ނެށުމުގެ ހުނަރަކީ ހަމަ ގައިމުވެސް އަލީ އާޒިމް (ދޮން އައްޔަ) އަށް ލިބިފައިވާ މޮޅު ހުނަރެކެވެ. ނެށުމުގައި 15 އަހަރުވާންދެން އެކި ގްރޫޕްތަކުގައި އައްޔަ މަސައްކަތްކުރިި އެވެ. ޓީވީ ސްކްރީނުން އެންމެ ފުރަތަމަ އައްޔަ ފެނުނީ މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ދިން ފުރުސަތަކުންނެވެ. ވީޑިއޯ ލަވައަކުން ނެެވެ. އެއަށްފަހު ދެން އައްޔަ އަށް ފުރުސަތު ލިބުނީ ފައްތާހުގެ ފިލްމަކުންނެވެ. “އާދޭސް” ގައި އައްޔަ އަދާކުރީ ސައިޑް ރޯލެކެވެ. އައްޔަގެ ފިލްމީ ކެރިއަރ ފެށުނީ މިހިސާބުންނެވެ.

މުނިއަވަސް ގެ ކަޅި‘ އިން މިފަހަރު މި ބައްދަލުކޮށްލަނީ އަލީ އާޒިމް (ދޮން އައްޔަ) އާއި އެވެ. ތ. ބުރުނީގައި ‘ފޯޓީ ޕްލަސް’ ގެ ސެޓްގައި ހުރެގެން އައްޔަ ދިން އިންޓަވިއު އަށް ޖެހިލަަމާ ހިނގާށެވެ.

މުނިއަވަސް: ކިހިނެތް އެކްޓިންގ އަށް މި ވަދެވުނީ؟

އަލީ އާޒިމް (ދޮން އައްޔަ): އަސްލު ވަރަށް ކުޑައިރުވެސް އެކްޓްކުރާހިތްވޭ. ދެން އެހެންވެކަން ނޭނގޭ ނަށަން މި ފެށުނީ. ނަށަން ފަށައިގެން މިހެން ނަށަން އުޅެނިކޮށްދެން ސްޓޭޖް ޕާފޯމަންސް ތަކުގަ ފޭޝަލް އެކްސްޕްރެޝަން އާ އެއްޗެހިތައް ހަދާތީކަން ނޭނގެ ތަންކޮޅެއް ބޮޑަށް މީހުން ގަޔާވާކަހަލަ ގޮތެއްވީ.

އައްޔަމެން އެނިމޭޝަން ޑާންސް ގްރޫޕްގަ އުޅުނުއިރު އެތާ ތެރޭގަ ހެދީ ކުރު ފިލްމެއް ލޮލީޕޮޕް ކިޔާ އެއްޗެއް. ދެން ހަމަ އެތެރޭގަ މަޖަލަކަށް ކޮށްލި ކަމެއް، ދެން އެކަމަކު އެންމެން ނިންމީ އޭތި ނެރެން ކުޑަކުދިންނަށް. ދެން އެއީ ފުރަތަމަ އެއްޗެއް ކުޅެފަ އިންނާނެ އެއްޗަކީ. ދެން ބޮޑު ފިލްމެއް ފުރަތަމަ ލިބުނީ 2014 ގަ ފައްތާހުގެ އާދޭސް އިން. އެހިސާބުންކަން ނޭނގޭ ދާއިރާއަށް އަސްލު ނިކުމެވިފަ މީނދީ.

މުނިއަވަސް: މިހާރު ފިލްމީ ދާއިރާގަ ކުރަމުންދަނީ ކޮން ކަންތައްތަކެއް؟ އަދި ކުރިއަށް ހުރީ ކޮން ޕްރޮޖެކްޓް ތަކެއް؟

ދޮން އައްޔަ: މިހާރު މިއަހަރު ކުރިއަށް ވަރަށް މަސައްކަތްތައް އެބަހުރި. ދެން މިހާރު މިއުޅެނީ ފޯޓީ ޕްލަސް ގެ ޝޫޓިންގަ. ދެން މާލެ ގޮސްފަ ހަމަ މިމަހު ލީނާ ފިލްމުގަވެސް މުހިންމު ރޯލަކުން ހަމަ ބޮޑުރޯލަކުން ފެނިގެންދާނެ. ދެން ހަމަ އޭތި ނިމުމާ އެއްކޮށް ޔާރާ ޕްރޮޑަކްޝަން އިން ހަދާ އެއްޗެއްގަވެސް މަސައްކަތް އެބައިން. އަދި ހަމަ ޔޫއްޕެ ގެ އިތުރު ދެފިލްމަކާ އަދިވެސް އެހެން ބައެއްގެ ފިލްމަކާ އެބައުޅޭ. ވާހަކައަކީ ހުރިހާ އެއްޗެއްވެސް އިނީ ދެން އޯކޭވެފަ، އަދި ދެން ޑޭޓްތައް ފައިނަލް ނުވެ ހުރީ.

 

އައްޔަ މިހާތަނަށް ކުޅުނު ފިލްމުތަކުން އައްޔަގެ އެކްޓިން ބެލުންތެރިން ވަނީ ވަރަށް ބޮޑަށް ބަލައިގެންފަ އެވެ. ރަންދަރި، އާދޭސް، ނޯޓީ40 ފަދަ ފިލްމުތަކުން އައްޔަ އަށް ރަނގަޅު އެކްޓިންއެއް ދެއްކުނުކަން އެންމެ ބޮޑަށް ރަމްޒުކޮށްދޭ އެއްކަމަކީ ޢަބްދުލް ފައްތާހް އެންމެ ފަހުން ހެދި ފިލްމު “ހައްދު’ ގައި ތަފާތު މުހިންމު ރޯލެއް ކުޅުމުގެ ފުރުސަތު ދިނުމާއި ފާތިމަތު ނަހުލާ އެންމެ ފަހުން ހެދި ފިލްމު ‘ބޮސް’ އިންވެސް ހަމަ އެހާމެ މުހިންމު ރޯލެއް ކުޅުމުގެ ފުރުޞަތު ދިނުންކަމަށް ގަބޫލު ކުރެވެއެވެ.

މުނިއަވަސް: އައްޔަ އަށް އެންމެ ފަސޭހައީ އަދި އުނދަގުލީ ކޮންކަހަލަ ރޯލެއް ކުޅެން؟ މިސާލަކަށް ހިތާމަވެރި ބައިހޭ، ނޫނީ ކޮމިކް ބައިހޭ، ނޫނިއްޔާ ވަކި ބައެއް އޮވޭބާ ކުޅެން ފަސޭހަ ނުވަތަ އުނދަގޫ؟

ދޮން އައްޔަ: ކުރީގަ އަސްލު ވަރަށް އުނދަގޫ ރޯންޖެހޭ ބައެއް އިންނަ އެއްޗެއް ވެއްޖެއްޔާ ކުޅެން. އެކަމަކު އެދެން އާކޮޅުގަ ވީމަކަންނޭނގެ. ފުރަތަމަ ފިލްމުގަވެސް ޖެހުނީ ރޯ ބައެއް. އާދޭސް ގަ ހަމަ ވަރަށް ރޯންޖެހޭ ބައެއް ލިބުނީ. ދެން އެ ފިލްމުގަ ސީރިޔަސް ބައެއް ކުޅެން ވަރަށް އުނދަގޫވި. ދެން އެކަމަކު ވާހަކައަކީ އައްޔަ އަކީ އަސްލު މިޒާޖުގަވެސް އަސްލު ހަމަ ވަރަށް ‘ފަން’ މީހެއް. އެހެންވީމަ އަސްލު ‘ފަން’ އެއްޗެހި ކުޅެން ވަރަށް ފަސޭހަ. އެކަމަކު ކޮންމެ ކަހަލަ ރޯލެއް ވެސް މިހާރު އުނދަގުލެއް ނޫނޭ. ކޮންމެ ރޯލެއްވެސް އައްޔަގެ މެކްސިމަމް ގަ ހަމަ ކުޅެލެވޭނެ. އެހެންވީމަ ވަކި އުނދަގޫ ރޯލެއް މިހާރަކު ނީނދޭ.

 

ނޯޓީ40 ގައި އައްޔަ ކުޅެފައިވަނީ ޖުމްލަގޮތެއްގައި ބަލާއިރު ތަންކޮޅެއް ކުޑަކުޑަ ރޯލެއްކަމަށް ބެލެވެއެވެ. އެހެންނަމަވެސް މައުލޫމާތު ލިބޭގޮތުން ‘ފޯޓީ ޕްލަސް’ ގައި އައްޔަ މިކުޅެނީ ތަންކޮޅެއް ބޮޑު، މުހިންމު ރޯލެކެވެ.

މުނިއަވަސް: ‘ފޯޓީ ޕްލަސް’ ގަ އައްޔަ އަށް މި އިންނަނީ ކޮންކަހަލަ ރޯލެއް؟

ދޮން އައްޔަ: މީގަ އަސްލު ވަކި މީހަކަށް ވަކި ބޮޑުބައެއް ނީނދޭ. ހަމަ ހުރިހާ ކާސްޓުންނަށްވެސް ހަމަ އެއްވަރަކަށް އީކުއަލްކޮށް މި އިންނަނީ ‘ފޯޓީ ޕްލަސް’ ގަ. އެހެންވީމަ ހަމަ އެންމެންނެކޭ އެއްވަރު ރޯލެއް އިންނާނެ. ދެން އަނެއްހެން ބަލައިފިއްޔާ އެމީހަކަށް ލިބޭ ރޯލު އެމީހަކު ރަނގަޅަށް އަދާކޮށްފިއްޔާ އެކަން ބެލުންތެރިން ފާހަގަ ކުރާނެ ކަމަށް އައްޔަ މި ބަލަނީ. އައްޔަ އަކީ ފިލްމު ކުޅޭއިރު މިސާލަކަށް ލީޑް ނޫނިއްޔާ ނުކުޅޭނަމޭ ކިޔާފަ އެހެން އޮންނަ މީހެއްނޫން. އައްޔަ އަށް ކިތަންމެ ކުޑަރޯލެއް ދިނަސް އައްޔަ ބަލަނީ ބެލުންތެރިންނަށް އެންމެ ކަމުދާނެ ގޮތަކަށް، ބެލުންތެރިން ހިތްހަމަޖެހޭނެ ވަރަކަށް އައްޔަ ފަރާތުން އެކްޓިން ދައްކައިދެވޭތޯ. ފިލްމުގެ ޑައިރެކްޓަރ ހަމަ ހިތްހަމަޖެހެންދެން އެ ޝޮޓެއް އައްޔަ ހަދާނީ.

 

ނޯޓީ40 ގައި ދޮންއައްޔަ ދެއްކި އެކްޓިންއާމެދު ފިލްމުގެ ޕްރޮޑިއުސަރު ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފަ އެވެ. އެ ފިލްމުގައި އައްޔަ ދެއްކި އެކްޓިންއާމެދު ޝަފީޤް ބުނަނީ އައްޔަ ދެއްކި ބައި ވަރަށް ރަނގަޅު ކަމަށެވެ. އަދި އެކަމަށް ބަލާފައި ‘ފޯޓީ ޕްލަސް’ ގައި އައްޔަ އަށް ދީފައިވަނީ ވަރަށް ބޮޑު ރޯލެއް ކަމަށްވެސް މީގެ ކުރިން މުނިއަވަސް އަށް ޝަފީޤް ދިން އިންޓަވިއުއެއްގައި ފާހަގަކޮށްފައި ވެއެވެ. އެހެންނަމަވެސް ޝަފީޤް ގެ އެ އިންޓަވިއުގައި ފާހަގަ ކުރި ގޮތަށް އަދި ދޮން އައްޔަ ވެސް އެ ފާހަގަކުރިހެން، ޝަފީޤް ގެ ޕްރޮޑަކްޝަން ތަކުގައި މަސައްކަތްކުރަމުން އަންނަނީ އެއްވަރެއްގެ މުހިންމު ވަރުގަދަ ރޯލުތަކެއް ހަމަ ކޮންމެ ފަންނާނަކަށްވެސް ދިނުމަށެވެ. އެހެންނަމަވެސް ‘ފޯޓީ ޕްލަސް’ ގެ ވާހަކަ މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ މި ފިލްމުގައި ދޮން އައްޔަ އަދާކުރާ ކެރެކްޓަރ ރޯލަށް ކަމަށް ޝަފީޤް ވަނީ ބުނެފައެވެ.

ފިލްމު ‘ހައްދު’ ގައި ދޮން އައްޔަ އަދާކޮށްފައިވަނީ ވަރަށް ތަފާތު ރޯލެއް

ދޮން އައްޔަ: ކުރިން އެގޮތަށް އިނީ. ދެން ފަހުން ކާސްޓުން ލިބުމުގެ ދައްޗާ އެހެނިހެން ކުދިކުދި ބައެއް ކަންތައްތައް ހުރެގެން މިހާރު ސްޓޯރީ ކުޑަކޮށް ބަދަލުކޮށްފަ ވަނީ. އެހެންވީމާ ސީދާ އައްޔަ އަށް އެއްކޮށް ބޭސްވެފައެއް ނޫން، އެކަމަކު މީގަ ހަމަ ކުރީ ފަހަރަށް ވުރެން މިފަހަރުގެ ރޯލު ބޮޑުވެފަ، ކުރިއަށްވުރެން މުހިންމު ރޯލެއްގަ މިފަހަރު މިއުޅެނީ.

މުނިއަވަސް: އެކްޓިން އިމްޕްރޫވް ކުރަން އައްޔަ އެއްވެސް ކަހަލަ މަސައްކަތެއް އެބަކުރަންތަ މިހާރު؟

ދޮން އައްޔަ: އާނ ވަރަށް މަސައްކަތްކުރަން އަބަދުވެސް. ގާތްގަނޑަކަށް 2014 ގަ އައްޔަ ފުރަތަމަ ސްކްރީނަށް ނިކުތްއިރު، 2014، 2015 އަދި 2016 ގަ އެކްޓިން އިމްޕްރޫވް ކުރަން އައްޔަ ހަމަ އެއްވެސް މަސައްކަތެއް ނުކުރަން. އެއީ ދެން މި ދާއިރާ މިހާރު މިއޮތްވަރަށް އޭރުގަ އެހާ އެކްޓިވެއްވެސް ނޫން. އެހެންވެގެން އޭރުގަ ދެން އަބަދުވެސް އެއްބައެއް މިފެންނަނީ، އެއްބަޔަކަށް އަބަދުވެސް ޗާންސްވެސް މި ލިބެނީ. ދެން ފަހުންފަހުން އައިސް އައްޔަ ވެސް ހިތަށްއެރީ ދެން ކުޑަކޮށް އިމްޕްރޫވް ކޮށްލައިގެން ޓްރައިކޮށްލާނީއޭ ބައެއް ފިލްމުތައްވެސް ލިބެން ފަށައިފިއޭ. އެހެންވީމަ ‘އެންމެފަހު ވިންދާ ޖެހެންދެން’ އާއި ހިސާބުން އައްޔަ މަސައްކަތް ފަށައިފިން ހަމަ ވަރަށް ބޮޑަށް މި ރަނގަޅުކުރަން. އެހެންވީމަ 2017 އެއީ އައްޔަ ހަމަ ވަރަށް ވޯރކް ކޮށްގެން ހަމަ ވަރަށް ބުރަ މަސައްކަތް ކޮށްގެން ހަމަ ކޮންމެ ފިލްމެއްގަވެސް މަސައްކަތް ކޮށްފަ ހުންނާނީ. ‘ހައްދު’ ވިޔަސް ‘ބޮސް’ ވިޔަސް، ދެން އެހެންގޮސް ހަމަ ކޮންމެ ފިލްމެއްވެސް. އިމްޕްރޫވް ކުރަން ޑޭބައިޑޭ ހަމަ އެއް ފިލްމަކަށްވުރެން އަނެއް ފިލްމެއްގަ ރަނގަޅުކުރަން ހަމަ ވަރަށް މަސައްކަތްކުރަން.

ދަވަންސޫރަ އިން ދޮން އައްޔަ ފެނިގެންދާނީ ވަރަށް ތަފާތު ކެރެކްޓަރ އަކުން

އައްޔަ ގެ ފިލްމެއް އެންމެ އަވަހަށް ނިކުންނާނީ ދެވަންސޫރަ އެވެ. މި ފިލްމުގައި އައްޔަ އަދާކުރީ ކޮންކަހަލަ ރޯލެއްތޯ އާއި ޝޫޓިން އާއި ބެހޭ ބައެއް ކަންތައްތައްވެސް އޮޅުންފިލުވައިލީމެވެ.

ދޮން އައްޔަ ބުނީ ‘ދެވަންސޫރަ’އި ގައި އޭނާ ކުޅެފައިވާ ރޯލަކީ ކުޅެލަން ވަރަށް ބޭނުންވެފައި ހުރި ރޯލެއް ކަމަށެވެ. އަދި ޔޫއްޕެ އާއި އެކުގައި އެފަދަ ރޯލެއް ކުޅެލަން ލިބުމުން އައްޔަ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ކަމަށްވެސް ބުންޏެވެ.

ދޮން އައްޔަ: އުއްމީދުވެސް ނުކުރަން މިސާލަކަށް ޔޫއްޕެ އާ އެއް ލެވެލް އެއްގަ މަސައްކަތްކޮށްލަން ލިބޭނެޔެކޭ އަސްލު ހިތަށްވެސް ނާރުވަން. އެކަމަކު ހަމަ އެފުރުޞަތުވެސް މީނދީ ‘ދެވަންސޫރަ’އިން ލިބިފަ.

އައްޔަ ބުނާނީ މިއަހަރުގެ ހަމަ އެންމެ ތަފާތު އެއް ކެރެކްޓަރ އަށް އައްޔަގެ ވާނޭ ‘ދެވަންސޫރަ’އިގަ މީނދަ ކެރެކްޓަރ. މި ކެރެކްޓަރ ބެލުންތެރިން ބަލައިގަންނާނެ، ވަރަށް ތަފާތު މޮޅު ކެރެކްޓަރ އެއް އޭގަ އައްޔަ ދައްކުވައިދީފަ އިންނާނީ.

ފިލްްމީ ދާއިރާގައި ޔޫއްޕެ، ސީޒަން، މަނިކް، ސައީދު ގެ އެހީ ވަރަށް ބޮޑަށް ލިބޭކަން އައްޔަ ފާހަގަކުރޭ

އައްޔަ ބުނީ މި ދާއިރާގައި މަސައްކަތްކުރަމުން އަންނައިރު ސީނިއާ ސްޓާރުންގެ ފަރާތުން އަބަދުވެސް ވަރަށް ބޮޑު އެއްބަރުލުމަކާއި އެހީތެރިކަމެއް ލިބެމުން އަންނަކަމަށެވެ.

ދޮން އައްޔަ: ޚާއްޞަކޮށް ފާހަގަކޮށްލަން ސީޒަން، ޔޫއްޕެ މި ދެމީހުން ފާހަގަކޮށްލަން. ދެން މަނިކު، ސައީދު މި ހަތަރު މީހުން.

 

އައްޔަގެ ބަސްދީގަތުން ނިންމާލުމުގެ ކުރިންވަނީ ދެވަންސޫރައިގެ ލީޑް ކުޅެފައިވާ ޝިފާގެ އެކްޓިން އާއިމެދުވެސް ވާހަކަ ދައްކާފަ އެވެ.

ދޮން އައްޔަ: ސަޅިކުދިން އެބައުޅޭ، ހަމަ ވަރަށް މޮޅު އާކުދިން އެބައުޅޭ. ‘ދެވަންސޫރަ’ އިގެ ލީޑްގަ މިފެންނަ ޝިފާ އެވެސް ހަމަ ވަރަށް މޮޅު ތަފާތު ކުއްޖެއް. މިބުނީ ފެންނާނެ އޭނަގެ ތަފާތު މި އަލަށް ނިކުތް މީހުންނާ އަޅާ ބަލާއިރު ވަރަށް ތަފާތު މޮޅު ކުއްޖެއް އޭނައަކީ.

 

އައްޔައަށް ވަނީ ރާއްޖޭގެ ނިސްބަތުން ފިލްމު އުފެއްދުމުގައި އެންމެ ހައި ޕްރޮފައިލް މީހުންގެ ޕްރޮޖެކްޓްތަކުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިފައެވެ. އެގޮތުން ޑާކްރެއިން އެންޓަޓެއިންމެންޓް، ފާތުމަތު ނަހުލާ، ޢަބްދުލް ފައްތާހް އަދި ޔޫއްޕެ ހިމެނެއެވެ. އެގޮތުން ފިލްމު ހައްދު ގައި އައްޔަ ކުޅެފައިވަނީ ވަރަށް ތަފާތު ކެރެކްޓަރ އެކެވެ. އެ ކެރެކްޓަރ އާއިމެދު އައްޔަ ބުނާއެއްޗެއްވެސް ބަލައިލީމެވެ.

‘ބޮސް’ ގެ މަންޒަރެއްގައި ދޮން އައްޔަ އާއި ޔުނާން

ދޮން އައްޔަ: އެއީ އަސްލު ވަރަށް ތަފާތު ކެރެކްޓަރ އެއް. ދެން އެއީކަން ނޭނގޭ މިދިޔަ އަހަރު އައްޔަ ބޮޑަށް ނޯޓިސްވި ރޯލަކީވެސް. ހައްދުގަ އިންނާނީ މުޅިން ތަފާތު ކެރެކްޓަރ އެއް. އައްޔަ ކުޅެފަ އިންނާނީ ވަރަށް ދީންވެރި މީހެއްގެ ކެރެކްޓަރ އެއް. ވަރަށް ސީރިއަސް މިޒާޖެއްގެ މީހެއްގެ ގޮތުގަ. އެހެންވީމަ ބުނެވޭނީ އެއީ ކޮށްލެވުނު ވަރަށް ތަފާތު އެކްސްޕީރިއަންސެކޭ. އެންމެ ތަފާތު އެކްސްޕީރިއަންސް.

އެންމެ ފާހަގަކޮށްލެވޭ ސީން ވެސް ކުޅެވިފަ އިނީ މިހާތަނަށް ހައްދު ގަ. ހައްދު ހަމަ ވަރަށް ބޮޑަށް ފާހަގަކޮށްލަން. އަދި ހަމަ މި ފުރުޞަތުގަ ފައްތާހު އެވަރު އިތުބާރެއް ކޮށްފަ އެވަރުގެ ރޯލެއް ދިނީތީ އެކަމަށްވެސް ހަމަ ޝުކުރުއަދާކުރަން ފައްތާހަށް.

 

ފިލްމީ ދާއިރާއިން އައްޔަ އަށް އެހީތެރިވެދެމުން އަންނަ ހުރިހައި ފަރާތްތަކަށްވެސް އައްޔަ ޝުކުރުއަދާކުރެ އެވެ.

ދޮން އައްޔަ: މި ފުރުޞަތުގަ އަސްލު ވަރަށް ބޮޑަށް ޝުކުރު އަދާކޮށްލަން ބޭނުންވޭ ސީޒަން، ޔޫއްޕެ. އަބަދުވެސް ޔޫއްޕެ އައްޔަ އަށް މިވަރު އިތުބާރެއް ކޮށްފަ ޔޫއްޕެ ގެ ކޮންމެ ފިލްމެއް އަދި ޑްރާމާއެއްގަވެސް އައްޔަ އަށް ވަރަށް އިސްކަންދޭ. އެހެންވީމަ ހަމަ މި ފުރުޞަތުގަ ޔޫއްޕެއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން ބޭނުން، އަދި ޝަފީޤް، ސީޒަން މިހެން ގޮސް ސީނިއާ ލެވަލްގަ ވޯކްކުރާ ހުރިހައި އެންމެންނަށް، ފައްތާހު އަދި ނަހޫއަށްވެސް.

 

މުނިއަވަސް އަށް ދިން މި ޚާއްޞަ އިންޓަވިއު ނިންމާލުމުގެ ކުރިން އައްޔަ އެންމެ ބޮޑަށް ޝުކުރުއަދާކޮށްލަން ބޭނުވީ އައްޔަ ގެ ފޭނުންނަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.