🎬ވިދްޔާ ބާލަން އަދި ޝެފާލީ ޝާހް އިސް-ބަޠަލާއިންގެ ގޮތުގައި ފެނިގެންދާ “ޖަލްސާ” އެމެޒޯން ޕްރައިމް ވީޑިއޯގައި މި މާރިޗް މަހު 18 ވަނަ ދުވަހު އަޅުވާނެ
🎬ފިލްމުގެ އުފެއްދި ފަރާތުން، ފިލްމުގެ ޓްރެއިލަރ، 09 މާރިޗްގައި ރިލީޒްކޮށްފި

އެމެޒޯން ޕްރައިމް ވީޑިއޯގެ ފިލްމު “ޝޭރްނީ” (2021)ން ބެލުންތެރިން ހައިރާންކޮށްލި ބޮލީވުޑްގެ ހުނަރުވެރި އެކްޓްރެސް ވިދްޔާ ބާލަން އަނެއްކާވެސް ތައްޔާރަށް ހުރީ އެކްޝަން ތުރިލަރއަކާ އެކު ބައްދަލުކުރުމަށެވެ. “ޖަލްސާ”ގެ ޓްރެއިލަރ މިއަދު އާއްމުކޮށްފައި ވާއިރު، މި ފިލްމު ރިލީޒްކުރަން ނިންމާފައި ވަނީ މިމަހުގެ 18ގައެވެ. މި ފިލްމުގައި “ޑެއްލީ ކްރައިމް” (2019)ގައި ހަރަކާތްތެރިވި ޝެފާލީ ވެސް ފެނިގެންދާނެއެވެ.

“ޖަލްސާ”ގެ ފުރަތަމަ ޕޯސްޓަރު ނެރުނު ހިސާބުން ފިލްމާއި ބެހޭގޮތުން ގިނގުނަ ވާހަކަތަކެއް ވަނީ ފެތުރިފައެވެ. ނަމަވެސް މިއަދު ނެރުނު ޓްރެއިލަރ އާއެކު ބެލުންތެރިން ހައިރާންކޮށްލާފައި ވެއެވެ.

ސުރޭޝް ތުރިވޭނީ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ވާހަކައިގައި ކިޔައިދެނީ އެއް ރެއަކު ދިމާވާ ހާދިސާއެއްގެ ވާހަކަ އެވެ. މިކަމުގެ ތެރޭގައި ނޫސްވެރިއަކާއި، އޭނާގެ ގޭގައި ކައްކަން އުޅޭ މީހާ އާއި ގުޅުމެއް ވެއެވެ. ވިދްޔާ ކުޅެނީ ނޫސްވެރިއެއްގެ ރޯލެވެ. ޝެފާލީ ކުޅެނީ އޭނާއާމެދު ގޯސް އަޑުތަކެއް ފެތުރިފައިވާ ރުޅިގަދަ މަންމައެއްގެ ރޯލެވެ. މި ފިލްމުގެ ވާހަކައިގެ ކުންނު ބިނާވެފައިވަނީ ޝެފާލީގެ ދަރިފުޅަށް ކުރިމަތިލާން ޖެހޭ އެކްސިޑެންޓެއްގައި އެ ކުއްޖާ މަރުވުމަށްފަހު ދެން ކުރިމަތިވާ ކަންތައްތަކެއްގެ މައްޗަށެވެ.

ޖަލްސާގެ މުހިންމު ތަރިންގެ ތެރޭގައި ޝެފާލީ ޝާހް އަދި ވިދްޔާ ބާލަންގެ އިތުރުން މާނަވް ކޯލް، ރޯހިނީ ހަތިންގަޑީ، އިޤްބާލް ޚާން، ވިދާތުރީ ބަންޑީ، ޝްރީކާންތު މޯހަން ޔާދަވް، ޝަފީން ޕަޓޭލް އަދި ސުރްޔާ ކަސިބަޓްލާ ހިމެނެއެވެ.

ޕްރަޖްވާލް ޗަންދްރަޝޭކަރް އަދި ސުރޭޝް ތުރިވޭނީ ލިޔެ، ޙުސައިން އަދި އައްބާސް ދަލާލްގެ ޑައިލޮގު ހިމެނޭ މި ފިލްމަކީ ބުޝަން ކުމާރް އަދި ކްރިޝްނާ ކުމާރްގެ ޓީ-ސީރީޒް އަދި ވިކްރަމް މަލްހޯތުރާ އާއި ޝިކާ ޝަރްމާގެ އެބަންޑޭންޝިއާ އެންޓަޓެއިންމެންޓުން އުފައްދާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.