ދެމީހުންނަށް ވެސް ލިފްޓްގެ ފިތަށް އޮބައިލެވުނީ އެކު އެކީގައިއެވެ. އެއީ ކުރިން އޮފީހުން ދެކުނު ކުއްޖެއް ނޫނެވެ. އޭނާ ވަގުތުން ސޮރީ އޭ ބުނެލި އެވެ. އަހަންނަށް ހުރީ ހުއްޓުން އަރާފައެވެ. ބަލާލަން ރީތި ދޮން ހަށިގަނޑެކެވެ. ފަން އިސްތަށިގަނޑު އައްސާފައި އޮތުމުން ވަކިން ރީއްޗެވެ. ލިފްޓުން ފޭބުމާއި އެކު އޭނާ އާއި ހިއުމަން ރިސޯސް މުވައްޒަފުން ހަވާލުވިއެވެ. ދަމުން އެއްފަހަރު ފަހަތަށް އެނބުރި ބަލައިލިއެވެ. މޫނުމަތިން ފެންނަނީ އުފާވެރި ހިނިތުންވުމެކެވެ. އަހަރެންވެސް އަހަރެންގެ މަސައްކަތާއިގެން ކުރިއަށް ދިޔައީމެވެ. މާދަމާއަކީ އޮފީހުގެ އަހަރީ ދުވަސް ވުމުން އެންމެން އުޅުނީ ހޭބޯނާރާ މަސައްކަތުގައެވެ.
*****
އޮފީހުގެ މަސައްކަތްތައް ކޮންމެވެސް ވަރަކަށް ނިންމާފައި އަހަރެން ބްރޭކެއް ނެގީމެވެ. ކޮފީ އެއް ބޯލުމުގެ ބޭނުމުގައެވެ. ނަމަވެސް ސެކްޝަނުން ނިކުމެވުނީ ހަމަ ކިރިޔާއެވެ. ފަހަތުން މުވައްޒަފަކު ގޮވައިލި އަޑަށް އަހަރެން ފަހަތަށް ބަލައިލިއިރު ހިއުމަންރިސޯސް މުވައްޒަފަކު ހުއްޓެވެ.
“މިއައީ އިމްރާން އާއި ދިމާވެތޯ ގޮސްފައި” އެ މުވައްޒަފު ބުނެލިއެވެ
“ކިހިނެއްވީ. މި ދަނީ ކޮފީ އެއް ބޯލަން. އާދޭ ބޭނުމިއްޔާ” އަހަރެން ދަޢުވަތު ދިނީމެވެ.
“ނޫން. މިއައީ އަލަށް ގުޅުނު ކުއްޖާ ތަޢާރަފު ކުރަން” އެ މުވައްޒަފު ބުނެލިއެވެ.
“އަހަރެން މިއީ އިމްރާން” އަހަރެން ނަން ބުނެލީމެވެ.
“މިއީ ޔުސްރާ. ލިފްޓުން ވެސް ދިމާވި ދޯ” ޔުސްރާ ހީލިއެވެ. އަދި ދިމާވާނެ ކަމަށް ބުނެ އަހަރެން ހިގައިގަތީ ސައި ކޮޓަރިއަށެވެ. މަސައްކަތުގެ ވަރުބަލިކަން ފިލުވައިލިމުގެ ބޭނުމުގައެވެ.
ގަޑިން ދޭއް ޖެހި އިރު އަހަރެން ހުރީ ގެއަށް ދާން ކާޑު ޖަހަން މެޝިން ކައިރީގައެވެ. އަވަހަށް ގެއަށް ދާން ބޭނުން ވެފައެވެ. އަހަރެން ކިރިޔާ ލަސްވިޔަސް ދަރިފުޅު ގުޅަން ފަށާނެއެވެ. ބައްޕަ އާއި ނުލައި އެންމެ ސިކުންތެއްވެސް ހޭދަ ކުރަން ބޭނުން ނުވާ ކަހަލަ އެވެ. ގެއަށް އައި މަގުމަތީ ދެތިން ފަހަރަކު އޮފީހުން ގުޅާފައި އޮތެވެ. އަހަރެން ގަސްތުގައި ފޯނަށް ޖަވާބު ނުދިނީއެވެ ގެއަށް އައިސް ފެންވަރާލައިގެން އަނެއްކާވެސް ރޭގަނޑު އޮފީހަށް ދިއުމުގެ ބޭނުމުގައެވެ.
****
އަހަންނަށް ހޭލެވުނީ އަންހެނުން އައިސް މިރޭ އޮފީހަށް ނުދަންހޭ ކިޔާ ގޮވުމުންނެވެ. އަވަހަށް ބަލައިލެވުނީ އަތުގައި އަޅާފައި އޮތް ގަޑިއަށެވެ. ގަޑިން ނުވައެއް ޖަހަން އުޅެނީއެވެ. އަވަސް އަވަހަށް ތައްޔާރުވެގެން އޮފީހަށް ދާން ސައިކަލް ދުއްވައިލީމެވެ. އެ އިރުވެސް އޮފީހުން ގުޅަނީއެވެ. އަހަރެން ގޮސް ކޮންފަރެންސް ހޯލަށް ވަންއިރު އެންމެން އެތާ ތިއްބެވެ. އަހަރެންވެސް ގޮސް މޭޒު ކޮޅުގައި އިން ގޮނޑީގައި އިށީނީމެވެ. ގްރޫޕް އޮތީ ބަހައި ނިމިފައެވެ. އަހަރެންނާއި އަލަށް އޮފީހަށް ގުޅުނު ކުއްޖާއި އެކު ފަސް މީހުންނެވެ. އަހަރެމެންނާއި ހަވާލުކުރި މަސައްކަތާއިގެން ކުރިއަށް ދިޔައީމެވެ.
“މި ރޭ ހާދަ ލަސްވީ” ޔުސްރާ އަހަންނާއި ސުވާލު ކުރިއެވެ.
“ނިދުނީ. އަންހެނުން ގޮވީމަ ހޭލެވުނީ” އަހަރެން ދިނީ ކުރު ޖަވާބެކެވެ.
“އޯހް. ވަރަށް ލޯބިވާ ވައިފެއް ދޯ” ޔުސްރާ އެހެން ބުނުމުން އަހަރެން ޖަވާބު ނުދީ ހީލީމެވެ. ޖަވާބު ދޭން ބޭނުން ނުވާތީއެވެ. އަހަރެންގެ ޒާތީ ކަންކަމުގެ ތެރެއަށް އެހެން މީހުން ވަންނަން ބޭނުން ނުވާތީއެވެ. ނަމަވެސް ޔުސްރާ އަކީ ވަރަށް މަޖާ އަނގަތަޅަން ބޭނުންވާ ކުއްޖެކެވެ. އެކަން އޭނާގެ ވާހަކައިންވެސް އެގެއެވެ. އަހަރެންނަކީވެސް އެކަހަލަ ޒުވާނެކެވެ. ގިނަ ރައްޓެހިން ބޭނުންވާ މީހެކެވެ.
“އަހަރެން ހީކުރީ ވާހަކަ ލިޔަން އިނީ ކަމަށް” އަނެއްކާވެސް ޔުސްރާ ފެށިއެވެ. މަސައްކަތަށް ވުރެ ޔުސްރާގެ ސުވާލުތައް ގިނައެވެ
“ކިހިނެއް އެގުނީ އަހަރެން ވާހަކަ ލިޔާ ކަން” އަހަރެންގެ ވަރަށް ގިނަ މަޢުލޫމާތު ހޯދައިފައިވާހެން ހީވިއެވެ.
“އެންމެފަހުން އޮލިމްޕަހުގައި އެޅުވި “ނަފްރަތު” ފިލްމުގައި އެރިޔޭ ތީނަގެ ނަން” ޔުސްރާއަށް އަހަރެންގެ ވަރަށް ގިނަ މަޢުލޫމާތުތައް ލިބިފައިވާ ކަމަށް އަހަރެން މިހާރު ގަބޫލުކުރަމެވެ.
“މަވެސް ބޭނުން މަގޭ ލައިފް އާއި ބެހޭ ސްޓޯރީއެއް ލިޔަން” ޔުސްރާ އެދުނެވެ. އަހަރެން ޖަވާބު ދިނުމުގެ ގޮތުން ބޯ ޖަހައިލީމެވެ. ޔުސްރާގެ ވާހަކަ ހުއްޓޭތޯއެވެ. އެހެން ނޫނިއްޔާ މިރެއަކު ސަލާމަތެއް ނުވާނެއެވެ.
” އެހެންވިއްޔާ ބުނެބަލަ ކޮންތާކުން މީޓްވާނީ” ޔުސްރާގެ ވާހަކަ ހުއްޓޭ ގޮތެއް ނުވިއެވެ.
“އޯކޭ ދެން މާދަމާ އޮފީހަށް އައިސް ތިވާހަކަ ކިޔައިދޭނީ” އަހަރެން މަސައްކަތް ކުރީ ޔުސްރާގެ ކިބައިން ސަލާމަތް ވާނެ ގޮތެކެވެ.
“އޯކޭ. މާދަމާރޭ ލެމަންގްރާސް އިން އިނގޭ” އަހަރެން ބޭރަށް ނިކުންނަން ހިގައިގަތުމުން ޔުސްރާ ބުނެލިއެވެ. އަހަރެން އާނ އެކޭ ބުނެލުމުގެ ގޮތުން ބޯޖަހައިލިއެވެ. އަހަރެން ބޭނުންވީ ގެއަށް ގޮސްލާށެވެ. ވަރުބަލިވެފައިވާލެއް ބޮޑުކަމުން ނިދޭތޯއެވެ. ގެއަށް ދެވުނުއިރު އަންހެނުންނާއި ދަރިފުޅަށް އޮތީ ނިދިފައެވެ. އަހަރެންވެސް ހެދުން ބަދަލު ކޮއްލުމަށްފަހު ނިދޭތޯ އޮށޯތީމެވެ. ނިދިއައި ނަމަވެސް ނިދޭ ގޮތެއް ނުވެއެވެ. ޔުސްރާ އާއި ބައްދަލު ކުރަން އެއްބަސް ވެވިފައި ވާތީއެވެ.
*****
އިރު އޮއްސި ހަތެއް ޖެހިއިރު އަހަރެން ހުރީ ލެމަންގްރާސް ރެސްޓޯރަންޓް ކުރިމަތީ އިންޓަވިއު ކުރާނެ ރެކޯޑަރަކާއި ފޮތެއް ހިފައިގެންނެވެ. އަހަރެން ޔުސްރާއަށް ގުޅައިލީމެވެ. މާބޮޑަށް ލަސްކުރަން ބޭނުން ނުވާތީއެވެ. އެވަގުތު ޔުސްރާވީ ރެސްޓޯރަންޓް އެތެރޭގައެވެ. އަހަރެން ވަދެގެން ގޮސް ޔުސްރާ އިން މޭޒު ދޮށުގައި އިށީނީމެވެ.
“އަހަރެން ހިއެއް ނުކުރަން އަންނާނެ ކަމަކަށް” ޔުސްރާ އިނީ އުފަލުން ފޮޅިފައެވެ.
“އޯކޭ ދެން ކިޔައިދީބަލަ” އަހަރެން ހިތް އަވަސްވެފައިވާ ކަހަލައެވެ.
“އެއީ އަހަރެންގެ އުމުރުން ފަންސަވީސް އަހަރު ފުރުނު ދުވަސް. އަދި އެއީ އަހަރެންގެ ހަޔާތަށް ބައިވެރިއަކު އައި ދުވަސްވެސްމެ. ވަރަށް ލޯބިން އުޅެމުން ގޮސް އަހަރެއްވީ ތަނާހެން އަހަރެންގެ ބަނޑު ބޮޑުވިކަން އެނގުނު. އެހިސާބުން އަހަރެންގެ ފިރިމީހާ ބަދަލުވާން ފަށައިފި. ހިތްވަރާއިއެކު ޝަކުވާ ނުކޮށް ކުރިއަށް ދާން ވަރަށް މަސައްކަތް ކުރިން. އެންމެފަހުން އޭނާ ކުރިމަތީ ކުރީ އަނިޔާވެރިކަން. އެއަނިޔާގައި މަހެއްވީ ތަނާހެން ދަރިފުޅު ބަނޑަށް މަރުވެއްޖެ. އެފަހުން އަހަރެން މިހުންނަނީ ސިންގަލްކޮށް” ޔުސްރާއަށް ރޮވެން ފެށިއެވެ. އަހަރެން ޔުސްރާ ހަމަޖެއްސޭތޯ މަސައްކަތް ކުރީމެވެ.
“އަހަރެން ބޭނުންވަނީ އިމްރާން ކަހަލަ ފިރިއެއް. ތިކަހަލަ އޯގާތެރި އިންސާނެއް” ޔުސްރާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ.
“އަހަރެން ހަމްދަރުދީވަން. އެކަމަކު އަހަރެންނަކީ މީހެއްގެ ފިރިއެއް އަދި ދަރިއެއްގެ ބައްޕައެއް. ދެން ކިހިނެއް ތިކަން ކުރާނީ” އަހަރެން ޔުސްރާއަށް ހުރިހާ ކަމެއް ސާފުކޮއް ދިނީމެވެ. އެކަމަކު ވެސް ޔުސްރާ ބޭނުންވަނީ ދެއަންބަށް ނަމަވެސް އަހަރެންނާއި ކައިވެނި ކުރާށެވެ. އަހަރެންގެ ދަރިފުޅާއި އަނބިމީހާއަށް ރަނގަޅަށް ކަންތައް ކޮއްދޭނެކަމަށް އެތައް ފަހަރަކު ވަޢުދުވިއެވެ. ނަމަވެސް އަހަރެން ދިޔައީ އެކަމާއި ދެކޮޅު ހަދަމުންނެވެ.
“އޯކޭ އަހަރެން މުޅިއުމުރަށްވެސް ތިޔަނަން ހިތުގައި ލިޔެގެން އުޅެފާނަން. އެކަމަކު ފަހު ކަމަކަށް އަހަރެންދޭ ހަދިޔާއެއް ބޭނުން ކުރާނަންތަ” އެހެން ބުނެފައި ޔޫސްރާ އަހަރެންނަށް ދިއްކޮއްލީ ރަތް ފިނިފެން މަލެކެވެ. ޔުސްރާގެ ހަނދާނަކަށް ފޮރުވައިދޭން އެދި ދިއް މަލެކެވެ. އަހަރެން އެ ފިނިފެންމާ ގަބޫލު ކުރީމެވެ.
******
ޖެހިގެން އައި ދުވަހު އޮފީސްތެރެއިން ފަޅުކަން އަހަރެންނަށް އިހުސާސް ވަމުން ދިޔައެވެ. އެއީ ކޮން ކަމެއް ކަމައް އަހަރެންނަކަށް ނޭގުނެވެ. ޖީބުގައި އޮތް ފޯނު ނަގައި ޔުސްރާއަށް ގުޅައިލީމެވެ. ޖަވާބު ދިނީ ޔުސްރާގެ ދައްތައެވެ.
“ޔުސްރާ ހޮސްޕިޓަލުގައިވީ” ދައްތަ ހުރީ ވަރަށް ހާސްވެފައެވެ.
“ކިހިނެއްވީ. އަހަރެން މިދަނީ ހޮސްޕިޓަލަށް” އަހަރެންގެ ހިތް ހުރީ އަވަސްވެފައެވެ. ޔުސްރާ ދެކިލުމަށެވެ.
“ނޫން. އޭނާގެ ގާތަށް އެއްވެސް މީހަކަށް ނުވަދެވޭ. އޭނާ މިއަދު ކޮވިޑު ޖެހިގެން ނޭވާލާން އުނދަގޫ ވެގެން ގެންދިޔައީ. މިހާރު ވަރަށް ހާލު ދެރަ” ދައްތަ އެހެން ބުނެލުމާއި އެކު ކޯލު ކަނޑައިލިއެވެ. އަހަރެން އަވަހަށް ޔުސްރާމެންގެ ގެއަށް ދާން ސައިކަލަށް އަރައި ދުއްވާލިމެވެ. މާ ދުރުކަށް ނުދެވެނީ އަނެއްކާވެސް ޔުސްރާގެ ދައްތަގެ ފޯނެއް އައެވެ.
“ޔުސްރާ ނިޔާވެއްޖެ” ދައްތަ ރޯން ފެށިއެވެ. އަހަރެން އެވަގުތު އެގެއަށް ދިއުމުގެ ބަދަލުގައި އެނބުރި ގެއަށް އައީމެވެ. އަހަރެންގެ އަނބިދަރިންގެ ގާތަށެވެ. އެކަމަކު ޔުސްރާގެ ހަނދާނަކަށް ދިން އެ ރަތް ފިނިފެންމާ އަހަރެން އަތުގައި ބާއްވާނަމެވެ. މުޅި އުމުރަށެވެ. އެއީ ވަރަށް ރީތި ރަތް ފިނިފެންމަލެކެވެ.
= ނިމުނީ =
ލިޔުންތެރިޔާގެ ފުރަމަލަ
- މުޙައްމަދު އީމާން އަކީ އޮންލައިން ނޫސްތަކަށް ވާހަކަ ލިޔުމުގައި ދިގު މުއްދަތެއް ހޭދަކޮއްފައިވާ ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 ޖޫން 2022ބިރުވެރިބާރަވަނަ ފަންގިފިލާ
- 9 ފެބްރުއަރީ 2022ވާހަކަފިނިފެންމާ
- 27 އޯގަސްޓް 2021ވާހަކަމިލަހަނދުވަރު – 09
- 25 އޯގަސްޓް 2021ވާހަކަމިލަހަނދުވަރު – 08