ފިރިހެނަކު އޭނާގެ އަނބިމީހާގެ ޖަނާޒާގައި ހުއްޓާ އެތަނަށް އޭނާގެ އަނބިމީހާ ދިއުމުން، އެކަންވީ ގޮތް ބަލައި އޮޅުންފިލުވި އިރު، ލިބިގެން ދިޔައީ ޝޮކެއް ލިބުނު ޚަބަރެކެވެ.
މި ހާދިސާ ހިނގި ގޮތް ފަށާނީ ކެވިން ޑްރޫގެ އަނބިމީހާ ވަޅުލާން އުޅުނު ހިސާބުންނެވެ.
“މަށެއް ނުރޯނަން. މަށެއް ނުރޯނަން.” ކެވިން ޑްރޫ އޭނާގެ އަމިއްލަ ނަފުސަށް އިވޭވަރަށް މިހެން ކިޔަމުން ދިޔައީ ލޮލުން ފައިބަން ތައްޔާރުވެފައި ހުރި ކަރުނަތައްވެސް ހިފަހައްޓަމުންނެވެ. “އަހަރެންގެ ފިރިހެން ދަރިފުޅަށް ފެނިދާނެ. އަހަރެން އެބަޖެހޭ ދަރިފުޅަށްޓަކައިވެސް ހިތްވަރުކުރަން.”
ކެވިން ހުރީ ކެތްކޮށްގެންނެވެ. ބަޑިފަޅައިގެން ދާކަށް އޭނާ ބޭނުމެއް ނޫނެވެ. ގަދަކަމުން ނަމަވެސް ހިފަހައްޓައިގެން ހުރި ކަރުނަތައް އެއްމެ ފަހުން އޭގެ މަޤާމު ދޫކޮށް އޮހޮރެން ފަށައިފިއެވެ. ދާދި ދެންމެއަކު ކޮނެފައިވާ ކަށްވަޅަށް އޭނާގެ އަންހެނުންގެ ސަންދޯށް ތިރިކުރި ހިސާބުންނެވެ. އެ ވަޅުން ނަގާފައިވާ ވެލިން ދުވި ވަސް ކެވިންގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާނެއެވެ.
ކެވިންގެ ލޯބިވާ އަނބިމީހާ ނިޔާވީ ކާރު އެކްސިޑެންޓެއްގައެވެ. އަނބިމީހާގެ ކުއްލި މަރުގެ ސަބަބުން ކެވިންއަށް ލިބުނު ފުން ހިތާާމައިގެ ކޮޅެއްވެސް ނެތެވެ. އެހެންކަމުން އޭނާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރެން ފެށީ ކަށްވަޅުގެ ތެރެއަށް ސަންދޯށް ތިރިކުރި ހިސާބުންނެވެ.
ލިބުނު ކުއްލި ހިތާމައިގެ ސަބަބުން ކެވިން އަދި އޭނާގެ ދަރިފުޅު ޖޯންގެ ހަޔާތަށް ލިބުނީ ފޫ ނުބެދޭ ވަރުގެ ފަޅުކަމެކެވެ. އެއީ ކެވިން އަދި ޖޯން އިންތިހާއަށް ލޯބިވި އަންހެނެކެވެ. ކެވިންގެ އަންހެނުން ވަޅުލައި ނިމުނުފަހުންވެސް އެ ދެބަފައިން ހިތި ކަރުނަ އޮހޮރިއެވެ. މަހާނައިގެ ކައިރީގައި ތިބެގެންނެވެ.
ޖަނާޒާގައި ބައިވެރި މީހުން، ފަހަރަކު މީހަކު ހެން އެތަނުން ނުކުމެގެން ހިނގައްޖެއެވެ. އެއްމެ ފަހުން، ކެވިންގެ 15 އަހަރަށްދާ ދަރިފުޅު ޖޯން ވެސް އެތަނުން ފޮނުވާލައިފިއެވެ. ނަމަވެސް އޭނާ އެތަނުގައި މަޑުކުރީ އެވެ. ލޯބިވާ އަނބިމީހާގެ މަހާނަ ކައިރީގައެވެ. އަނބިމީހާއާ އެއްމެ ފަހުގެ ސަލާމް ކުރަން ބޭނުންނުވާ ކަހަލައެވެ.
މަހާނާ ކައިރީގައި އޭނާ އުޑަފައިން އިށީންދެ އިނެވެ. އަނބިމީހާއާ އެކު ހޭދަކުރެވުނު އުފާވެރި ވަގުތުތަކުގެ ހަނދާނުގައި އިރުއޮއްސެން ދެން އޭނާ އިނެވެ. އަނދިރިވާން ފެށުމުން ގެއަށް ދިއުމަށް ކެވިން ތެދުވިއެވެ. މަހާނައާއި ދުރަށް ހައެއްކަ ފިޔަވަޅުވެސް ނޭޅޭނެއެވެ. އޭނާގެ ފުރަގަހުން ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑު އިވެން ފަށައިފިއެވެ. ފަސް އެނބުރި ބަލައިލިއިރު ކަޅު ހެދުމެއް ލައިގެން އިން އަންހެނަކު ފެނުނެވެ. އެ އަންހެން މީހާ ހިނގަމުން ދިޔައީ ކެވިންގެ އަންހެނުންގެ މަހާނައާއި ދިމާއަށެވެ. އެތަން ފެނިފައި ކެވިން އަށް މަޑުކޮށްލެވިއްޖެއެވެ. އެއީ ކާކުތޯ ބެލުމަށެވެ.
އެއީ އިސްކޮޅުން ދިގު އަންހެނެކެވެ. ކެވިންގެ އަނބިމީހާ އާއި އެއް ސިފަތަކެއް ހުރި މީހެކެވެ. ހިނގާ ހިނގުމާއި ހަރަކާތްތައްވެސް ހަމަ އެއްގޮތެވެ. އެމީހާގެ މޫނު ފެންނަގޮތް ވޭތޯ ކެވިން ބަލައިލިއެވެ. ނަމަވެސް އޭނާގެ ބޮލުގައި އަޅާފައި އޮތް ތޮފީގެ ސަބަބުން މޫނު ފެންނަ ގޮތެއް ނުވިއެވެ.
“އެއީ ހަމަ ގައިމުވެސް އަހަރެންގެ އަންހެނުން މާާރސީ އެއް ނޫން.” ކެވިންގެ ހިތަށް އެރިއެވެ. “މިވާނީ މަށަށް ހީވާ ހީވުމަކަށް.” ކެވިންގެ ހިތް ބުންޏެވެ.
ނަމަވެސް އެ އަންހެން މީހާއާއި ދިމާއަށް ބަލަން އޭނާއަށް ހުރެވުނީ އެވެ. އެމީހާ ގޮސް މަހާނައާއި އަރައި ހަމަތަން ވެފައި ދެކަކޫ މައްޗަށް އިށީންދެއްޖެއެވެ. މަހާނަ މައްޗަށް މަޑިއަށް ޖެހިގަނެފައި ރޯން ފަށައިފިއެވެ.
“މީ އަނެއްކާ ކާކުބާ؟ ގައިމު މަގޭ އަންހެނުންގެ ތިމާގެ މީހެއް ނަމަ، އެމީހަކު މަގޭ އަންހެނުންދެކެ އެހާ ލޯބިވާނަމަ، ކީއްވެބާ މޫނު ދެކެން ނައީ؟” ކެވިން ހިތާހިތާ ކިޔައިލިއެވެ. ނަމަވެސް އެއީ އޭނާގެ އަންހެނުންގެ ރައްޓެއްސަކަށް ވެދާނޭވެސް ކެވިންގެ ހިތަށް އެރިއެވެ. މަރުގެ ޚަބަރު ލިބުނު ލެއް ލަސްވީ ކަމަށްވެސް ވެދާނެއެވެ.
މި ހުރިހައި އެއްޗެއް ހިތަށްއެރި ނަމަވެސް ކެވިންގެ ފިޔަވަޅުތައް ހުރީ މަހާނައާއި ދިމާއަށެވެ. އެމީހާގެ ބޮލުގައި އަޅާފައި އޮތް ތޮފި ނެގި ވަގުތު އެމީހާގެ މޫނު ކެވިން އަށް ފެނިއްޖެއެވެ. އެއީ ހަމަ އެކަނި އޭނާގެ އަނބިމީހާ އާއި ވައްތަރު މީހަކީއެއް ނޫނެވެ. އެއީ އޭނާގެ އަނބިމީހާ އެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 29 ޑިސެމްބަރ 2024ޚަބަރު“ރޯމްދުނިޔެ” އިން އީސިމް ނެގުން ދިވެހީންނަށް މާ ސަޅިވާނެ!
- 27 ޑިސެމްބަރ 2024ޚަބަރުޑާކް ރެއިން އިން މިފަހަރު “ފެށުމާއި ނިމުން”
- 24 ޑިސެމްބަރ 2024ޚަބަރުނިޝާ އާރްޖޭއަކަށް!
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!