ކުޑަކުދިންގެ ހިތުގައި ދިވެހިބަހަށް ލޯބިޖައްސައި، ދިވެހި ބަސް އުނގެނުމުގެ ޝައުޤްވެރިކަން އިތުރު ކުރުމުގެ ނިޔަތުގައި އޯލަ މީޑިއާ ޕްރައިވެޓް ލިމިޓެޑުން އުފެއްދި ދިވެހި ވާހަކަ އެޕް ރަސްމީކޮށް މިއަދު ލޯންޗްކޮށްފިއެވެ.

އިންސްޓަގްރާމްގައި މިއަދު ކުރިއަށް ގެންދިޔަ ލައިވް ހަރަކާތެއްގައި “އޯލަ” އެޕް ލޯންޗް ކޮށްދެއްވީ ތަޢުލީމީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރެއްވި އަދި ގިނަ ބައެއްގެ ލޯތްބާ އިޙްތިރާމް ހޯއްދަވާފައިވާ (ގަހާ) އަޙްމަދު ސަޢީދެވެ

އޯލަ އެޕް މިއަދު ލޯންޗްކުރީ އުމުރުން 7 އަހަރުން ދަށުގެ ކުދިންނަށް އަމާޒުކޮށް ތައްޔާރުކޮށްފައިވާ ވާހަކަތަކާ، މަޢުލޫމާތުގެ އިތުރުން އޯޑިއޯ ވީޑިއޯ ކޮންޓެންޓްތަކާވެސް އެކުގައެވެ.

“އަޅުގަނޑުމެންގެ އަމާޒަކީ ޤަވާއިދުން އާ ވާހަކަތަކާ ތައުލީމީ ކޮންޓެންޓް އެޕަށް އިތުރު ކުރަމުން ގެންދިއުން. މި އެޕް ވެގެންދާނީ ކުދިންނަށް ރައްކާތެރި އަދި ޝައުޤުވެރި ދިވެހި ކޮންޓެންޓް އެކުދިންނަށް ޤަވާޢިދުން ލިބޭނެ އެޕަކަށް.” އޯލަ އެޕް ތައްޔާރުކުރި އޯލަ މީޑިއާ ޕްރައިވެޓް ލިމިޓެޑްގެ ޕްރޮޖެކްޓް ލީޑް އަޙްމަދު ފަހުދު މި އެޕްލިކޭޝަންގެ މަޢުލޫމާތު ދެމުން ބުނެފައިވެއެވެ.

“އޯލަ” އެޕްގެ ހިލޭ ލިބޭ ވާޝަން އަބަދުވެސް އާންމުންނަށް ލިބޭނެއެވެ. ނަމަވެސް އިތުރު ކޮންޓެންޓާއެކު އެޕްގެ ޕްރީމިއަން ވާޝަންއެއް ކައިރި މުސްތަގުބަލެއްގައި އާންމުންނަށް ލިބޭނެކަމަށްވެސް އޯލަ ޓީމުން މަޢުލޫމާތު ދެއެވެ.

އޯލަ އެޕް ޑިވެލޮޕް ކޮށްފައިވަނީ ލޫޕްކްރާފްޓުންނެވެ. މި އެޕްލިކޭޝަން މިހާރު އެޕަލް ސްޓޯރުންނާއި ގޫގްލް ޕްލޭސްޓޯރުން ޑައުންލޯޑްކޮށްލެވެން ހުންނާނެއެވެ. “އޯލަ” އެޕާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު “އޯލަ” ވެބްސައިޓް https://oala.app/ އާއި އިންސްޓަގްރާމް https://www.instagram.com/oala.app/ އަދި ޓްވިޓަރ https://twitter.com/oala_app އިން ލިބޭނެއެވެ.

 

View this post on Instagram

 

A post shared by Oala (@oala.app)

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.