ޗެނަލް13، ސަންގު ޓީވީ އަދި ރާއްޖެ ޓީވީން ދައްކާ މަންޒަރު ތަކުގެ ތެރެއިން ގްރެފިކްސް އަދި އެނިމޭޝަން ގެ މަސައްކަތްތައް މި ޗެނަލްތައް ބަލާ ފަރާތްތަކަށް އޮންނާނީ ހަމަ ގައިމުވެސް ފާހަގަކުރެވިފަ އެވެ. ޚާއްޞަކޮށް މިހާރު، ޗެނަލް13 އިން ފެންނަ އެފަދަ މަސައްކަތްތަކާއި، ސަންގު ޓީވީ ގެ ޚަބަރު ފަށާއިރު އެފެންނަ މަންޒަރާއި، ސަންގު ޓީވީ ނިއުސް ކެޕްޝަން ފަދަ މުހިންމު މަންޒަރުތަކެވެ. ޗެނަލް13 ގެ ލޯގޯ ބްރޭންޑިން އަދި ރައީސް ޔާމީންގެ ސްޕީޗްތަކަށް ޚާއްޞަ 13ޕްލަސް ފަދަ ގިނަ ފިލަރސް ތަކެއްގެ އެނިމޭޝަން މަސައްކަތަކީވެސް ހަމަ ޝިފާޒް ގެ މަސައްކަތެވެ.

މީގެ އިތުރުންވެސް ތަފާތު ބެނާ، ޕޯސްޓަރު ފަދަ ތަކެއްޗާއި އިޝްތިހާރުތަކުގެ ގްރެފިކްސް މަސައްކަތްވެސް ޝިފާޒް އަންނަނީ ކުރަމުންނެވެ.

ނަމަވެސް މި ކަންކަމަކީ ގްރެފިކްސް އަދި އެނިމޭޝަން ގެ ދާއިރާއިން އެއްވެސް ކޮލެޖެއް ނުވަތަ ޔުނިވަރސިޓީއަކުން ވެސް ތަޢުލީމު ޙާސިލްކޮށްފައިވާ ޒުވާނެއްގެ މަސައްކަތެއް ނޫނެވެ. އެހެންނަމަވެސް ފެންނަ މަންޒަރުތަކުގެ ކޮލިޓީ އާއި އުފެއްދުންތެރިކަމަށް ބަލާއިރު، އެކަން ޤަބޫލުކުރަންވެސް ދަތިވާހާ ވަރަށް މި ޒުވާނާގެ މަސައްކަތް ފުރިހަމައެވެ.

ތ. ވިލުފުށްޓަށް އުފަން މޫސާ ޝިފާޒަކީ ވަރަށް ކުޑައިރުންފެށިގެން ގްރެފިކްސް އަދި އެނިމޭޝަން މަސައްކަތަށް ފޯރި ހުންނަ ފަރާތެކެވެ. މިވަގުތު ޗެނަލް13 ގެ ކްރިއޭޓިވް ޑައިރެކްޓަރ ގެ މަޤާމު އަދާކުރަމުން އަންނަ ޝިފާޒް ދާދިފަހުން ވަނީ ރާއްޖޭގެ ގްރެފިކްސް އަދި އެނިމޭޝަން މަސައްކަތުގެ ކުރު ތާރީޚްގެ ތެރެއަށް މުހިންމު ބޮޅެއް އިތުރުކޮށްފަ އެވެ. ތްރީޑީ ކޮށް މާލޭގެ މޫނުމައްޗާއި މުހިންމު ބިނާތައް ހިމެނޭގޮތަށް ‘ޓީވީ އިންޓްރޯ އެނިމޭޓެޑް ވީޑިއޯ’ އެއް ތައްޔާރުކޮށް އެންމެ ފުރަތަމަ މިފަދަ މަސައްކަތެއް ކުރި މީހާގެ ޝަރަފު ޝިފާޒް ވަނީ ހޯދާފަ އެވެ.

ޗެނަލް13 ގެ ގްރެފިކްސް ޑިޕާޓްމެންޓް/ވިޝުއަލް ޑިޕާޓްމެންޓް ހިންގުމާއި ހަވާލުވެ ހުރި މޫސާ ޝިފާޒް

މިއަދު ޗެނަލް13 ގެ ގްރެފިކްސް ޑިޕާޓްމެންޓް/ވިޝުއަލް ޑިޕާޓްމެންޓް ހިންގުމާއި ހަވާލުވެ ހުރި މޫސާ ޝިފާޒް މި ދާއިރާއަށް ނިކުތީ 2006 ވަނަ ‘ޖަޒީރާ ޑެއިލީ’ އިންނެވެ. މި ދާއިރާގައި މިހާރު 11 އަހަރު ހޭދަކޮށްފައިވާ ޝިފާޒް، ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކޮށް، ކުރިއެރުން ހޯދަމުން އަންނަނީ، މިކަމަށް ހުންނަ ޝައުޤުގައި އަމިއްލައަށް އުނގެނި ދަސްކުރަމުންނެވެ. ފަންނުވެރިކަމުގެ މަސައްކަތަކީ އެކަމަށް ޝައުޤުވެރިވާ މީހާގެ ވުޖޫދު ހަނދާންނެތޭ ފަދަ ކަމެކޭ ބުނެއުޅޭ ގޮތަށް، ޝިފާޒް ގެ މުޅި ފޯކަސް އަމާޒުކޮށްފައިވަނީ ގްރެފިކްސް އަދި އެނީމޭޝަން މަސައްކަތްތައް އުނގެނި ދަސްކުރުމަށެވެ. ފެންވަރު ރަނގަޅު، ތަފާތު މަސައްކަތްތަކެއް ނެރުމަށެވެ.

[smartslider3 slider=5]

ޝިފާޒް ގެ އުފެއްދުންތެރި މަސައްކަތްތައް މިވަނީ ‘މުނިއަވަސް ގެ ކަޅި‘ އަށް އަމާޒުވެފަ އެވެ. އެހެންކަމުން ޝިފާޒް އާއި އެކުގައި ވަގުތުކޮޅެއް ހޭދަކޮށް، އިތުރު މަޢުލޫމާތުކޮޅެއް ހޯދައިލީމެވެ.

މުނިއަވަސް: މި ކެރިއަރ ފެށުނީ ކިހިނެތް؟
ޝިފާޒް: ގްރޭޑް ހަތެއްގަ އުޅުނުއިރު އެނިމޭޓް ކުރަން ފެށީ. އެއީ ބޮޑުބޭބެގެ ހެޔޮއެދުންތަކާއިއެކު ލިބުނު ކޮމްޕިއުޓަރެއްގަ. ފުރަތަމަ ފެށުނީ ‘މެކްރޮމީޑިއާ ފްލޭޝް’ އިން.

އަޅުގަނޑުގެ މީޑިއާ ކެރިއާ ފެށުނީ ‘ޖަޒީރާ ޑެއިލީ އިން. އެއީ 2006 ވަނަ އަހަރު. އޭގެ ފަހުން ޓީވީ ނިއުސް މީޑިއާ ގްރެފިކްސް ގެ ބިންގާ އެޅުނު ތަނަކީ ދި-އެފްއެމް ވިޝުއަލް ރޭޑިއޯ

މުނިއަވަސް: ކިހިނެތް ގްރެފިކްސް އަދި އެނިމޭޝަން މަސައްކަތް ދަސްކުރީ؟
ޝިފާޒް: އަޅުގަނޑު ގްރެފިކް ޑިޒައިނިން ދަސްކުރީ ……. ހެހެހެ، އެއް ގެއިން އަނެއް ގެއަށް ދުވީ ކުޑަ ފްލޮޕީއެއް ހިފައިގެން. އެއީ ޓިއުޓޯރިއަލްސް ނަގަމުން. އެއީ އޭރު މާލޭގަ އިންޓަނެޓަކީ ތަދު އެއްޗެއް. ތިމާގެ ގޭގެއަށް ގޮސް ނަގަނީ ފޮޓޯޝޮޕް ޓިއުޓޯރިއަލްސް. އެހެން އެ ބަލައިގެން އަމިއްލައަށް ދަސްކުރީ. އޭރުގަ ޓިއުޓޯރިއަލްސް ހުންނަނީ ވެބްސައިޓްތަކުގަ. ވީޑިއޯ އެއް ނުހުރޭ. ފަހުން ވީޑިއޯ ޓިއުޓޯރިއަލް އައީ. ގްރެފިކްސް ޑިޒައިންއަށް އަސްލު އިންސްޕަޔާވީ އަހުމަދު ޝިޔާމް (ބޭބެ)ގެ ޑިޒައިން މަސައްކަތްތައް އޭރު އުދަރެސް މަޖައްލާއިން ފެނިފެނި. ފޮޓޯޝޮޕް ފުރަތަމަ ދަސްކޮށްދިނީ ދަލޫފް މުސްތޮބެ.
އެއްވެސް ޔުނިވަރސިޓީއަކަށް މިއަދާ ހަމައަކަށް ނުދަން. އެކަމަކު އަޅުގަނޑު ‘ޑިގްރީ އިން މަލްޓިމީޑިއާ އެންޑް އެނިމޭޝަން’ ހަދަން މިއަހަރު މާޗް މަހު ފަށާނަން. އެކަމަށް ތައްޔާރުވުމަށް ހަދަން ޖެހޭ ކޯސް ހަދަމުން މިދަނީ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އަދި ދަނީ ފާސްވަމުން ރީޓެސްޓް ހަދަން ނުޖެހި.

ޖަޒީރާ ޓީވީއަށް ސްޓާފުން ތަމްރީނު ކުރުމުގެ މަސައްކަތުގައި ޝިފާޒް – ފޮޓޯ: ޝިފާޒް ފޭސްބްކް

މުނިއަވަސް: މި ދާއިރާގަ ވަޒީފާ އަދާކުރީ ކޮން ތަންތަނެއްގަ އަދި ކޮން މަޤާމުތަކެއްގަ؟
ޝިފާޒް: އަޅުގަނޑަކީ ރާއްޖެ ޓީވީ އަދި ސަންގު ޓީވީ ގަ އުޅުނުއިރު އެތަނުގެ ސީޖީ އެނިމޭޓަރ. ސަންގު ޓީވީ އަށް ޖޮއިންކުރީ ރޭގަނޑު ވޯރކް ކުރާގޮތަށް ޕާޓްޓައިމް ކޮށް. އޭރު މެރީޑިއަމް ގަ އުޅެފަ އެމްޕީ ޔާމިން ރަޝީދު އަދި އަސްވާޑް ގެ ރިކްއެސްޓަކަށް ސަންގުޓީވީ އާ ގުޅުނީ. ފަހުން ސަންގުޓީވީ އަށް ފުލްޓައިމް ކޮށް ވަނީ ކްރިއޭޓިވް/ޑިޒައިން ޑައިރެކްޓަރ އަކަށް. އޭގެ ދުވަސްކޮޅެއް ފަހުން އޮފަރ ލިބުނީ ޗެނަލް13 އިން.
އަޅުގަނޑުގެ ޓީވީ މީޑިއާ ގްރެފިކްސް ގެ ބިންގާ އެޅުނު ތަނަކީ ދި-އެފްއެމް. އޭރު ދި-އެފްއެމް ޓެކްނިކަލް ޑައިރެކްޓަރ މާނު އަކީ އަޅުގަނޑުގެ އެދުރު. މާނު ދަސްކޮށްދިނީ ޓީވީ ޗެނަލްއެއްގެ ކަންކަން ހުންނަންވީ ގޮތް. މާނު އަކީ ވަރަށް ތަޖްރިބާކާރު މީހެއް.

މުނިއަވަސް: މިހާރު ޗެނަލް13 ގެ ޓީވީ އިންޓްރޯ އަކަށް ހަދާފަވާ ތްރީޑީ އެނިމޭޓެޑް ވީޑިއޯ ހެދުމުގެ ކަންކަން ކުރިއަށްދިޔަގޮތް ކިޔާލަދީބަލަ؟
ޝިފާޒް: އަސްލު ވީގޮތަކީ އަހަރެން ތްރީޑީ އެނިމޭޓެޑް ކޮށް ސިޓީއެއް ހަދާފަ އޭތި މި ދައްކާލީ އަހަރުމެންގެ (ޗެނަލް13 ގެ) ސީއީއޯ ޙަސަން ޣައްސާން (އައްސާން) އަށް. ދައްކާލިތަނުން އޭނަ އަހައިފި ރާއްޖެއާ ގުޅުންހުރި އެއްޗެއްގެ މޮޑެލް އެއް ހެދިދާނެހޭ. ދެން އަހަރެން އަހައިފިން ‘މާލޭ ސިޓީ’ ހޭ؟ އެހިއިރަށް އޭނަ ބުނެފި އާނއެކޭ އެކަހަލަ އެއްޗެކޭ. އެކަމަކު މި ޕްރޮޖެކްޓް ނިންމަން ލިބުނު ޓައިމް ފްރޭމަކީ 2 މަސްދުވަސް.
ދެން އަހަރެން މާލޭ ސިޓީގެ މޮޑެލް އެއް ހެދުމުގެ މަސައްކަތް ފަށައިފިން. އެކަމަށްޓަކައި ޗެނަލް13 އިންވެސް އެއްބާރުލުން ލިބުނު. އެ ސަރަހައްދުގެ އިމާރާތްތައް ވީޑިއޯ ކޮށްގެން އަޅުގަނޑަށް ގެނެސްދިން. އެކަން ކޮށްދިނީ ކެމެރާމަން ހެޑް ޒައިދު. ދެން އަޅުގަނޑު އެއް މަސްދުވަހުގެ މުއްދަތެއްގަ ފުދޭވަރަކަށް ބޮޑުބައި މޮޑެލް ކުރިން. މޮޑެލް ކޮށްފަ އޮއްވާ އަޅުގަނޑަށް ޖެހުނީ ޕްރޮޖެކްޓް ހޯލްޑްކުރަން ދެ ހަފުތާއަށް. އެއީ ހިތާނީ ފެސްޓިވަލް ބެކްޑްރޮޕްގެ ޑިޒައިން އަދި ފެސްޓިވަލް ނިންމާ ހަފުލާގެ ބެކްޑްރޮޕް އެނިމޭޝަން މަސައްކަތް ކުރަން.

ތްރީޑީ އެނިމޭޓެޑް ވީޑިއޯ ހެދުމުގަ ބޮޑަށް ބެލީ ކެޕްޝަންއިން މާލެ ދައްކާއިރު ރައީސް ޔާމީންގެ ޑިވޮލޮޕްމަންޓް މެގަރ ޕްރޮޖެކްޓްތައް ދައްކާލެވޭތޯ ބަލާލަން. އެގޮތުން ބަލައިގެން ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލާއި އަދި ނަސަންދުރަ އާ ބިލްޑިންގ އިންޓްރޯގައި ބޮޑަށް އެ ފެންނަނީ.

މުނިއަވަސް: ވީޑިއޯ ކޮށްފަ، އެ ވީޑިއޯ ބަލައިގެން އެއާ އެއްގޮތަށްތަ މޮޑެލް ހަދަނީ ނޫނީ ހަމަ އަމިއްލަޔަށް ވިސްނާފަތަ؟
ޝިފާޒް: ބައެއް އިމާރާތްތައް ހުންނާނެ ނުބަލައި ކުރަހާ އުސޫލުން ހިތަށް ގެނެސްފަ މޮޑެލް ކޮށްފަ.
އަޅުގަނޑަށް އެ ލިބުނު ދެހަފުތާގަ ވަރަށް ބޮޑަށް ރިސާޗްކޮށްފަ ވިސްނީ ކެޕްޝަން އެނިމޭޓް ކުރާނެ ގޮތެއް. އޭގެ ފަހުން އަނެއްކާވެސް ކުއްލިއަކަށް އަޅުގަނޑަށް ރިކުއެއްސްޓް އައީ ކެޕްޝަން ނިންމަން. އައީވެސް ހަމަ ކުއްލިއަކަށް ނިންމަން.
އަޅުގަނޑު މިކަންކަމަށް ބޭނުންކޮށްފަ ހުރީ މާ މޮޅު ކޮމްޕިއުޓަރެއްވެސް ނޫން. ތްރީޑީ އެއްޗެއްގެ ކޮލިޓީ ރެންޑަރިން އޭގެ ސިސްޓަމަކުން ކުރަންޏާ ލައްކަ ގިނައިރު ނަގާނެ. އަޅުގަނޑަށް މިވަރަށް މޮޑެލް ކުރެވޭއިރު ކީއްވެތޯ ރިއަލް ރެންޑާ ނުކުރެވެންވީ؟ ޓައިމް އަސްލު ނެތީ އެވަރުގެ ރެންޓަރިންއެއް ކުރަން. އެހެންނަމަވެސް މި ވީޑިއޯ އިންނާނީ އެ ސިސްޓަމުން ނެރެވޭނެ ބެސްޓް ނެރެފަ.
އަޅުގަނޑަށް ލިބުނީ އެއް ހަފުތާ. އެނިމޭޓް ކޮށްފަ، ރެންޑަރ ކޮށްފަ ފައިނަލް ކޮމްޕޮޒިޝަން ހަދާފަ އޮން އެއަރ އަށް ދޫކޮށްލަން.
މީތީގަ އިން ޓައިޓްލް ކޮޅަކީ ޗެނަލް13ގެ ޝަހީދާ ސައީދުގެ އަތުލިޔުނު ލިޔުންކޮޅެއް. އެ ލިޔުންކޮޅުގެ ފޮޓޯ ޓްރޭސްކޮށްގެން ލިޔެފަ. އަޅުގަނޑު ބޭނުންވީ އަސްލު މީތި ޔުނީކް ކުރަން. އެހެންވެ އެގޮތަށް އެއިނީ.

ޝިފާޒް ގްރެފިކް ޑިޒައިން އަދި އެނިމޭޝަން ހަަދަން ދަސްކުރީ އަމިއްލަައަށް ޓިއުޓޯރިއަލްސް ކިޔައިގެން ފޮޓޯ: ޝިފާޒް ފޭސްބްކް

މުނިއަވަސް: ފިލްމާއި ވީޑިއޯލަވައިގަ ހުންނާނެތަ މަސައްކަތް ކޮށްފަ؟
ޝިފާޒް: ނޫން. އެކަމަކު ހާމިދު ޢަލީ ގެ ފިލްމު ލައިލާ ގެ އޯޕެނިން އެނިމޭޝަން ހެދިން. އެކަހަލަ ފުރުސަތެއް ލިބިއްޖެއްޔާ ވަގުތު އޮތް މިންވަރަކުން ކޮށްދޭނަން.

މުނިއަވަސް: މި ދާއިރާއަކީ ކުރިއަށްދާނެ ފުރުސަތުތައް ފަހި ދާއިރާއެއްތަ؟
ޝިފާޒް: ކުރިއަށްދާނެ ފުރުސަތުތައް އެހާ ފައްސެއްނޫން މި ދާއިރާގައި. އެކަމަކު ކުރިއަށްދެވޭނެ. މިބުނީ މީހާގެ ސްކިލްސް ދުވަހެއް ދުވަހަކަށް ޑިވޮލޮޕް ވަމުންދާނީ

މުނިއަވަސް: ނިންމާލަމުން ޝުކުރު އަދާކޮށްލަން ބޭނުންވަނީ ކޮންކޮން ފަރާތްތަކަކަށް؟
ޝިފާޒް: އަޅުގަނޑުގެ އަންހެނުން. މަންމަ އާ ބައްޕަ. އަސްލު މިކަމުގަ ކުރިއަށް ދެވެނީ ވައިފް ގެ ފުރިހަމަ ސަޕޯޓާ އެއްކޮށް. ޚާއްޞަކޮށް ފެމެލީގަ މިކަމަށް އަޅުގަނޑަށް ސަޕޯޓްދޭ އެންމެންނަށް ޝުކުރިއްޔާ.
ދެން މި ވަރުގެ މަސައްކަތެއް ދިނީތީ ސީއީއޯ ޙަސަން ޣައްސާނަށް ޝުކުރިއްޔާ. ދެން މި މަސައްކަތް ކުރުމަށް އަޅުގަނޑަށް ވަރަށް ބޮޑަށް ހިތްވަރުދެއްވި އަޅުގަނޑާއެކީ މަސައްކަތްކުރާ އައިޝަތު އުޝާ. ދެން ސްޓޭޝަން މެނޭޖަރ ރިޒާގެ ފަރާތުން ލިބުނު އެއްބާރުލުން އަޅުގަނޑު ފާހަގަކުރަން. މީގެ އިތުރުން ވަރަށް ޚާއްޞަކޮށް މަމްދޫހް ނަސީމް (މަންދު) ގެ ނަންވެސް ޝުކުރުގެ ލިސްޓްގަ ޚާއްޞަކޮށް ހިމަނާލަން. މިކަމަށް ސަޕޯޓްދެއްވި ހުރިހާ އެންމެންނަށް ޝުކުރިއްޔާ

މުނިއަވަސް އިން އެދެނީ ޝިފާޒް ގެ މަސައްކަތަށް ކާމިޔާބެވެ. މި ފުރުސަތު ދެއްވީތީ މޫސާ ޝިފާޒަށް މުނިއަވަސް އިން ޝުކުރުވެރިވަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.