ދިވެހި އަދަބިއްޔާތަށާ ދިވެހި މުނިފޫހިފިލުވުމުގެ ދާާއިރާގެ އިތުރުން ތަފާތު ރޮނގުރޮނގުން ގިނަ ޚިދްމަތްތަކެއް ކުރެއްވި ކޮޕީ މުޙައްމަދު ރަޝީދު އަވަހާރަވުމުގެ ހިތާމައިގައި ދިވެހި ބަހުގެ އެކަޑަމީން ތަޢުބީންގެ ޖަލްސާއެއް ބާއްވައިފިއެވެ. ރޭ ބޭއްވި ތައުބީނުގެ ޖަލްސާގައި ކޮޕީ ރަޝީދުގެ ޚިދުމަތްތަކާއި ހަނދާންތައް ޖަލްސާގެ އެކި ހިސާބުތަކުން އާއިލާގެ ބޭފުޅުންނާއި ގާތް އެކުވެރިންގެ ގޮތުގައި ތިބި ބޭފުޅުންވަނީ ޙިއްސާކޮށްފައެވެ.

ތައުބީންގެ ޖަލްސާގައި ކޮޕީ ރަޝީދުގެ ކާފަ ދަރިފުޅެއް ކަމުގައިވާ ލާރާ ވަނީ ކާފަ ވަރަށް ލޯބިން ލާރާއަށް ހެއްދެވި ނަސޭހަތުގެ ލަވައެއްވެސް ހިއްސާކޮށްފައެވެ.

މިޖަލްސާގައި ކޮޕީ ރަޝީގެ ޚިދުމަތްތައް ފާހަގަކުރައްވަމުން ދިވެހި ބަހުގެ އެކަޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވިދާޅުވީ، ކޮޕީ މުޙައްމަދު ރަޝީދަކީ ފަހުގެ ތާރީޚެއްގައި ދިވެހި ޤައުމު ދުށް ހުނަރުން ފުރިގެންވާ ކުޅަދަނާ ބޭފުޅެއްކަމަށާއި، އަދި ހުރިހާ ފަންނެއް އެކުލެވިފައިވާ ޝަޚުސިއްޔަތެއްކަމަށެވެ.

“ކޮޕީ ރަޝީދުގެ ވާހަކަދައްކަން ފަށާއިރު ފުރަތަމަ ހިއްސާކުރާނީ އޭނާގެ ކޮންފަންނެއްކަމެއްވެސް ނޭނގެ. އަތޮޅުވެރިކަމާއި، ޕްރިންސިޕަލްކަމުން ފެށިގެން ގޮސް ކޮން ކަމެއްތޯ އަދަބިއްޔާތުގެ ދާއިރާއިން ނުކުރައްވަނީ. އެއީ ހުރިހާ ފަންނެއް އެކުލެވިފައިވާ ކުޅާދާނަ ޝަޙްސިއްޔަތެއް” ޑރ. އަޝްރަފް ވިދާޅުވިއެވެ.

އަޙްމަދިއްޔާ ސްކޫލްގައި ބޭއްވި ކޮޕީ ރަޝީދުގެ ތައުބީނުގެ ޖަލްސާގައި ކޮޕީ ރަޝީދުގެ ގާތް ރަޙުމަތްތެރިންގެ ތެރޭގައި ހިމެނޭ ކަށިމާ ޝާކިރާއި، ރޯނު ޙަސަންމަނިކު ވަނީ ކޮޕީގެ ވަކިވެދިއުމާއި ގުޅިގެން ހަނދާންތައް އައުކޮށް، އެބޭފުޅުންގެ ޝުޢޫރުތައް ހިއްސާކޮށްފައެވެ.

މިޖަލްސާގައި ކޮޕީ ރަޝީދު އަވަހާރަވުމާއި ގުޅިގެން ދިވެހި ބަހުގެ އެކަޑަމީން ހުޅުވި ތައުޒިޔާގެ ދަފްތަރުގެ ފޮތް އާއިލާއާވަނީ ހަވާލުކޮށްދެއްވާފައެވެ. ފޮތް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

ކޮޕީ މުހައްމަދު ރަޝީދު އަވަހާރަވީ މިދިޔަ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.