައެވެ؟ މަޖޫގެ ހަމަ އެއްވެސް ފެނިލުމެއް ފިލްމުގައި ނެތީބާވައެވެ؟ އަހަރެންގެ ބޯގޮވުމުގެ ކުރިން މި ސުވާލުތަކުން އެއްކިބާވެލާނީ ފިލްމުގެ ނަމާއިމެދު ތަންކޮޅެއް ފުންކޮށް އަދި އެއް ފަހަރު ނަމަވެސް ވިސްނައިލަމުންނެވެ. މިއީ ‘ވަކިން ލޯބިން’ ނެވެ. ފިލްމުގައި ދައްކުވައިދެނީ މަޖޫ އާއި ޖުމަލް ވަކިން، އެހެންނަމަވެސް ލޯބިން އުޅޭގޮތެވެ. އެކަމަކު މަޖޫ ވީ ކޮންތާކުބާވައެވެ؟ ފިލްމުގެ ވަކި ހިސާބަކުން މަޖޫ މަރުވަނީ ހެއްޔެވެ؟ ‘ކުޗްކުޗް ހޯތާހޭ’ ގައި ރާނީ މުކަރުޖީ މަރުވެގެންދާހެން، ޖުމަލް އަށް ލޯބިލޯބި އަންހެން ކުއްޖެއް ހަދިޔާކޮށްފައި މަޖޫ ވަކިވެގެން ދަނީ ހެއްޔެވެ؟
އެކަމަކު…. އެކަމަކުވެސް ޕްރޮމޯޝަނަލް ލަވައިގައި މަޖޫގެ ހަމަ އެންމެ މަންޒަރެއްވެސް ނެތެވެ. އަނެއްކާވެސް އުފެދެނީ ހަމަ އެ ސުވާލެވެ. ފިލްމުގައި މަޖޫ ފެންނާނެހެއްޔެވެ؟ ‘ޕަރީ’ގައި މަޖޫ ކޮބައިހެއްޔެވެ؟
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!