ޖޯން އަބްރަހަމަށް ޚާއްޞަ ބާރުތަކެއް ލިބިފައިވާ ސިފައިންގެ މީހެއްގެ ރޯލުން ފެނިގެންދާނެ އެކްޝަން ފިލްމު “އެޓޭކް”ގެ ފުރަތަމަ ޓްރެއިލަރ ރިލީޒްކޮށްފި އެވެ. މި ޓްރެއިލަރ ރިލީޒްކުރުމަށްފަހު ޖޯން އަބްރަހަމް ބުނީ މި ފިލްމަކީ ވަރުގަދަ ތުރިލާއަކަށް ވެގެންދާނެ ކަމުގެ ޔަޤީންކަންދޭ ކަމަށެވެ.

މި ފިލްމުގެ މަންޒަރެއް ދުށުމަށް ދިގު އިންތިޒާރެއް ކުރުވުމަށްފަހު ނެރުނު ޓްރެއިލަރުން ފެނިގެންދަނީ ޚާއްޞަ ބާރުތަކެއް ލިބިފައިވާ ސިފައިންގެ މީހެއްގެ ގޮތުގައި ދައްކުވައިދޭ ޖޯން އަބްރަހަމް އޭނާގެ އަމިއްލަ ވަޒަނުގެ ދިފާޢަށްޓަކައި އެނބުރި އަންނަ ކަމެވެ.

ޓްރެއިލަރު ފެށެނީ، ޖޯން އޭނާގެ ދިރިއުޅުމުގެ ފަލްސަފާ ކިޔައިދޭން ފަށާ ހިސާބުންނެވެ. “މީހެއްގެ ދިރިއުޅުމުގައި ކުރިމަތިވާނެ އެއްމެ މުހިންމު ދެ ދުވަހަކީ އޭނާ އުފަންވި ދުވަހާއި އޭނާ މި ދުނިޔެއަށް އުފަންވުމަށް މެދުވެރިވީ ކީއްވެގެންކަން އެނގޭ ދުވަހު،” ޖޯން ބުނެލައެވެ. މި ފިލްމުގައި ޖޯންގެ ލޯބިވެރިއެއްގެ ގޮތުގައި ފެނިގެންދާނީ ޖެކްލީން ފެނާންޑޭޒް އެވެ. ރަތުނާ ޕާތަކް ޝާކް ފެންނާނީ ޖޯންގެ މަންމަގެ ރޯލުންނެވެ.

ޖޯން އާއެކު ރަކްލް ޕްރީތު ސިންހ ވެސް މުހިންމު ރޯލަކުން ފެނިގެންދާ “އެޓޭކް”ގެ ޓްރެއިލަރުގައި ޖޯން އަބްރަހަމް ލެބޯޓަރީއެއްގައި ބާއްވާފައި އޮންނަތަން ފެނެއެވެ. ރަކްލް ޕްރީތު ސިންހ ފެންނާނީ ސައިންޓިސްޓެއްގެ ގޮތުގައެވެ. ޚާއްޞަ އަދި ވަރުގަދަ ބާރުތަކެއް ލިބިފައިވާ ދިޔައެއް ނުވަތަ ސުޕަރ ސީރަމް އެއް އޭނާގެ ނާރުތަކުގެ ތެރެއަށް ފޮނުވާލައެވެ. އޭނާއަށް ވަރުގަދަ ބާރެއް ލިބުމަށްފަހު، ސައިންސް ފިކްޝަން އަދި ޑަބްސްޓެޕް މިއުޒިކްގެ އަޑު އިވިގެންދާ މަންޒަރުތަކުން ފެންނަނީ ޖޯން އަބްރަހަމް ދުޝްމަނުންނާ ހަނގުރާމަކޮށް ނަސްރު ހޯދާތަނެވެ.

މި ފިލްމުގައި ދައްކުވައިދޭނީ ވަރުގަދަ މިޝަނަކާއެކު ފެނިގެންދާ މީހެއްގެ ވާހަކަ އެވެ. އޭނާ ފެނިގެންދާނީ އިންޑިއާގެ ފުރަތަމަ ސުޕަރ ސޯލްޖާގެ ގޮތުގައެވެ. އެގޮތުން އޭނާގެ ވަޠަނަށް ކުރިމަތިވާ ނިރުބަވެރި ކުރިމަތިލުންތަކެއް ނިމުމަކަށް ގެނައުމަށް ކުރާ މަސައްކަތާއި އެކަން ކާމިޔާބުކުރާ ގޮތް މި ފިލްމުން ފެނިގެންދާނެ އެވެ.

ލަކްޝްޔާ ރާޖް އާނަންދު ޑައިރެކްޓްކޮށްފަައިވާ އެކްޝަން-ތުރިިލާ “އެޓޭކް” އުފައްދާފައިވަނީ ރަހީނުކުރުމުގެ ހާދިސާތަކެއްގައި ހިނގާފައިވާ ޙަޤީޤީ ހާދިސާތަކަކަށް އިންސްޕަޔަރ ވެގެންނެވެ.

އެހެން ފިލްމުތަކެކޭ އެއްފަދައިން، ސިނަމާތަކާއި ހަމައަށް ”އެޓޭކް“ ގެންނާނެ ތާރީޚަށް މިވަނީ ފަސްކުރުން ތަކެއް ކުރިމަތިވެފައެވެ. އެންމެ ފުރަތަމަ، މި ފިލްމު ރިލީޒްކުރަން ނިންމީ އިންޑިއާގެ ޖުމްހޫރީ ދުވަސް، ޖެނުއަރީ 26 ވަނަ ދުވަހުއެވެ. ނަމަވެސް ކޮރޯނާވައިރަސްގެ ބަލިމަޑުކަމާއި ގުޅިގެން މިހާރު މި ފިލްމު ރިލީޒްކުރާނެ އައު ތާރީޚެއް މިވަނީ ކަނޑައަޅާފައެވެ. އެއީ 01 އޭޕްރީލް 2022 ވަނަ ދުވަހެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.