ދެ ހަށިގަނޑު ގުޅިފައިވާ ނިބޫ ދެބެން ކަމަށްވާ އެބީ އަދި ބްރިޓަނީ އަކީ މިއަދު އެލިމެންޓަރީ ސްކޫލެއްގެ ދެ މުދައްރިސުންނެވެ.

07 މާރިޗް 1990 ވަނަ އަހަރު އެބީ އަދި ބްރިޓަނީ ހެެންސަލް އުފަންވީވެސް ދެ ހަށިގަނޑު ގުޅިފައިވާ ނިބޫ ދެބެންގެ ގޮތުގައެވެ. ނަތީޖާއެއްގެ ގޮތުން މި ދެކުދިންގެ ވާހަކަތައް މީޑިއާތަކުގެ ފަހަލަ ސުރުޚީތަކަށް އިންތިހާއަށް އެރިއެވެ.

އެބީ އަދި ބްރިޓަނީ އަކީ ‘ޑައިސްފަލިކް ޕެރެޕެގަސް ޓްވިންސް (ދެ ބޮލާއި އެއް ހަށިގަނޑު ހުންނަ ނިބޫ) ދެބެންނެވެ. މި ދެބެން އެންމެ ފުރަތަމަ ފަހަރަށް ޓީވީ ޝޯއެއްގައި ފެނިގެން ދިޔައީ އޮޕްރާ ވިންފްރޭ ޝޯގައި 1996 ވަނަ އަހަރު އޭޕްރީލް މަހުގައެވެ. އޭގެ ފަހުން ހަމަ އެ މަސްތެރޭގައާއި 1998 ވަނަ އަހަރު ސެޕްޓެމްބަރު މަހު، މިހާރު އުވާލާފައިވާ ލައިފް މެގަޒިންގައިވެސް އެކުދިންގެ ވާހަކަ ޝާއިޢުކުރިއެވެ.

އެބީ އަދި ބްރިޓަނީގެ ފުރާވަރުގެ އުމުރުފުރާގައި އެކުދިންގެ އަމިއްލަ ރިއަލިޓީ ސީރީޒެއް ‘ޓީއެލްސީ’ މެދުވެރިކޮށް އުފައްދައި ގެނެސްދޭން ފެށިއެވެ. މި ޝޯވްގައި އެކުދިންގެ ދިރިއުޅުމުގެ ވާހަކަތަކާއި ސިއްހީ މައްސަލަތައް ފަދަ ވާހަކަތައް ހިއްސާކުރިއެވެ. އެގޮތުން އެ ޝޯވގެ ކާމިޔާބު އެއް ސީޒަން ކުރިއަށް ގެންދިޔައެވެ.

އެއީ މީގެ 10 އަހަރު ކުރީގެ މާޒީއެވެ. މިއަދު އެބީ އަދި ބްރިޓަނީ ކުރަމުންދަނީ ކޮންކަމެއްތޯ ބަލައިލަމާ ހިނގާށެވެ.

ކޮލެޖުން ދަސްވެނިވުމާއި އެމީހުން ޓީއެލްސީގައި ފެށި ޝޯވ ނިމުމާއެކު އެ ދެކުދިން އާއްމުންގެ ލޯމަތިން ދުވަސްކޮޅަކަށް ނަމަވެސް ގެއްލިގެން ދިޔައެވެ. ގާތްގަނޑަކަށް 07 އަހަރު ވަންދެން އެންމެ ކުޑަމިނުން އިންސްޓަގްރާމަށް ފޯޓޯއެއްހައި ހިސާބުވެސް އަޕްލޯޑްކޮށްލުމެއް ނެތި ދުވަސްތައް ހޭދަކުރިއެވެ. އާއްމު ދިރިއުޅުމެއް ވޭތިކުރަން ބޭނުންވާތީ ކަމަށްވެސް ވެދާނެއެވެ.

ނަމަވެސް މިއަދު މި ދެކުދިންނަކީ އެމެރިކާގެ ނިއު ބްރައިޓަންގެ އެލިމެންޓަރީ ސްކޫލުގެ ޓީޗަރުންކަން މިވަނީ ޔަޤީން ކުރެވިފައެވެ. މިކުދިން ކިޔަވައިދެނީ ގްރޭޑް 04 އަދި 05ގެ ހިސާބު މާއްދާއެވެ.

މި ދެކުދިން ޑިގްރީ ނަގާފައިވަނީ މުޅިން ދެ ދާއިރާއަކުންނެވެ. ޓީޗިން ލައިސަންސް ލިބިފައިވަނީ މުޅިން ދެ މާއްދާއަކުންނެވެ. އެހެން ނަމަވެސް މިކުދިންނަށް މަހު މުސާރައަށް ލިބެނީ އެއް ޗެކެއްކަން ފާހަގަކޮށްލެވެއެވެ.

އެބީ އަދި ބްރިޓަނީގެ ވާހަކަތަކާއި މަންޒަރުތައް މި ވީޑިއޯއިން ބަލައިލާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.