13 ފެބްރުއަރީ 2022ގެ ބަޔާއި ގުޅޭ…

މި ހުރިހައި އެއްޗެއް ހިތަށްއެރި ނަމަވެސް ކެވިންގެ ފިޔަވަޅުތައް ހުރީ މަހާނައާއި ދިމާއަށެވެ. އެމީހާގެ ބޮލުގައި އަޅާފައި އޮތް ތޮފި ނެގި ވަގުތު އެމީހާގެ މޫނު ކެވިން އަށް ފެނިއްޖެއެވެ. އެއީ ހަމަ އެކަނި އޭނާގެ އަނބިމީހާ އާއި ވައްތަރު މީހަކީއެއް ނޫނެވެ. އެއީ އޭނާގެ އަނބިމީހާ އެވެ.

ކެވިންގެ ހިތް ތެޅެންފެށީ ރޯމަހެއް ތެޅޭހެންނެވެ. އޭނާއަށް ހުރިގޮތަށް ކޮޅަށް ހުރެވުނީއެވެ. އޭނާގެ ހިތުގެ ހިނގުމުގެ އަޑު ބާރުކަމުން ޚުދު އޭނާވެސް ހައިރާންވިއެވެ. އެ އަންހެންމީހާ އަށް އެ އަޑު ނުއިވޭބާއޭ ހިތަށްއެރިއެވެ. ކެވިންއަށް ހުރެވުނީއެވެ. ހަދާނެގޮތް ހުސްވެފައެވެ. އެ އަންހެން މީހާ އެތަނުން ތެދުވެގެން ދާންދެން ބަލަން ހުރެވުނީއެވެ.

ކެވިންގެ ލޮލުގެ ކޮޅަށް އެ އަންހެންމީހާ ގެއްލެންދެން ހުރެވުނެވެ. އެ ފެނުނު މަންޒަރަކީ އަސްލެއްތޯ ޔަޤީންކުރުމަށް އޭނާ ބޭނުންވިއެވެ. އަންހެންމީހާގެ ފަހަތުން ކެވިން އަޅުވައިލިއެވެ. ނަމަވެސް، އޭނާއަށް މައިމަގަށް ނުކުމެވުނު އިރު، އެ އަންހެން މީހާ ރަތްކުލައިގެ ފޯޑް ކާރަކަށް އަރަނީއެވެ. އެ އަންހެންމީހާ ކާރަށް އެރި ވަގުތު އޭނާގެ ދަބަހުން ގަނޑުކޮޅެއް ވެއްޓުނުތަން ފެނުނެވެ.

އަންހެން މީހާ އެރި ކާރު ނައްްޓައިލުމާއެކު އެ ދިމާއަށް ކެވިން ދުއްވައިގަތެވެ. އަންހެންމީހާގެ ދަބަހުން ވެއްޓުނު ކަރުދާސްކޮޅު ނެގިއެވެ. އެއީ ގަބުރުސްތާނާއި 75 މޭލެއްހައި ދުރުގައި އޮންނަ އަވަށުގެ ފިހާރައަކުން ދީފައިވާ ބިލްކޮޅެކެވެ.

އެ އަންހެންމީހާގެ ފަހަތުން ބިސްމަޅި ދުއްވުމަށް ކެވިން ނިންމިއެވެ. ކާރަށް އަރައި ސްޓާކޮށްލައި މިސްރާބުޖެހީ އެ ފިހާރަ ހުންނަ ދިމާއަށެވެ. އެއީ ޓެކްސަސް އަށް ނިސްބަތްވާ ކުޑަކުޑަ އަވަށެވެ. އެހެންކަމުން އެ ފިހާރަ ހޯދުން އެހައި ބޮޑު ކަމަކަށް ނުވިއެވެ.

ކެވިން އެ ފިހާރައަށް ވަދެ ކައުންޓަރު ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. ކައުންޓަރުގައި އިން ކޭޝިއަރަށް ގޮވާލައި އޭނާގެ ޖީބުގައި އޮތް ވޮލެޓުން ފޮޓޯގަނޑެއް ނަގައި ދައްކައިލިއެވެ. “މި އަންހެން މީހާ މި ފިހާރައަށް މީން ދުވަހަކު އައިތަ؟” ކެވިން އަހައިލިއެވެ.

“ތީ މޭރީއެއްނު.” ކޭޝިއަރު ޖަވާބުދިނެވެ. “އޭނަ މި އަވަށަށް އައީ މީގެ ދުވަސްކޮޅެއްކުރިން. ކިހިނެއްވީ؟ އޭނައަށް ކަމެއްވީތަ؟”

“ނޫނޭ. އެކަހަލަ ކަމެއް ނުވޭ. އޭނައާ ވާހަކަދައްކައިލަން ބޭނުންވެގެން މި ހޯދަނީ. މިހާރު އޭނަ ދިރިއުޅޭތަނެއް އެނގޭތަ؟”

“އާނ. އެނގޭ. މިއީ ކުޑަކުޑަ އަވަށެއްނު. މިތަނުގަ އެއްމެނަށްވެސް އެއްމެން އެނގޭނެ. ރޯޒީ އެއަރބީއެންބީއަކުން އޭނަ ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅެއޭ ކިޔާއަޑު އެހިން. މިތަނުން ކޮންމެ ޓެކްސީއަކަށް އެރިއަސް އެތަނަށް ގެންގޮސްދޭނެ.”

:ޝުކްރިއްޔާ ދައްތާ!”

“އަހަންނަކީ ޖޭމީ. ބައްދަލުވީތީ ވަރަށް އުފާކޮށްފިން.”

“ތިޔަ ވެދިން އެހީތެރިކަމަށްޓަކައި ވަަރަށް ޝުކުރިއްޔާ.” ފިހާރައިން ނުކުތުމުގެ ކުރިން ކެވިން ބުނެލިއެވެ.

ކެވިންގެ ކާރު ބާއްވާފައި ޓެކްސީއަކަށް އެރިއެވެ. އެބުނާ އެއަރބީއެންބީއާ ދިމާއަށް ދިއުމަށެވެ. އެތަނަށް ގޮސް ރޯޒީއާ ދިމާވޭތޯ ދެތިން މީހެއްކުރެން އަހައި އޮޅުންފިލުވުމަށްފަހު އެތާ ހުރި ދޮރެއްގައި ޓަކިޖެހިއެވެ. މީހެއްގެ ހިލަމެއް ނުވިއެވެ. ނަމަވެސް ކުޑަދޮރުގެ ފޮތިގަނޑު ކަހައިލިކަން ފާހަގަކުރެވުނެވެ. ކޮންމެވެސް މީހަކު ދޮރުފޮތިގަނޑުގެ ތެރެއިން ބޭރަށް ބަލައިލިއެވެ.

ކެވިން މުށްކަވައިލާ ދޮރުގައި ބާރަށް ޖަހައިލިއެވެ. އިރުކޮޅެއްފަހުން އެ އަންހެން މީހާ ބޭރަށް ނުކުމެއްޖެއެވެ. “ކިހިނެއްތޯވީ!” އެމީހާ ބުނެލިއެވެ.

އެ އަންހެން މީހާގެ ފަހަތުން އެހެން އަންހެނެއްވެސް ނުކުމެއްޖެއެވެ. ކެވިންގެ ލޮލަށް ފެނުނު މަންޒަރު ޤަބޫލުކުރަންވެސް ދަތިވިއެވެ. އޭނާގެ އަންހެނުން ހަމަ ހަޤީޤަތުގައިވެސް ދިރި ދުނިޔޭގައި އެހެރީއެވެ. ކެވިން ގޮސް އޭނާގެ އަންހެނުންގެ މޫނާއި އަތުގައި އަތްކާއްތާ ބެލިއެވެ. ޔަޤީންކުރުމަށެވެ.

“އަހަންނަށް މަޢާފުކުރޭ!” ކެވިންގެ އަނބިމީހާ ރޮއެ އާދޭސްކުރަން ފެށިއެވެ. އެކަމަކު މަޢާރުކުރަންވީ ކޮންކަމަކާ ހެއްޔެވެ؟

“އަހަރެންގެ އަނބިމީހާ ދިރިހުރިކަން އެނގުމުން ރުޅިއަންނަންވީ ކީއްވެގެން؟” ކެވިންގެ ހިތަށްއެރިއެވެ. ވިސްނައިލުމުން އެނގިއްޖެއެވެ. އޭނާގެ އަންހެނުން މަރުވިކަމަށް ފޭކްޖެއްސީ އެވެ. އެކަމަކު ކީއްވެގެން ހެއްޔެވެ؟

“ކީއްވެ؟ ކީއްވެގެން ތިހެން ކަންތައް ކުރީ؟ ކީއްވެ މަށަށް ތިހެން ހެދީ… ކީއްވެ އަހަރުމެންގެ ދަރިފުޅަށް ތިހެން ހެދީ.. ކީއްވެ އަހަރުމެންގެ އާއިލާއަށް އޮޅުވައިލީ؟” ކެވިންގެ ސުވާލުތައް އޮއްސަައިލިއެވެ. ބުނާ ކޮންމެ ބަހަކާއެކު ރުޅިވެރިކަންވެސް އިންތިހާއަށް އިތުރުވަމުން ދިޔައެވެ.

“އަޅެ ލޯބީ، މިކަމުގަ ކުށްވެރިއަކީ ހަމައެކަނި އަހަރެން. އަހަރެން މި ކުރީ ކޮށްގެންވާނެ ކަމެއް ނޫން.” ރޮމުންރޮމުން ކެވިންގެ އަންހެނުން ވާހަކަދެއްކިއެވެ.

“ކީކޭތަ ތި ކިޔަނީ؟” ކެވިން އަހައިލިއެވެ. އޭނާގެ ގަޔާ ދުރުކޮށްލަމުންނެވެ. “ވެގެން އުޅޭގޮތް ރަނގަޅަށް ކިޔައިދީ!!” އަމުރުވެރި ރާގަކަށް ކެވިން އިންޒާރުދިނެވެ.

މިކަންތައްގަނޑު ފެށުނީ މީގެ ހައެއްކަ މަސްކުރިން، އަހަންނާ އެ އަންހެންމީހާއާ ދިމާވި ފަހުން. އެއީ …. އެއީ….”

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.