28 ސެޕްޓެމްބަރު 1929 ވަނަ އަހަރު އުފަންވި ލަތާ މަންގޭޝްކަރް ނިޔާވީ މިމަހުގެ 06 ވަނަ ދުވަހު ހެނދުނު 08:12 ގައި މުންބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލްގައެވެ. މިއީ ބޮލީވުޑްގެ އިތުރުން މުޅި މިއުޒިކް އިންޑަސްޓްރީއަށް ވެސް ލިބުނު ދެރައެކެވެ. ލަތާ މަންގޭޝްކަރް ދުނިޔޭގައި ނެތަސް ދިގު ހަތް ދަހަރު އޭނާ ކިޔައިދީފައިވާ ހިތްގައިމު ލަވަތަކުން އަހަރުމެންގެ ހިތްތަކުގައި ލަތާ ދިރިހުންނާނެކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

ލަތާ މަންގޭޝްކަރަށް އިންޑިއާގެ ބުލްބުލްގެ (ނައިންޓިންގޭލް އޮފް އިންޑިއާ) ލަޤަބު ލިބިގެން ދިޔަ ގޮތަށް ކުރު ގޮތަކަށް ބަލައިލާނަމެވެ.

ލަތާ މަންގޭޝްކަރަކީ އިންޑިއާގެ އިންދޯރަށް ނިސްބަތްބާ މަރާޓީ-ކޮންކާނީ މިއުޒީޝަން ދީނާނާތު މަންގޭޝްކަރް އަދި އޭނާގެ އަންހެނުން ޝެވަންތީއަށް ލިބުނު ފަސް ދަރިންގެ ތެރެއިން އެއްމެ ދޮށީ ދަރިފުޅެވެ. އުފަންވުމާއެކު އޭނާއަށް ދިން ނަމަކީ ހެމާ މަންގޭޝްކަރް އެވެ. ލަތާ އާއި އެއްބަނޑު އެއްބަފާ ކުދިންގެ ތެރޭގައި މީނާ ކަދީކަރް، އާޝާ ބޯސްލޭ، އޫޝާ މަންގޭޝްކަރް އަދި ހިރްދަޔާނާތު މަންގޭޝްކަރް ހިމެނެއެވެ. މި އެއްމެންނަކީވެސް މިއުޒީޝަނުންނެވެ.

1941 ވަނަ އަހަރު، ލަތާގެ އުމުރުން އެއްމެ 12 އަހަރުގައި އޭނާގެ މިއުޒިކީ ދަތުރު ފެށި އެވެ. އޭނާ ސްޓޫޑިއޯއެއްގައި އެއްމެ ފުރަތަމަ ދެ ލަވައެއް ކިއީ ރޭޑިއޯއަކުން ގެނެސްދިނުމަށެވެ. 1942 ވަނަ އަހަރު، ނަވީޔުގް ޗިތުރަޕާތުގެ މަރާޓީ ފިލްމު “ޕަހީލީ މަންގަލާ-ގޯރް” ގައި އޭނާ އެކްޓްކުރިއެވެ. އެ ފިލްމުގެ ލަވައެއް ކަމަށްވާ ‘ނަތާލީ ޗެއިތުރާޗީ ނަވަލާއީ’ ލަވަ އޭނާގެ އަޑުން ކިޔެވެ. ލަތާ ފުރަތަމަ ކިޔި ހިންދީ ލަވައަކީ ”މާތާ އޭކް ސަޕޫތު ކީ ދުނިޔާ ބަދަލް ދޭ ތޫ“ އެވެ. މިއީ 1943 ގައި ރިލީޒްކުރި މަރާޓީ ފީޗަރ ފިލްމު ”ގަޖާބާއު“ގެ ލަވައެކެވެ. މި ފިލްމަށް އިތުރު ލަވަތައްވެސް ލަތާ ކިޔާފައިވެއެވެ.

1945 ވަނަ އަހަރު، ލަތާ މަންގޭޝްކަރް މުންބާއީއަށް ގޮސް ހިންދުންތާނީ ކްލެސިކަލް މިއުޒިކްގެ ތަމްރީނުތައް، ބިންދީބާޒާރު ގަރާނާގެ އުސްތާޒު އަމާން ޢަލީ ޚާންގެ ފަރާތުން ހޯދަން ފެށިއެވެ. މުންބާއީއަށް ގޮސް އޭނާ ކިއި އަލަތު ހިންދީ ލަވަ ‘ޕާ ލަގޫނ ކަރް ޖޯރީ’ ރެކޯޑްކުރިއެވެ. މިއީ ފިލްމު “އާޕް ކީ ސޭވާ މެއިނ”ގެ ލަވައެކެވެ.

ލަތާގެ މިއުޒިކީ ކެރިއަރުގެ ޙަޤީޤީ ދައުރު ފެށުނީ އިންޑިއާގެ ލިޖެންޑަރީ އެކްޓަރު ދިލިޕް ކުމާރާއި ކުއްލި ގޮތަކަށް ބައްދަލުވި ބައްދަލުވުމަށް ފަހުގައެވެ. އެމީހުން ދިމާވީ މުންބާއީގެ ލޯކަލް ރޭލެއްގެ ކޮމްޕާޓްމެންޓެއްގެ ތެރެއިންނެވެ. އޭރު ދިލިޕް ކުމާރާ އެކު، މަޝްހޫރު މިއުޒިކް ޑައިރެކްޓަރު އަނިލް ބިސްވާސް ވެސް އިނެވެ. ޒުވާންފުރާގެ ލަތާ ފެނިފައި އެއީ ކޮން ކުއްޖެއްތޯ އަނިލް ބިސްވާސް ކުރެން ދިލިޕް އެހިއެވެ. އޭގެ ޖަވާބުގައި އަނިލް ބުނީ އޭނާއަކީ މަހާރާޝްތުރާ އަށް ނިސްބަތްވާ ޒުވާން ލަވަކިޔުންތެރިއެއް ކަމަށާ އޭނާ ވަރަށް މޮޅަށް ލަވަކިޔާ ކަމަށެވެ.

“އެކަމަކު އެމީހުން (މަހާރާޝްތުރާ މީހުން) އުރުދޫބަހުން، ބަސްމޮށުމުގައި ރަނގަޅު ރާގުގަނޑެއް ނުހުރެއެއްނު. ވީއިރު އެމީހުންގެ ލަވައިން މުގުރިހައާއި ބަތުގެ ވަހެއްނު ދުވާނީ. (ރަށްފުށުގެ ގޮތްގަނޑު ހުންނާނެ ކަމަށް ޖެހި މިސާލުބަހެއް).” އަނިލްގެ ޖަވާބަށް ދިލިކް ކުމާރް ރައްދުދެމުން ބުންޏެވެ. ކޮންމެއަކަސް ޑިލިޕް ކުމާރް މިހެން ބުނި އަޑު ލަތާއަށް އިވުނެވެ. ލަތާގެ ހިތުގައި ނުހަނު ބޮޑަށް ޖެހުނެވެ. އެ ޖަހައިލި ބަހުގެ އަސަރު އޭނާއަށް ކިތައްމެހާވެސް ބޮޑަށް ކުރިއެވެ.

ނަމަވެސް ހިންދީ ފިލްމު އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލުމަށްޓަކައި ރަނގަޅަށް އުރުދޫބަހުން ވާހަކަދައްކަން އެނގުމަކީ ކިހާވަރެއްގެ މުހިންމު ކަމެއްކަން ލަތާއަށް ވިސްނުނެވެ. ދިލިޕް ކުމާރު ޖަހައިލި ވަރުގަދަ ބަހުގައި ކިހާވަރެއްގެ ބުރަދަނެއް ހުރިކަން ލަތާއަށް ވިސްނި، އުރުދޫބަސް ދަސްކޮށް، އެ ބަހަށް އަހުލުވެރިވެ ފަރިތަވުމަށް އޭނާ ނިންމިއެވެ. މެހެބޫބް ނަމަކަށް ކިޔާ މައުލާނާއެއްގެ ގާތުން އޭނާ އުރުދޫބަސް ދަސްކުރަން ފެށިއެވެ.

ލަތާގެ ހިތުގެ އަޑިން ކުރި ވަރުގަދަ އަޒުމާއި އެއްގޮތަށް ހިތްމަތާއި މިންނަތާއެކު މަސައްކަތްކޮށް އޭނާއަށް މަޝްހޫރު ކަމާއި މަޤްބޫލުކަން ލިބުނެވެ. އެތަކެއް ދަހަރަކު އޭނާ ކިޔާފައިވާ ގިނަގުނަ ލަވަތައް ވަރުގަދަ ހިޓް ލަވަތަކަކަށް ވެގެން ދިޔައެވެ. ‘އާޔެގާ އާނޭވާލާ، އޭ މެރޭ ވަތަން ކެ ލޯގޯނ، ލަގްޖާ ގަލޭ، ޔެ ކަހާނ އާ ގަޔޭ ހަމް، ގާތާ ރަހޭ މެރަ ދިލް، ދިލް ތޯ ޕާގަލް ހޭ، މިއީ ފާހަގަ ކޮށްލެވޭ މަދު މިންވަރެކެވެ.

1989 ވަނަ އަހަރު، ލަތާއަށް ‘ދާދާސާހެބް ޕަލްކޭ އެވޯޑް’ އެރުވިއެވެ. މިއީ އިންޑިއާގެ ފިލްމީ ދާއިރާގައި ދެވޭ އެއްމެ މަތިވެރި އެވޯޑެވެ. އޭގެ ފަހުން ‘ބާރަތު ރަޓްނާ އެވޯޑް’ ލިބުނެވެ. މިއީ އިންޑިއާގެ އާއްމު ރައްޔިތަކަށް ދެވޭ އެއްމެ ޝަރަފުވެރި މަޤާމެވެ. މި އެވޯޑް އެރުވީ މިއުޒިކީ ދާއިރާއަށް މެދުކެނޑުމެއް ނެތި ޚިދުމަތްކޮށްފައިވާތީ 2001ވަނަ އަހަރު އެވެ.

ލަތާ އެއްމެ ފަހުން ފިލްމަކަށް ކިޔައިދިން ލަވައަކީ ‘ޖީނާ ކިޔާ ހޭ، ޖާނާ މައިނޭ’ ލަވަ އެވެ. މިއީ 2015 ވަނަ އަހަރު ލަތާ ރެކޯޑްކުރި ލަވައެކެވެ.

ލަތާ މަންގޭޝްކަރް ކިޔާފައިވާ ލަވަތަކުގެ ސީދާ އަދަދެއް ނޭނގުނަސް، އެ އަދަދު 36000 އަށް ވުރެން މައްޗަށް އަރާނެ ކަމަށް ބައެއް މަސްދަރުތަކުން ލިބޭ މަޢުލޫމާތުން އެނގެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.