ރާއްޖޭގައި އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނު ކުރާނެ ޒަމާނީ ވަސީލަތްތައް ހިމެނޭ “އޭޓީސީ ސިމިއުލޭޓަރ”ގެ ޚިދުމަތް ޤާއިމުކޮށް އެއަރ ޓްރެފިކް ކޮންޓްރޯލަރުން ތަމްރީނުކުރަން ތައްޔާރުވެއްޖެއެވެ.

“އޭޓީސީ ސިމިއުލޭޓަރ”ގެެ ޚިދުމަތްތައް ރަސްމީކޮށް ފެށުމަށް މިމަހު 28 ވަނަ ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ތަން ހުޅުއްވައި ދެއްވީ އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނެވި ޑެޕިއުޓީ ޗީފް އޮފިސަރު އިބްރާހިމް ޠާހާ އެވެ.

މި ޚިދުމަތް ފައްޓަވައިދެއްވަމުން ޠާހާ ވިދާޅުވީ، އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމަށް ބޭނުންވާ ދުނިޔޭގެ ފެންވަރުގެ ސިމިއުލޭޓަރެއް ގާއިމު ކުރުމުކީ މުޅި އެއާޕޯޓަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އެއާ ޓްރެފިކް ކޮންޓްރޯލް ކުރަން މީގެ ކުރިން ވަރަށް ބޮޑު ގޮން ޖެހުމަކާ ކުރިމަތިވި ކަމަށާއި އެ ދާއިރާ އިން މީހުން ތަމްރީނު ކުރަން އެތައް މިލިއަން ރުފިޔާއެއް ހޭދަކުރާ ކަމަށްވެސް ޠާހާގެ ވާހަކަައިގައި ފާހަގަކުރެއްވި އެވެ.

“މި އިންވެސްޓްމެންޓާ އެކު ކުރިއަށް އޮތް ތަނުގައި ވަރަށް ކުޑަކުޑަ ފައިސާ ކޮޅަކުން ކޮންޓްރޯލަރުން ތަމްރީނު ކުރެވޭނެ،” ޠާހާ ވިދާޅުވި އެވެ.

މި ސިމިއުލޭޓަރުން ދެން ރާއްޖޭގައި ކޮންޓްރޯލަރުން ތަމްރީނު ކުރެވޭނެ. ކުރިއަށް އޮތްތަނުގައި ޓްރެއިނަރުން ވެސް މި ދާއިރާ އިން ތަމްރީނު ކުރާނަން،” ތޯހާ ވިދާޅުވި އެވެ.

ހަތަރު މިލިޔަން ރުފިޔާ ހޭދަކޮށްގެން ޤާއިމުކޮށްފައިވާ އޭޓީސީ ސިމިއުލޭޓަރ ސެޓަޕް ޤާއިމުކުރުގެ މަސައްކަތް ފެށީ2019 ވަނަ އަހަރުއެވެ. މިއީ އިނގިރޭސި ވިލާތުގެ މައިކްރޯނޭވުން އުފައްދާފައިވާ ސިމިއުލޭޓަރެކެވެ. އެއީ މިފަދަ ސިމިއުލޭޓަރު ހެދުމުގައި ދުނިޔޭގައި ވެސް މަޝްހޫރު ކުންފުންޏެކެވެ.

ރާއްޖޭގައި 100 އެއްހާ އެއަރ ޓްރެފިކް ކޮންޓްރޯލަރުން އެކިއެކި އެއަރޕޯޓްތަކުގައި މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ހުރިހައި އެއަރޕޯޓަކަށް އެއަރ ޓްރެފިކްގެ ޚިދުމަތްދޭ ކޮންޓްރޯލަރުންނަކީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންނެވެ.

ރާއްޖޭގައި 17 އެއާޕޯޓެއް އޮތް އިރު މި ވަގުތު ވެސް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް އެއާ ޓްރެފިކްގެ ދާއިރާ އިން 22 ވަރަކަށް އިތުރު މުވައްޒަފުން ބޭނުންވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.