އެކްޝަން ތުރިލަރ “ލައިގަރ”ގެ ފުރަތަމަ ޓްރެއިލަރ ގައި ވިޖޭ ޑެވަރަކޮންޑާ ފެނިގެންދަނީ މިކްސްޑް މާރޝަލް އާޓްސް (އެމްއެމްއޭ) ފައިޓަރ އެއްގެ ގޮތުގައި.

2022 ވަނަ އަހަރު އެންމެ އިންތިޒާރުކުރެވޭނެ އެއް ފިލްމު، ބޮލީވުޑްގެ ފިލްމު “ލައިގަރ” ސިނަމާތަކުގައި ރިލީޒްކުރާނީ 25 އޮގަސްޓް ގައެވެ. މި ފިލްމުގެ ޓްރެއިލަރ އެއް އާއްމުކޮށްފައިވާއިރު، ވިޖޭ ޑެވަރަކޮންޑާ ފެނިގެންދާނީ ބޮކްސިންތެޅުންތެރިއެއްގެ ގޮތުގައެވެ.

ދަރްމާ ޕްރޮޑަކްޝަންގެ ޔޫޓިއުބް ޗެނަލަށް ޑިސެމްބަރު 31 ވަނަ ދުވަހު ލާފައިވާ ޓްރެއިލަރ އަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “ލައިގަރ’ގެ ޓްރެއިލަރ:-

2017 ވަނަ އަހަަރު ރިލީޒްކުރި ތެލުގޫ ފިލްމު “އަރްޖުން ރެޑީ” އިން ފެނިގެންދިޔަ އެކްޓަރ ވިޖޭ ޑެވަރަކޮންޑާ ވަނީ އައު އަހަރު ފެށުމުގެ ކުރިން ފިލްމުގެ މަންޒަރެއް ހިއްސާކުރާނެ ކަމަށް ބުނެފައެވެ. ވިޖޭ ވަޢުދުވި ގޮތަށް އޭނާގެ ޓްވިޓަރގައިވެސް މި ފިލްމުގެ ޕްރޮމޯއެއް ހިއްސާކޮށްފައިވެއެވެ.

ފިލްމު “ލައިގަރ”ގައި ވިޖޭ ޑެވަރަކޮންޑާ އަކީ އެމްއެމްްއޭ ފައިޓަރ އެކެވެ. މި ފިލްމުގައި ދައްކުވައިދޭނީ އޭނާގެ ފައިޓްތައް ކާމިޔާބުކުރުމަށް ކުރާ މަސައްކަތްތަކެވެ. މި ފިލްމުގައި އޭނާ ފެނިގެންދާނީ ފޭނުންނަށް މީގެ ކުރިން ފެނިފައި ނުވާފަދަ ތަފާތު ގޮތަކަށް، ވަރުގަދަ ރޯލަކުންނެވެ.

އާއްމުކޮށްފައިވާ ޓްރެއިލަރ އިން ވިޖޭ ޑެވަރަކޮންޑާ ސިފަކޮށްފައިވަނީ މުންބާއީގެ މަގުމަތީގައި ސައިވިއްކަން އުޅޭ މީހެއްގެ ގޮތުގައި އުޅުމަށްފަހު އެމްއެމްއޭގެ މެޗްތަކުގައި ‘ލައިގަރ’ގެ ނަމުގައި ބައިވެރިވެ ފައިޓްކުރާ މީހެއްގެ ގޮތުގައެވެ. ވިޖޭގެ ބޮކްސިންތެޅުމުގެ ހުނަރުވެރިކަން ފެނި ސަޕޯޓަރުން ކެކިއަރައެވެ. މި ފިލްމުގައި ރާމްޔާ ކްރިޝްނާ ފެނިގެންދާނީ ވިޖޭގެ މަންމަގެ ރޯލުންނެވެ. ރޮނިތު ރޯއީ ފެނިގެންދާނީ ވިޖޭގެ ކޯޗުގެ ގޮތުގައެވެ.

ޕޫރީ ޖަގަންނާތުގެ މި ފިލްމުގައި ވިޖޭ ޑެވަރަކޮންޑާ، އަނަންނިޔާ ޕާންޑޭ، ކުރީގެ މަޝްހޫރު ބޮކްސިން ޗެމްޕިއަން މައިކް ޓައިސަން ހަރަކާތްތެރިވެއެވެ. ބޮޑު އިސްކިރީނުތަކަށް މި ފިލްމު ހިންދީ، ޓެލުގޫ، ޓަމިލް، މަލަަޔާޅަމް އަދި ކަންނާޑާ ބަހުން ޑަބްކޮށް ގެނެސްދޭނެއެވެ.

މި ފިލްމު ޑައިރެކްޓްކުރީ ޕޫރީ ޖަގަންނާތު އެވެ. މިއީ ޕޫރީ ޖަގަންނާތު، ޗާރްމޭ ކޯރް އަދި ކަރަން ޖޯހަރް ގުޅިގެން ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.