ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ސެވިއްޔާއާ ވާދަކުރި މެޗު 1-1 އިން އެއްވަރުވެ، ބާސެލޯނާ އިން އަހަރު ނިންމާލައިފިއެވެ.
މިއަހަރަކީ ފަހުގެ ތާރީހެއްގައި ބާސެލޯނާ އަށް އެންމެ ބޮޑެތި ގޮންޖެހުންތައް ދިމާވި އަހަރެވެ. އެޓީމުގެ ތަރި ލިއޮނަލް މެސީ ކުލަބު ދޫކޮށްލުމާއި، މާލީ ގޮތުން ކުލަބު ހާލަތު ދަށްވެ، ކުޅުންތެރިންގެ މުސާރައިގެ ކަންކަން ހަމަނުޖެއްސުމުގެ އިތުރުން ކޯޗުން ބަދަލުކޮށްގެން ވެސް ބާސެލޯނާ މިއަހަރު ކުރީ ހިތި ތަޖުރިބާއެކެވެ. އަދި، ޔުއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި ޔޫއެފާ ޔޫރޮޕާ ލީގުގައި ކުޅެން ޖެހުނުއިރު މިހާރު ލީގުގައި އެޓީމު އޮތީ އަންނަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޖާގައެއް ވެސް ނުލިބޭ ހިސާބެއްގައެވެ.
ރޭގެ މެޗުގެ ފުރަތަމަ ލަނޑު 32 ވަނަ މިނެޓުގައި އިވާން ރަކިޓިޗްގެ އެހީތެރިކަމާ އެކު ޖެހީ ސެވިއްޔާގެ ޕާޕޫ ގޯމޭޒެވެ. ބާސެލޯނާ އިން އެއްވަރުކުރި ލަނޑު ފުރަތަމަ ހާފުގެ ފަހުމިނެޓުގައި އުސްމާން ޑެމްބެލޭ ނަގައިދިން ހުރަހަކުން ޖެހީ ރޮނާލްޑް އަރައުހޯ އެވެ. ދެ ވަނަ ހާފުގެ 64 ވަނަ މިނެޓުގައި ސެވިއްޔާގެ މުހިއްމު ޑިފެންޑަރު ޖޫލްސް ކޫންޑޭ އަށް ރެފްރީ ސީދާ ރަތް ކާޑެއް ދެއްކުމުން އެޓީމުން މެޗުގެ ބާކީ ބައި ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކުގައެވެ.
ސެވިއްޔާގެ އެއްކުޅުންތެރިއަކު މަދުވި ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުންހިފައި ބާސެލޯނާ އަށް މެޗުން މޮޅުވެވޭ ގޮތެއްނުވިއެވެ. ދެ ވަނަ ހާފުގައި ބާސެލޯނާގެ ގަވީ ހުސްކޮށް ހުރެ ބޮލުން ޖެހި ބޯޅައެއް ބޭރަށް ދިޔައިރު ޑެމްބެލޭ ގޯލަށް އަމާޒުކޮށްލި ބޯޅަ ޖެހުނީ ދަނޑީގައެވެ. އަދި، ސެވިއްޔާގެ ލޯނު އުސޫލުން ބާސެލޯނާ އަށް ކުޅެމުން އަންނަ ލޫކް ޑި ޔޮން މެޗުގެ އިތުރު ވަގުތުގައި ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ސެވިއްޔާގެ ކީޕަރު އަތަށެވެ.
ރޭގެ ނަތީޖާއާ އެކު ބާސެލޯނާ މިހާރު އޮތީ 18 މެޗުން ލިބިފައިވާ 28 ޕޮއިންޓާ އެކު ތާވަލުގެ ހަތް ވަނައިގައެވެ. މޮޅެއް ނުލިބުމުން އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު ސެވިއްޔާ އަށް ވަނީ ބޭކާރުވެފައެވެ. ލީގުގެ އެއް ވަނައިގައި 43 ޕޮއިންޓާ އެކު ރެއާލް އޮތްއިރު ދެ ވަނައިގައި ސެވިއްޔާ އޮތީ 38 ޕޮއިންޓާ އެކުގައެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- އަޙްމަދު ޝާމިން މައިގަނޑު ގޮތެއްގައި ލިޔާނީ ކުޅިވަރު ޚަބަރުތަކެވެ. ފިލްމީ އަދި މިއުޒިކީ ދާއިރާ ނޫން އެހެން ހުރިހައި ދާއިރާތަކަށް ވެސް ޝާމިން ލިޔާނެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 5 ޖެނުއަރީ 2022ޚަބަރުކޮވިޑް ކޭސްތައް ގިނަވެ އިނގެރޭސި ލީގު ކަޕް ސެމީ ފައިނަލް މެޗު ފަސްކޮށްފި
- 4 ޖެނުއަރީ 2022ޚަބަރުއާ އަހަރު ކުޅުނު ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވެއްޖެ
- 4 ޖެނުއަރީ 2022ޚަބަރުފްރެންޗް ކަޕްގެ ގެ ގަދަ 16 އަށް ޕީއެސްޖީ ދަތުރުކޮށްފި
- 2 ޖެނުއަރީ 2022ޚަބަރުރޮޑްރީގެ ގޯލުން ފަހު ވަގުތު ސިޓީން އާސެނަލް ބަލިކޮށްފި