‘މަނިކޭ މަގޭ ހިތޭ’ ލަވައިން ދުނިޔޭގެ ކަންކޮޅުތަކުގައި ވިދައިދި ޔޮހާނީގެ އައު ލަވައެއް ރިލީޒްކޮށްފިއެވެ. ފަތުރުވެރިންނަށް ސްރީ ލަންކާއިން ފެންނާނެ ރީތި މަންޒަރުތަކާއި ފަތުރުވެރިންނަށް ހުރި ފުރުސަތުތަކުގެ ވާހަކަތައް ކިޔައިދޭ ހިތްގައިމު ލަވަ “ޔޯރ މައި ޕެރަޑައިޒް” ރިލީޒްކުރީ މި މަހު 05 ވަނަ ދުވަހުގެ ރޭގައެވެ. ރިލީޒްކުރިތާ ތިން ދުވަސް ވެފައިވާއިރު، މިހައިތަނަށް މި ލަވަ ޔޫޓިއުބުން 328,108 އަށްވުރެން ގިނަ މީހުން ބަލާފައިވެ އެވެ.

ސްރީ ލަންކާގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް އުފައްދާފައިވާ މި ލަވައަކީ އިނގިރޭސި ބަހުން ކިޔާފައިވާ ލަވައެއް ނަމަވެސް ސްރީ ލަންކާގެ ރަހަތައް ހިމަނާފައިވެއެވެ. މަންޒަރުތަކުން ދައްކުވައިދެނީ އެ ޤައުމުގެ ހިތްގައިމު މަންޒަރުތަކެކެވެ.

3.39 މިލިޔަނަށް ވުރެން ގިނަ މީހުން ފޮލޯކުރަމުން އަންނަ ޔޮހާނީގެ ޔޫޓިއުބްގައި މި ލަވަ އާއްމުކުރުމާއެކު ލަވައިގެ ހިތްގައިމު ކަމަށް ތަޢުރީފުކޮށް ގިނަ ބަޔަކު އަންނަނީ ކޮމެންޓްކުރަމުންނެވެ.

“ޔޯރ މައި ޕެރަޑައިޒް”ގައި ކިޔައިދޭ ވާހަކަތަކުގެ ތެރޭގައި ސްރީ ލަންކާގެ ޗާލުކަން އޭނާގެ (ޔޮހާނީގެ) ހަށިގަނޑުގެ ނާރުތަކުގެ ތެރޭގައި ހިނގަމުންދަނީ ރާޅުތަކުގެ ކުލައިގައި ކަމަށާ، ހަމަ އެއްވެސް ގޮތަކުން އޭނާގެ އަމިއްލަ ގަތްވަޅަށް އައުމާމެދު ހުރަހެއް ނޭޅޭނެކަމަށް ބުނެއެވެ. އޭނާގެ ގަތްވަޅުގެ މިއުޒިކާއި ދޫތަކުން ‘އަޔުބޮވަން’ ނުވަތަ މަރުހަބާއޭ ކިޔައި ގޮވަމުންދާ ހިނދު، ލޯތްބާއި އަމިއްލަ ގެދޮރުވަންތަކަން އެކަމުގައި ހިމެނޭ ކަމަށްވެސް ބުނެފައިވެ އެވެ.

ކޮންމެއަކަސް، ‘ޔޯރ މައި ޕެރަޑައިޒް’ގައި މިފަދަ ހިތްގައިމު ވާހަކަތަކެއް ކިޔައިދެނީ ޔޮހާނީގެ ޖާދޫވީ އަޑުން، އެހާމެ ހިތްގައިމު މިއުޒިކަކާއި އެކީގައިކަން ފާހަގަކޮށްލެވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.