ސަކަ މަޖާ މަންޒަރުތަކަކާއެކު ސީރިއަސް ވާހަކަތަކެއް ކިޔައިދިން “މެންސާ މަދުއްރާ” ލަވަ އާއި “ކޫދު ތިޔެނެ ލިހަކުން” ވައިގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟ ގދ. ތިނަދޫ ޒުވާނުންތަކެއް އިސްނަގައިގެން އިޖްތިމާޢީ މައްސަލަތަކަށް އާއްމުން ހޭލުންތެރިކުރުވުމަށް ގެނެސްދޭން ފަށާފައިވާ ވީޑިއޯ ލަވަތަކަށް އައު ބޮޅެއް މިވަނީ އިތުރުކޮށްފައެވެ. މިފަހަރު “މަޑުން ދޮއްވަހެން”ގެ ނަމުގައި ގެނެސްދީފައިވަނީ ވެހިކަލް ދުއްވުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއްގެ ވާހަކަތަކެކެވެ.

ގދ. ތިނަދޫ ބުންނަރު ސްޓޫޑިއޯ، ޗައްޕަލަ ސްޓޫޑިއޯ އަދި ފޮޓޯ މޯލްޑިވްސް އާއި ގުޅިގެން އުފެއްދި “މަޑުން ދޮއްވަހެން” ލަވަ ރިލީޒްކުރީ މިމަހުގެ 01 ވަނަ ދުވަހުގެ ރޭގައެވެ.

ކުރިން ނެރުނު ހިތްގައިމު ލަވަތަކެކޭ އެއްގޮތަށް މި ލަވައިގެ މަސައްކަތްތައްވެސް ކޮށްފައިވަނީ ޗައްޕަލާ ސްޓޫޑިއޯއިންނެވެ. ލަވައިގެ ޓެކްނިކަލް މަސައްކަތްތަކަށް ބަލައިލާއިރު، ލަވަ ޑައިރެކްޓްކުރީ ހާޒިފް މުޙައްމަދު އާއި މުޙައްމަދު މާޖިދު އެވެ. ކެމެރާކުރީ ފޮޓޯ މޯލްޑިވްސް އިންނެވެ. މިލަވައިގެ ޅެން ހެދީ ގދ. ތިނަދޫ މަޝްހޫރު ޅެންވެރިއެއްކަމުގައިވާ މުހައްމަދު އަޖީބް އެވެ.

“މަޑުން ދޮއްވަހެން” ލަވަ ކިޔާފައިވަނީ މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުން މަޤުބޫލުކަން ހޯދި މުޙައްމަދު ޒަލީފްގެ އިތުރުން ޝަފީގް މުޙައްމަދު، މުޙައްމަދު މާޖިދުގެ އިތުރުން އަހުމަދު ޝިމާލް އެވެ.

މި ލަވައިގެ ވީޑިއޯއިން ސީރިއަސް ހާދިސާތަކެއްް، މަޖާ ގޮތެއްގައި ގެނެސްދީފައިވަނީ މުޖުތަމައަށް ބޭޭނުންތެރި މެސެޖްތަކެއް ލިބޭ ގޮތަށެވެ. އެގޮތުން، ބާރަށް ވެހިކަލް ދުއްވުމުގެ ސަބަބުން މުޖުތަމައުގައި ހިނގާ ނޭދެވޭކަންކަމާއި ދިމާވެދާނެ ހިތާމަވެރި ހާދިސާތައް ދައްކައިދީފައިވެއެވެ. މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް ސައިކަލް ދުއްވުމުން ކުރިމަތިވެދާނެ ހިތާމަވެރި ހާދިސާތަކާއި ކަފިހިހުރަސްތަކުން ހުރަސްކުރާމީހުންނަށް ނުބަލައި ބާރަށް ސައިކަލް ދުއްވުމާއި، ފޯނުގައި ހުރެ ސައިކަލް ދުއްވުމުން ދިމާވެދާނެ ނުރައްކާތެރި ހާދިސާތައް ގެނެސްފައިވެއެވެ. އަދި މަގުމަތީގެ ދުވާރުތަކުގައި ހިނގާފައި ދާ މީހުންނަށް ބެލުމެއް ނެތި ނުރައްކާވާ ގޮތަށް ސައިކަލު ދުއްވުމާއި ރޭގަނޑު ސައިކަލު ދުއްވާއިރު އަލިގަދަކޮށްގެން ސައިކަލްދުއްވުމުން އެހެންމީހުންނަށް ދިމާވާ ދަތިތައް މި ލަވައިގައި ދައްކުވައިދީފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.