ބޮލީވުޑްގެ ފިލްމުތަކާއި ލަވަތަކުން 80 އާއި 90 އިގެ އަހަރުތަކުގައި ބޮޑު މަޤްބޫލުކަމެއް ހޯދި އެކްޓަރ ގޯވިންދާގެ އަމިއްލަ ޔޫޓިއުބް ޗެނަލް ‘ގޯވިންދާ ރޯޔާލްސް’ އަށް މިމަހު 11 ވަނަ ދުވަހު އާއްމުކުރި އޭނާގެ ވީޑިއޯ ލަވަ “ހެލޯ” ބެލުމަށްފަހު ގޯވިންދާގެ ދެލޮލަށް ގޮވާ ހިސާބަށް ބައެއް ފޭނުން ހިތްހަމަނުޖެހުން ހިނގައްޖެއެވެ.

ގޯވިންދާގެ އަޑުން ކިޔައި އޭނާ ނަށާފައިވާ “ހެލޯ” ބެލުމަށްފަހު ބެލުންތެރިންގެ ރައްދު ހުރީ ގޯވިންދާ ހީކުރި ގޮތަކަށް ނޫނެވެ. ރީތިކޮށް ގޯވިންދާ އަށް ބަވާލާފައި ހުރި ކޮމެންޓްތައް ވެސް އޭނާގެ ވީޑިއޯގެ ކޮމެންޓް ބައިން ފެނެއެވެ.

ގޯވިންދާ އާއެކު “ހެލޯ” ލަވައިގައި ހަރަކާތްތެރިވެފައިވަނީ ނިޝާ ޝަރުމާ އެވެ. މި ލަވައިގައި ފެންނަނީ ގޯވިންދާ ލަވަ ކިޔަމުން ނަށަމުން ގެންދާތަނެވެ. ނިޝާ ވެސް އޭނާ އާއި ފައި ހަމަކުރެވޭތޯ މަސައްކަތް ކުރަމުންދާތަން ފެނެ އެވެ.

ގޯވިންދާގެ އެންމެ ވަރުގަދަ ސަޕޯޓަރުންވެސް ރީތިގޮތުގައި މި ލަވައަށް ފާޑުކިޔާފައިވާއިރު، ބައެއް ފަރާތްތަކުން ވަރަށް ރުޅިގަދަ ޓޯންއެއްގައިވެސް ކޮމެންޓްތައް ކޮށްފައި ހުރިކަން ފާހަގަކޮށްލެވެއެވެ.

“ކަލޭ މިހާރު ދެން މި ކަހަލަ ކަންތައް ކުރާތަން ފެނުނީމަ ލަދުގަނޭ. ‘ޕާޓްނާ’ އަކީ ވަރަށް ރީތި ފިލްމެއް. އެހިސާބުން ރިޓަޔާކޮށް ކުރެވުނު މަސައްކަތްތަކަށް ހިތްހަމަޖައްސާލައިގެން ހުރިނަމަ މާ ރަނގަޅުވީސް. އަމިއްލައަށް ބޮޑު ޖޯކަކަށް ހެދެނީ މިހާރު ތި،” ގޯވިންދާއަށް މަލާމާތްކޮށް މީހަކު ކުރި ކޮމެންޓެއްގައި ވެއެވެ.

“ގޯހުން ގޯހަށް ހުރިހާ ކަމެއް ދާހެންް ހީވޭ. އެކްޓިން ހުނަރު ވަރަށް ރަނގަޅަށް ލިބިފައި ވިޔަސް މިހާރު ގޯވިންދާ ތި އުޅެނީ ސިކުނޑި ގޯސް ވެގެން.” މިވެސް މީހަކު ކޮށްފައި އޮތް ކޮމެންޓެކެވެ.

މި މިއުޒިކް ވީޑިއޯ ޑައިރެކްޓްކޮށްފައިވަނީ ވެސް ޚުދު ގޯވިންދާ އެވެ. ލަވަ ކިޔުމުގެ އިތުރުން ލަވައިގެ ޅެން ހެދީވެސް ގޯވިންދާ އެވެ. މިއީ އޭނާގެ ޔޫޓިއުބް ޗެނަލުގައި ނެރުނު 03 ވަނަ ލަވައެވެ. މިއަދާ ހަމައަށް އައި އިރު މިލަވަ ބަލާފައިވާ މީހުންގެ އަދަދު 613,356 (ހަސަތޭކަ ތޭރަހާސް ތިންސަތޭކަ ފަންސާސް ހައެއް) އަށް އަރާފައިވާކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.