ފަސްމަންޒަރު:
“ހިތާވާގޮތް” މި ޅެމަކީ ކާމިޔާބާއި މަތީ ދަރަޖައާއި މޮޅުކަމާއި ފަސޭހަކަން ހޯދަން އެދޭ ނަމަ، ހިތްވަރާއި ހިންމަތާއި މިންނަތާއެކު މަސައްކަތް ކުރާންޖެހޭނޭކަމުގެ މެސެޖް ދެއްވުމަށް ފަޟީލަތުއްޝައިޚުލްމަރްޙޫމް ޙުސައިން ޞަލާހުއްދީން ރަޙިމަހުﷲ ހައްދަވައިފައިވާ ޅެމެކެވެ. މި ޅެމުގެ އުސްލޫބު ވަރަށް ތަފާތެވެ. ހުށަހެޅުއްވުމުގައި ބަޔާންކުރައްވައިފައިވަނީ ނުސީދާ ބަޔާންތަކެކެވެ. މި ބަޔާންތައް ބިނާކުރައްވައިފައިވަނީ ދިވެހީންގެ ތެރޭ (ޅެން ހެއްދެވި ޒަމާނުގައި) ކަން އޮތްގޮތް ހާމަކޮށްދެއްވުމަށެވެ. މި ޅެމުގެ ސާފު މެސެޖަކީ މަސައްކަތެއް ނުކޮށް މޮޅު ހޯދަން އުންމީދު ކުރެވޭ ވާހަކައާއި އެ ގޮތް ދޫކޮށްލައި އުންމީދުތައް ހާސިލްކުރުމަށް މަސައްކަތްކުރާންޖެހޭކަމެވެ. މި ޅެން މަޝްހޫރުވެފައިވަނީ ޢަބްދުﷲ މޫސާ ރަޙިމަހުﷲ ( ނައިފަރު ދޮހޮއްކޮ)ގެ އަޑުން އިތުރު ފުރާނައެއް އެޅިފައިވާ ލަވައެއްގެ ގޮތުގައެވެ. މިއީ 10 ބައިތު އެކުލެވޭ ޅެމެކެވެ. ދޮހޮއްކޮބޭ ކިޔުއްވާފައިވާއިރު 2 ބައިތެއް އުނިވެއެވެ. އެއީ 5 ވަނަ ބައިތާއި 8 ވަނަ ބައިތެވެ. މި ޅެމުގައި ކަމުގެ ދެކޮޅު ދައްކަވަން ބޭނުންފުޅު ކުރައްވައިފައިވާ ވިސްނުންފުޅުތަކާއި، އެކަންކަމާ ދިވެހީން ހިތާވާ ގޮތާ ގުޅުވައިލައްވައިފައިވާ ގޮތަކީ އަދަބީ ނަމޫނާއެކެވެ .އަދަބުގެ އިލްމުގައި އޮންނަ ގޮތުން ޝުޢޫރެއް ނުވަތަ އިހުސާސެއް ނުވަތަ ތަސައްވުރެއް ގެނެވެނީ ނުވަތަ ގެންނަނީ ވުޖޫދުގައިވާ އެއްޗަކުންނެވެ. މީހުންގެ ޚިޔާލުގައިވާ ކަންކަމަކީ (މީހުން ގަބޫލުކުރާ ނުވަތަ ބަލައިގެންފައިވާ ޚިޔާލީ ކަންކަމަކީ) މި މާނައިގައި ވުޖޫދުގައިވާ ކަންކަމެވެ. ފުރޭތަތަކާއި ދެވިތަކުގެ ވާހަކަ އަދަބުގައި ގެނެވެނީ ވެސް މި ހަމައިންނެވެ. މި ކަންކަމުގެ އެހީގައި މި ޅެމުގައިވާ މެސެޖް ފޯރުކޮށްދިނުމުގެ ބަޔަށް ކޮންމެވެސް ވަރަކަށް ބަލައިލާނަމެވެ.
މިޅެމުގައި އަލިއަޅުއްވާފައިވަނީ ދިވެހި ޒުވާނުންގެ ކަންނެތްކަމާއި ކަންފަސޭހަކަމާ މެދުގައެވެ. އެކަމާއެކުގައިވެސް އެދޭ އެދުންތައް މަތިކަމުގެ ވާހަކަތަކެވެ. މޮޅެތިހައިގޮތްތައް އެދޭކަމުގެ ވާހަކައެވެ. އެހެންކަމުން މިއީ، ދިވެހިޒުވާނުންގެ އުފެއްދުންތެރިކަން ދަށްކަމާއި ހަރަކާތްތެރިކަން ކުޑަކަމާމެދު ކަންބޮޑުވެލައްވާތީ މީހުން ހެއިއެރުވުމަށް (މީހުން ހޭލުންތެރިކުރެއްވުމަށް) ހައްދަވާފައިވާ ޅެމެއްކަމަށް ފެނެއެވެ. “ދިވެހިޒުވާނުންގެ” އޭ މިދެންނެވީ ޅެމުގެ ދެވަނަ ބައިތުގައި “މި ކުދީންނަށް” ރަނގަޅީއޭ އޮތުމުންނާއި ނުވަވަނަ ބައިތުގައި “ދިވެހީންނަށް” ރަނގަޅީއޭ އޮތުމުންނެވެ. ފިކުރީގޮތުން އަސަރުކުރުވުމަށް ޅެންވެރިޔާ ޖައްސަވާފައިވާ މިސާލުތަކުން އެޒަމާނުގެ ދިވެހީން އިސްޖަހައިލަން މަޖުބޫރުކުރުވި ފަދައިން މިޒަމާނުގެ ދިވެހީންވެސް އިސްޖަހައިލަންޖެހޭނެކަން ޔަޤީނެވެ. މިޅެމުގައި ދައްކަވާފައިހުރި ވާހަކަތައް ފަހުމުވުން މުހިންމުވަނީ މި ސަބަބަށްޓަކައެވެ. ހީހީފައި އަތްތިލަބަޑިޖަހަމުން މިލަވަ ކިޔަން ލަދުގަންނާން ދަސްކޮށްދޭން ޖެހެއެވެ. ޅެމުގައި ބަޔާންކުރައްވާފައިވާ ފަދަ ކަންނެތްކަމުން ދިވެހީންގެ ޒުވާންޖީލު ނަޖާވޭތޯ ތަދުބީރެއް ކޮށް ޢަމަލީ ސިފައެއް ގެނައުމަށް މަސައްކަތްކުރުމުގެ ޒިންމާ އުފުލާން ޖެހިފައިވާތީއެވެ. ޅެމުގެ މައުޟޫޢުގެ އަގު މަތިވެރިވެގެން ވަނީ ވެސް މި ސަބަބަށްޓަކައެވެ.
މިޅެން ހެއްދެވީ ސީދާ ކޮން ދުވަސްވަރެއްގައި ކަމެއް ސާފެއް ނުވެއެވެ. ލަފާކުރެވެނީ އެދުވަސްވަރުވާނީ ވިހިވަނަ ޤަރުނުގެ ކުރީކޮޅަށް ކަމަށެވެ. އެއިރުގެ ޒުވާނުންގެ އުފެއްދުންތެރިކަމުގެ ތަފާސް ހިސާބެއްވެސް އެނގޭކަށް ނެތެވެ. ނަމަވެސް ފައިބެއަހަރު (2021 ވަނަ އަހަރު)ގެ ޒުވާނުންގެ ދުވަހާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހާމަކޮށްފައިވާ ތަފާސް ހިސާބުން އެނގޭގޮތުގައި ރާއްޖޭގެ ޒުވާނުންގެ އާބާދީގެ ތެރެއިން 41 އިންސައްތަ އަންހެނުން އަދި 15 އިންސައްތަ ފިރިހެނުންނަކީ ވަޒީފާ އަދާ ނުކުރާ އަދި ތަޢުލީމުވެސް ޙާސިލުކުރަމުން ނުދާ މީހުން ކަމަށް ދައްކައެވެ. ޒުވާނުންގެ އާބާދީއަކީ 257215 އެވެ. ރާއްޖޭގެ ޒުވާނުންގެ އާބާދީގެ 56 އިންސައްތައަކީ ވަޒީފާ ނެތް އަދި ތަޢުލީމީ ގޮތުންވެސް ޙަރަކާތްތެރި ނޫން ޒުވާނުންކަމަށް ތަފާސް ހިސާބުތަކުން ދެއްކުމުން ދޭހަކޮށްދެނީ މީގެ 80 ވަރަކަށް އަހަރުކުރީން ޅެންވެރިޔާ ބަޔާންކޮށްދެއްވި މައްސަލައަށް ފަރުވާ ނުހޯދިވާކަމެއް ނޫންތޯއެވެ.
ތިރީގައި މިވަނީ މިޅެމުގެ މަގުސަދަށް ފަހިވާގޮތަށް މާނަކުރުމަށް އަޅުގަނޑު ކޮށްފައިވާ މަސައްކަތެކެވެ. މިމަސައްކަތް މިހިސާބަށް ކުރެވިފައި މިވަނީ މިޒަމާނުގެ މަޝްހޫރު އަދީބެއްކަމުގައިވާ އަލްފާޟިލް މުޙައްމަދު އާމިރު އަޙުމަދު (ފަރެސް އާމިރު Mohamed Amir Fares) ދައްކަވައިދެއްވި މަގަކުން, އަޅުގަނޑުގެ ދެލިނުހިނގާ ގަލަން ހިންގުމަށްޓަކައި އަޅައިދެއްވި “މޮޅު” ދެއްޔެއްގެ ސަބަބުންނެވެ. ދެއްވި އެހީތެރިކަމަށްޓަކައި ފަރެސް އާމިރުގެ އަރިހަށް ހިފެހެއްޓުމެއްނެތް ހަންހާރަވެތި ޝުކުރެއް އަރިސްކުރަމެވެ.
ޅެމުގެ ދޭހަ:
“ޚުސްރުވާނީގެ ސަރޫދޭ އެހުމަށް އެންމެ މޮޅީ
ޙުސްނުބާނޫގެ ބަގީޗާ ދުށުމޭ ދެން ރަނގަޅީ”
ޚުސްރުވާނީގެ ސަރޫދަކީ ފާރިސީންގެ މިއުޒިކެވެ. ޚުސްރުވާނީ މިނަން ނިސްބަތްކުރެވެނީ ފާރިސްކަރައިގައި (މިހާރުގެ އީރާނުގައި) އޮތް ސާސާނީ ރަސްކަމުގެ ރަންޒަމާނުގެ ރަސްކަލެއްކަމުގައިވާ ޝަހެންޝާހް ޚުސްރޫ 2 ވަނަ (590މ. އިން 628މ. އަށް) އަށެވެ. މި ރަސްގެފާނަކީ ލަވަޔާއިމިއުޒިކަށް ވަރަށް ލޯބިކުރެއްވި ރަސްކަލެއްކަމުގައިވުމުން ރަސްކަމުގެ ދީވާނަކީ (ރަސްކަމުގެ ދަރުބާރަކީ) މިއުޒިކާ ލަވައަށް ވަރަށް ޚާއްސަކަމެއް ދީފައި އޮތް ތަނަކެވެ. ބުނެވޭ ގޮތުގައި ޚުސްރުވާނީ މިއުޒިކު އުފެއްދީވެސް އެރަސްގެފާނުގެ ދަރުބާރުގައި ލަވަޔާމިއުޒިކާއި ކުޅި ސަމާގެ ވެރިޔަކަށް ހުންނެވި ބާރުބަދު ކިޔާ ބޭފުޅެކެވެ.
ޙުސްނުބާނޫއަކީތޯއެވެ. ފާރިސީންގެ މަޝްހޫރުވާހަކައެއް ކަމުގައިވާ ޙާޠިމް ޠާއީ ވާހަކައިގައި ޙުސްނުބާނޫގެ ވާހަކަ އައުދެއެވެ. (ބާޑީގޭ މުޙައްމަދު ދީދީ މިފޮތުގެ ތަރުޖަމާއެއް ލިޔުއްވާފައިވެއެވެ. ނަމަވެސް އެފޮތް ކިޔައިލެވިފައި ނުވާތީ، މަޢުލޫމާތު ނެގީ 1830 ވަނަ އަހަރުގައި ޝާއިއުކޮށްފައިވާ އިނގިރޭސި ކޮޕީއަކުންނެވެ.) ޙުސްނުބާނޫ އަކީ ޚުރާސާނުގެ މުއްސަނދި ސައުދާގަރެއް ކަމުގައިވާ ބުރުޒަޚުގެ ވާރިސަކަށްހުރިހަމައެކަނި ދަރިކަނބަލުންނެވެ. ދުނިޔޭގެ މުއްސަނދިކަމަކީ އޭނާގެ ކުރިމަތީގައި އަގެއްހުރި އެއްޗެއް ނޫނެވެ. ސައުދާގަރު ނިޔައުވުމުން ޙުސްނުބާނޫގެ މުދައު ހޭދަކުރަމުން ދިޔައީ ދަރުމައަށެވެ. ޝާހުއާބާދޭ ކިޔާ ސަހަރެއް ބިނާކޮށް އެތާގައި އޭނާ ތައްޔާރުކުޅަ ބަގީޗާގައި އޭނާގެ ދީލަތިކަމުން ހުރިހައިކަމެއް މީސްތަކުންނަށް ހިލޭ ފޯރުކޮށްދެއެވެ. ދަތުރުވެރީންނަށް އޭނާގެ މެހްމާންސަރާގައި ޚިދުމަތްކޮށް، މެހްމާންދާރީ އަދާކޮށް އެމީހަކާ އެކަށޭނަ ފެންވަރުގެ ކެއިންބުއިން ފޯރުކޮށްދެއެވެ. ފުރާންވުމުން ދަތުރަށް ބޭނުންވާ ޚަރަދުބަރަދު ހަމަޖެއްސުމަށް ރަނުގެ ދީނާރުން ހަދިޔާވެސް ދީއުޅެއެވެ. ވާހަކައިގައި ކިޔާގޮތުން މިކަންކަމުން ހުސްނުބާނޫގެ ނަންވަނީ ދުނިޔޭގެ ހަތަރުބިތަށް މަޝްހޫރުވެ ވިދާ ބަބުޅާފައެވެ.
އެންމެފުރަތަމަ ކަމަކަށް ޅެމުގައި ބަޔާންކުރައްވާފައިމިވަނީ، އަޅުގަނޑުމެން އަހާން އެންމެ ކަމުދަނީ ފާރިސީ ލަވަކަމަށެވެ. ޅެންވެރިޔާ ސިފަކޮށްދެއްވާފައިމިވަނީ ދިވެހިޒުވާނުން ހިތާވަނީ ބޭރުގެ މިއުޒިކާއިލަވައަށް ކަމަށެވެ. އަޅުގަނޑުމެން ރޭރުވެފައިވަނީ މަށްދިވެހި އެއްޗެހި ދޫކޮށް ބޭރުކަރަކަރައިގެ އެއްޗެއްސަށްކަމަށެވެ. ދިވެހި ވަޒަންބަހުރުވައިގެ ޖަވާހިރުތަކާއި ސަޤާފީކުޅިވަރުތަކަކީ ދެރައެއްޗެހިކަމަށް ދިވެހީން ޤަބޫލުކުރާކަމަށެވެ. މަޖާކުރުމާއި ބޭކާރުގޮތުގައި ވަގުތުުތައް ދުއްވާލުމުގެ މެހެފިލްތަކަށް ލެނބެމުން ގެނބެމުންދާކަމަށެވެ. ޅެންވެރިޔާގެ ޙަޤީޤީ ކަންބޮޑުވުމަކީ އިސްލާމްދީނާއި ދިވެހިޤައުމިއްޔަތާއި ދިވެހިވަންތަ ރީތި ސިފަތައް ދިވެހީންނަށް ކަމުނުގޮސް އެކަންތައްތައް ޒުވާން ޖީލުން ފަނޑުވަމުންދާތީ އޮތް ކަންބޮޑުވުމެއްކަމަށް ފެނެއެވެ.
ޅެންވެރިޔާ ދެން ބަޔާންކުރައްވަނީ ދިވެހީން އެންމެ އެދޭކަމަކީ ޙުސްނުބާނޫގެ ބަގީޗާ ދުށުންކަމެވެ. ޙުސްނުބާނޫގެ ޒަމާނުގައި އޮތްހެން ހުރިހާކަމެއް ހިލޭ ލިބުމަށެވެ. މީރު ބުއިންތަކާއި ރަހަމީރު ކާތަކެތި ހިލޭ ލިބުމަށެވެ. ކުރާންޖެހޭ ޚަރަދުބަރަދު ހަމަޖައްސަން ބޭނުންވާ ފައިސާކޮޅުވެސް އަތުންފައިން މަސައްކަތެއް ނުމެކޮށް ލިބުމަށެވެ. މިތާގައި ޅެންވެރިޔާ “ބިރުވެރިކަމުގެ ރަނގަބީލެއް” ޖައްސަވާހެން އިޝާރާތްކުރައްވާފައިމިވަނީ އުފެއްދުންތެރި، ހުނަރުވެރި، ހިވާގި، މަސައްކަތްތެރި ބަޔަކަށް ވުމުގެ ރޫޙް ޒުވާނުންގެތެރެއިން ކުޑަވަމުންދާކަމަށް ފާހަގަކުރެއްވެވޭކަމެވެ. އަމިއްލަފުދުންތެރިކަން ހޯދުމަށް މަސައްކަތްކުރަން ޒުވާނުން ފަސްޖެހިފައި ތިބޭކަމަށެވެ. އަލިއަޅުއްވާލައްވާފައި މިވަނީ މުޖުތަމަޢުގައި ކަންނެތްކަން އާންމުވަމުންދާ މައްސަލައަށެވެ.
(ނުނިމޭ)
ރިފަރެންސް:
ޑަންކަން ފޯބްސް، (1830މ.) ދިއެޑްވެންޗަރސް އޮފް ހާތިމް ތާއީ. ލަންޑަން
މުޙައްމަދު އާމިރު އަޙުމަދު، (2022މ.)، ޅެމާއިޅެމުގެ ވިސްނުން، ހަލިނިވްސް.ކޮމް
https://www.youtube.com/watch?v=K0Azknole7o
ލިޔުންތެރިޔާގެ ފުރަމަލަ
- ތާރީޚީ ހޯދުުންތައް ހޯދައި ތާރީޚް ލިޔުމާއި ދިވެހި ބަހާއި ބަހުގެ އަދަބިއްޔާތުގެ ލިޔުންތަކަކީ ޠާހާ ގެ އެންމެ ފާހަގަ ކޮށްލެވޭ ދާއިރާ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 ސެޕްޓެމްބަރ 2023ރިޕޯޓްހައްދުންމަތީ ބަހުރުވައިގެ ތެރެއިން: ގެންގަރަން – ގެންގެރެން
- 18 ޖެނުއަރީ 2022އަދަބިއްޔާތުދިވެހީން “ހިތާވާގޮތް” – 1
- 1 ޖެނުއަރީ 2022ރިޕޯޓްއެންމެ ކުޑަ އުޖޫރަ
- 5 އޮކްޓޯބަރ 2020ރިޕޯޓްކަށިކޮލުތަ ނުވަތަ ކަށިކޮލިތަ؟