މިދިޔަ އަހަރު ވޫޓް އިން ގެނެސްދިން ރިއަލިޓީ ޝޯވ “ބިގް ބޮސް އޯޓީޓީ” އިން ދިވްޔާ އަގަރްވާލަށް ލިބުނު ކާމިޔާބީ، އެޝޯވގައި ބައިވެރިވި ޝަމީތާ ޝެޓީ އާއި ނޭހާ ބަސީނަށް އަދިވެސް ހަޖަމު ނުކުރެވޭ ކަމަށް ދިވްޔާ ބުނެފިއެވެ.

ދިވްޔާ މިހެން ބުނެފައިވަނީ މިދިޔަ ހަފުތާ ބަންދުގައި “ބިގް ބޮސް 15: ވީކެންޑް ކަ ވާރް” ޝޯވގައި ކަރަން ކުންދުރާގެ ދިފާއުގައި ދިޔަ މެހެމާނެއްގެ ގޮތުގައި ކުރިޔަށް ގެންދިޔަ ޓާސްކެއްގެ ތެރެއިން ޝަމީތާއާއި ޒުވާބެއް ހިނގައި، އޭގެ ފަހުން އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައެވެ.

“ޝަމީތާ އާއި ނޭހާއަށް އަދިވެސް އަހަރެންގެ ކާމިޔާބީ ހަޖަމެއް ނުކުރެވޭ.” ދިވްޔާ ބުނެފައިވެއެވެ.

“ތި އެޓިޓިއުގަ ހުރިއްޔާ، ކުރިއަށް އޮތް 4 ސީޒަންގައި އަޔަސް ޝަމީތާއަކަށް ކާމިޔާބެއް ނުކުރެވޭނެ” ކަމަށް ދިވްޔާ ޝަމީތާ އާ ދިމާއަށް ބުނެފައިވެއެވެ.

އެޔާއެކު ޝަމީތާ ރުޅިގަދަވެފައި “ކަލޭގެ ހުއްދައެއް އަހަރެން ބޭނުމެއް ނުވެޔޭ، ކަލޭއަށް މި ސީޒަން އަށް އަންނާކަށް ފުރުސަތެއްވެސް ނުލިބެޔޭ” ބުނެ ރައްދު ދީފައިވެއެވެ. އެހިސާބުން ދެމީހުންގެ ޒުވާބު ހޫނުވެފައި ވަނިކޮށް ޝަމީތާއަށް ސަޕޯޓްކޮށް ނޭހާ ވަނީ ބަސް ބުނެފައެވެ. މީގެ އިތުރަށް ދިވްޔާ ބުނެފައިވަނީ އޭނާ އެ ދެމީހުންގެ މަޤާމުގައި ހުރެފައި، އެއިން މީހަކު ޝޯވ ކާމިޔާބު ކުރިނަމަ އޭނާ އެކަން ޤަބޫލުކޮށް އެއަށް އިޙުތިރާމު ކުރާނެކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.