ބޮލީވުޑްގެ ސުޕަރސްޓަރ ސަންޖޭ ދަތު، އޭނާގެ ފިލްމީ ހަޔާތް ފެށީ 1981ގައި އެޅުވި ފިލްމު “ރޮކީ” އިންނެވެ. އެ ފިލްމަކީ ސަންޖޭގެ ބައްޕަ، ލިޖެންޑަރީ އެކްޓަރ ސުނިލް ދަތު ޑައިރެކްޓްކުރި ފިލްމެކެވެ. އެ ފިލްމު ވެގެންދިޔައީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދި ފިލްމަކަށެވެ. ފިލްމު “ރޮކީ”ގައި ސަންޖޭގެ މަންމަގެ ރޯލު ކުޅުނީ އެތަކެއް ފިލްމުތަކެއްގައި މުހިންމު ރޯލުތަކެއް ކުޅެމުން އަންނަ، ތަޖުރިބާކާރު ބަޠަލާ އަރޫނާ އިރާނީ އެވެ.

މިހާރު، އަނެއްކާވެސް ސަންޖޭ ދަތު އަދި އަރޫނާ އިރާނީ ތައްޔާރުވަމުން އަންނަނީ ދެ މީހުން އެކުގައި، ދެމައިންގެ ރޯލުން ފެނިލުމަށެވެ. 41 އަހަރު ފަހުންނެވެ. ފިލްމުގެ ނަމަކީ “ގޫޑްޗާދީ” އެވެ.

މި ފިލްމު ޑައިރެކްޓްކުރާނީ ބިނޯއީ ގާންދީ އެވެ. ޕްރޮޑިއުސްކުރަނީ ބުޝަން ކުމާރެވެ. ޓީ-ސީރީޒް ފިލްމެއްގެ ގޮތުގައެވެ. މިއީ އާއިލީ ޑްރާމާއެކެވެ. މި ފިލްމުގެ ޝޫޓިންު، މިއަދު ޖޭޭޕޫރްގައި ފަށާނެއެވެ. ސަންޖޭ ދަތު އަދި އަރޫނާ އިރާނީގެ އިތުރުން މި ފިލްމުގެ ލީޑުން، ‘ކަސައުޓީ ޒިންދަގީ ކީ2’ ގައި އަނޫރާގު ބާސޫގެ ރޯލު ކުޅުނު ޕާތު ސަމްތާން ވެސް ފެނިގެންދާނެއެވެ.

އަރޫނާ އިރާނީ މި ފިލްމުގައި ސަންޖޭގެ މަންމަގެ ރޯލުން ފެންނާނެކަން ޚަބަރުފަތުރާ ވަސީލަތްތަކަށް ކަށަވަރުވަރުކޮށްދީފައި ވެއެވެ. ތަޖުރިބާކާރު އެކްޓްސް އަރޫނާ އިރާނީ އެއްމެ ފަހުން ފެނިގެން ދިޔައީ 2010 ވަނަ އަހަރު ނެރުނު ޕްރިޔާދަރްޝަންގެ ފިލްމު “ކައްޓާ މީޓާ” އިންނެވެ. އޭނާ ފިލްމީ ދާއިރާއަށް ނުވަތަ ސިނަމާތަކަށް އަލުން އެނބުރި އެ އަންނަނީ 12 އަހަރު ވާންދެން ދާއިރާއާއި ދުރުގައި ހުރުމަށް ފަހުގައެވެ. ނަމަވެސް އެ 12 އަހަރުގެ ތެރޭގައި އޭނާ ވަނީ އެތަކެއް ޓީވީ ސިލްސިލާތަކުގައި ހަރަކާތްތެރިވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.