“ތޭރީ ގަލިޔާނ، ގަލިޔާނ ތޭރީ ގަލިޔާ” އަދި “ސުން ރަހާ ހޭ”  ލަވައާއި ފިލްމު “ޢާޝިޤީ2″ގެ ލަވަތައް ކޮމްޕޯޒްކޮށް ބައެއް ލަވަތައް ކިޔާފައިވާ ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ޕްރޮޑިއުސަރު އަދި ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ އާއެކު އައު އަހަރު ފެށުން ފާހަގަކުރުމަށް ބާއްވާ “މަރުހަބާވީސް” ޝޯވއަށް ތައްޔާރު ހެއްޔެވެ؟

“މަރުހަބާވީސް”ގެ ނަމުގައި ޔޫތު މިނިސްޓްރީން އިންތިޒާމުކުރާ މި ޝޯ އޮންނާނީ މިމަހުގެ 31ވާ ހުކުރު ދުވަހުގެ ރޭ 8:30 ގައި ހުޅުމާލެ ދުވާ ޓްރެކުގަ އެވެ. މި ޝޯގައި ދިވެހި ބައެއް އާޓިސްޓުންގެ ހުށަހެޅުންތައް ވެސް އޮންނާނެ އެވެ.

ހިންދީ ލަވަތަކުން މަޝްހޫރުކަން ހޯދާފައިވާ އަންކިތު އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް މަޝްހޫރުވި 2013 ގައި ނިކުތް ބޮލީވުޑްގެ ފިލްމެއް ކަމަށްވާ “އާޝިގީ 2” ގެ ބައެއް ލަވަތައް ކޮމްޕޯޒް އަދި ކިޔައިގެން ބޮޑު މަގުބޫލު ކަމެއް ހޯދި ލަވަކިޔުންތެރިއެކެވެ.

އަންކިތުމިއުޒިކް ޑައިރެކްޓުކޮށް، އަމިއްލަ އަޑުން ކިޔާފައިވާ “ސުން ރަހާ ހޭ” ލަވައިން ފުރަތަމަ ފަހަރަށް އޭނާ އަށް، ބޮލީވުޑްގެ އެންމެ ގްރޭންޑް އެވޯޑު ކަމަށް ފިލްމުފެއާގައި ބެސްޓް މިއުޒިކް ޑައިރެކްޓާގެ އެވޯޑު ލިބުނެވެ. އޭގެ ފަހުން 2014 ގައި ނެރުނު ބޮލީވުޑްގެ ފިލްމު “އޭކް ވިލަން” ގެ ލަވަ “ގަލިޔާ” ކިޔައިގެން ބެސްޓް ޕްލޭ ބެކް ސިންގާގެ ފިލްމުފެއާ އެވޯޑު އޭނާ އަށް ލިބުނެވެ. އަދި މިދިޔަ ހަތް އަހަރު ތެރޭގައި ފިލްމުފެއާގައި ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރުޖިތު ސިންގު ވައްޓާލާއި، މި އެވޯޑު ކާމިޔާބުކުރެވުނު ހަމައެކަނި ލަވަކިޔުންތެރިޔާ އަކީ ވެސް އޭނާ އެވެ.

ޔޫތު މިނިސްޓްރީން އާއްމުކޮށްގައިވާ ޕްރޮމޯއެއްގައި އަންކިތު ބުނެފައިވަނީ 31 ޑިސެމްބަރުގައި ބާއްވާ ޝޯއަށް އޭނާ މާލެ އަންނަ ކަމަށާ، މިއީ އޭނާ އަލަށް މާލެ އަންނަ ފަހަރު ކަމަށެވެ.


އާ އަހަރު ފާހަގަކުރަން މީގެ ކުރިން ރާއްޖެ އަށް ބޮލީވުޑްގެ މަޝްހޫރު އެކްޓަރުންނާއި ލަވަކިޔުންތެރިން ވެސް ގެނެސްފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.