މިހާރު ބޮލީވުޑްގައި ހުރި އެންމެ މޮޅު އަދި އެންމެ އަގުބޮޑު އެއް ބަތަލާއަކީ ދީޕިކާ ޕަޑުކޯން ކަމާމެދު ޝައްކެއް ނެތެވެ. މީގެ 14 އަހަރު ކުރިން 2007 ގައި ޝާހް ރުކް ޚާން އާއި އަރްޖުން ރާމްޕާލްއާއެކު ފިލްމު “އޯމް ޝާންތީ އޯމް” އިން ބޮލީވުޑަށް ތަޢާރަފު ވުމަށްފަހު އޭނާ ވަނީ އެތައް ފިލްމަކުން އޭނާގެ ކުޅަދާނަކަން ދައްކާލާފައެވެ.

2012 ގެ ފިލްމު “ކޮކްޓެއިލް” އާއެކު އޭނާގެ މަޝްހޫރުކަން އެތައް ގުނައަކަށް އިތުރުވީއިރު، އޭނާގެ ކެރިއަރުގެ ކާމިޔާބު ފިލްމުތަކުގެ ލިސްޓެއް ހަދާނަމަ “ގޯލިޔޯން ކީ ރާސްލީލާ ރާމް ލީލާ”، “ޗެންނާއީ އެކްސްޕްރެސް”، “ބާޖީރާއޯ މަސްތާނީ” އަދި “ޕަދުމާވަތު” ފަދަ އެތައް ފިލްމެއް ހިމެނިދާނެއެވެ.

ފިލްމު “އޯމް ޝާންތީ އޯމް” އިން ބޮލީވުޑަށް ތަޢާރަފުވީ ނަމަވެސް އެންމެ ފުރަތަމަ ދީޕިކާ ބޮލީވުޑަށް ތަޢާރަފުކުރަން އޮތީ އެ ފިލްމުން ނޫންކަން އެނގޭ ހެއްޔެވެ؟ އާނއެކެވެ. ފުރަތަމަ ދީޕިކާ ބޮލީވުޑަށް ތަޢާރަފުކުރަން އުޅުނީ އޭނާ ލީޑް ރޯލު ކުޅުނު “ރާމް ލީލާ” އާއި “ޕަދުމާވަތު” ފަދަ ފިލްމުތައް ގެނެސްދިން ސަންޖޭ ލީލާ ބަންސާލީ 2007 ގައި ގެނެސްދިން “ސާވަރިޔާ” އިން ރަންބީރް ކަޕޫރާއި އެކުއެވެ. ފާހަގަކޮށްލެވޭ ކަމަކީ “ސާވަރިޔާ” އަކީ ދީޕިކާ ބޮލީވުޑަށް ތަޢާރަފުކުރި “އޯމް ޝާންތީ އޯމް” އާ އެއް ދުވަހެއްގައި ރިލީޒްކުރި ފިލްމެއްކަމެވެ.

“ސާވަރިޔާ” ގެ ލީޑް ރޯލު ދީޕިކާ ޤަބޫލު ނުކުރި ވަކި ސަބަބެއް މީޑިއާތަކަށް ހާމަކޮށްފައެއް ނުވެއެވެ. ދީޕިކާ އެ ރޯލު ޤަބޫލު ނުކުރުމުން ދެން އެ ރޯލު ކުޅުނީ މަޝްހޫރު އެކްޓަރު އަނިލް ކަޕޫރްގެ ދަރިފުޅު ސޯނަމް ކަޕޫރެވެ. “ސާވަރިޔާ” ބޮކްސް އޮފީހުގައި ބޮޑުތަނުން ނާކާމިޔާބު ވީއިރު ފަރާ ޚާން ޑައިރެކްޓްކުރި “އޯމް ޝާންތީ އޯމް” އަކީ އެ އަހަރު ނުކުތް އެންމެ ކާމިޔާބު ފިލްމެވެ.

ދީޕިކާގެ ދެން އެންމެ އަވަހަށް ނުކުންނަން އޮތް ފިލްމަކީ މިމަހު 11 ގައި އެމެޒޯން ޕްރައިމް ވީޑިއޯގައި ރިލީޒްކުރާ “ގެހެރާއިޔާނ” އެވެ. ދީޕިކާއާއެކު ސިދާންތު ޗަތުރުވެޑީ، އަނަންޔާ ޕާންޑޭ އަދި ދައިރިޔާ ކަރްވާ ލީޑުން ފެނިގެންދާ މި ރޮމޭންޓިކް ޑްރާމާއަކީ ޝަކުން ބަޓްރާގެ ޑައިރެކްޝަނެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.