މަޝްހޫރު ކޮމީޑިއަން މުޙައްމަދު ޢަބްދުﷲ (މުހައްމާ)ގެ ދެކެދެކެވެސް ޕްރޮޑަކްޝަނުން އަުފައްދާ ވަރުގަދަ ވެބްސީރީޒްގެ ޓްރެއިލާއެއް އާއްމުކޮށް އެ ސީރީޒްގެ ޕްރިމިއާ ނައިޓެއް މިމަހު 26ގައި ބާއްވަން ނިންމާފައިވާކަން ހާމަކޮށްފިއެވެ.

މަޝްހޫރު ޑައިރެކްޓަރު އަދި ތަޖުރިބާކާރު އެކްޓަރު އަޙްމަދު ނިމާލް ޑައިރެކްޓްކުރާ ”ލަފުޒު“ ސީރީޒްގެ ޓްރެއިލަރ ދައްކައިލީ ޓެލެވިޒަން މޯލްޑިވްސްގެ ފިލްމީ އުދަރެސް ޕްރޮގްރާމުގައެވެ. އާއްމުކޮށްފައިވާ މި ޓްރެއިލާއިން ސީރީޒްގެ މުހިންމު ބައެއް މަންޒަރުތައް ދައްކާލާފައިވެއެވެ. ޓްރެއިލާ އާއްމުކޮށްފައިވަނީ ‘ދެކެދެކެވެސް ޕްރޮޑަކްޝަން’ގެ އައު ލޯގޯއާވެސް އެކީގައެވެ.

ޖުމްލަ 30 އެޕިސޯޑް ހިމެނޭ ”ލަފުޒު“ގެ ޕްރިމިއަރ ހަފުލާ އިންތިޒާމުކުރަނީ މި ސީރީޒް ދެއްކުމަށް ހަމަޖެހިފައިވާ މީޑިއާނެޓުންނެވެ. މި ހަފުލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ސޯލްޓް ކެފޭގައި ކަމަށް “ލަފުޒު”ގެ ޑައިރެކްޓަރ ނިމާލް މުނިއަވަސް އަށް ބުންޏެވެ.

މި ސީރީޒްއާ މެދު ނިމާލް ބުނީ މިއީ މަޝްހޫރު ވާހަކަލިޔުންތެރިޔާ މަރްޔަމް މޫސާ ލިޔެފައިވާ 30 އެޕިސޯޑްގެ ސްކްރިޕްޓެއްގެ މައްޗަށް ތައްޔާރުކުރާ ސީރީޒެއް ކަމަށެވެ. ނަމަވެސް މީގެ މަސައްކަތްތައް ބަހާލާފައިވާ ގޮތުން މިވަގުތު ނިންމާފައި ވަނީ 15 އެޕިސޯޑްކަމަށް ވެސް ނިމާލް ފާހަގަކުރިއެވެ.

މި ސީރީޒް ކެމެރާކޮށް އެޑިޓްކުރަނީ މަޝްހޫރު ކެމެރާމަން އަދި ޕޯސްޓްޕްރޮޑަކްޝަން މަސައްކަތުގައި ތަޖުރިބާކާރު ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ.

ނިމާލް ޑައިރެކްޓްކޮށް އެކްޓްވެސް ކޮށްފައިވާ ”ލަފުޒު“ން ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި ޓިކްޓޮކުން ވިދާލައި ފިލްމީ ދާއިރާގައިވެސް ފިޔަޖަމުން އަންނަ ޝިފާ، ޢަލީ އާޒިމް (ދޮން އައްޔަ)، އަލަށް ތަޢާރަފުވާ ޢާރިފާ ޢަލީ، މި ފަދަ ސީރީޒަކުން އަލަށް ފެނިގެންދާ އާދަމް ސަޢީދު، ފާޠިމަތު ލަޠީފާ، ނަޞީރު، ތުހުފާ ހިމެނެއެވެ. މީގެ އިތުރުން މީގައި ހަރަކާތްތެރިވާ ކުޑަކުދިންގެ ރޯލުތަކުން ފެނިގެންދާނީ ރ. މާކުރަތުގެ ކުދިންނެވެ.

”މި ޑްރާމާ ސީރީޒް ބޭސްވެފަ މިވަނީ ވަރަށް އެހެން ކަހަލަ ސްޓޯރީއެއްގެ މައްޗަށް. ގެއެއްގެ ތެރޭގަ ބޮޑުވަމުން އަންނަ އަންހެން ކުއްޖަކު އެކަހެރިވެގެން ދާގޮތް މީގެން ފެނިގެން ދާނީ.“ ސީރީޒްގެ މައިގަނޑު ބިނާވެފައިވާ ގޮތް މުނިއަވަސްއާ ހިއްސާކުރަމުން ނިމާލް ބުނެފައިވެއެވެ.

https://www.youtube.com/watch?v=PG7sFTkxiTQ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.