ބިޕާޝާ ބާސޫ އާއި އޭނާގެ ފިރިމީހާ ކަރަން ސިންހް ގްރޯވަރއަށް ދަރިއެއް ލިބެން އުޅޭކަމަށް ބޮލީވުޑްގައި އަޑުތައް ފެތުރެން ފަށައިފިއެވެ. މި އަޑުތައް ފެތުރެން ފެށީ މި ހިތްގައިމު ޖޯޑު، މީގެ ދުވަސްކޮޅެއް ކުރިން ރޭގަނޑުގެ ކެއުމެއްގައި ބައިވެރިވެގެން އުޅެނިކޮށް ފެނުނު މަންޒަރަށް ބަލާފައެވެ.

އެތަކެއް ފިލްމެއްގައި ހުނަރުވެރި އަދި ހިތްގައިމު އެކްޓިންއެއް ދައްކާފައިވާ ބިޕާޝާ ބާސޫ ރޭގަނޑުގެ ކެއުމެއްގައި ބައިވެރި އުޅެނިކޮށް ފެނިފައިވަނީ ގަޔަށް ދޫކޮށް ހުރި ނޫކުލައިގެ ހެދުމެއްގައި ހުއްޓައެވެ. މީސްމީޑިއާގައި އާއްމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަގޮތުން ތަރިންގެ ފަހަތުން އަޅައިގަނެ ނެއްޓެއް ނޭނގި އުޅޭ ނޫސްވެރިން ނުވަތަ ނެޓިޒެންސް އެމީހުންގެ ޚިޔާލީ ވާފަށުގެ ހިމަކޮޅުން ނަމަވެސް ނިންމާފައިވަނީ ބިޕާޝާ ބަލިވެއިން ކަމަށެވެ.

އާއްމުކޮށްފައިވާ ފޮޓޯތަކަށް ކޮމެންޓްކުރި މީހުންވެސް ބިޕާޝާ ބަލިވެއިންކަމަށް ބުނެފައިވެއެވެ.

“ހަމަ ޔަޤީން އޭނާ އިނީބަލިވެ…. މޫނުން އޮފުއަރާ މަންމަ ލައިގެން ހުރީ ގަޔަށް ދޫ ހެދުމެއް.” މީހަކު ލިޔެފައިވެއެވެ. އެހެން މީހަކު ބުނެފައިވަނީ “އަހަންނަށް ހީވަނީ އޭނާ އިނީބަލިވެހެން.” ކަމަށެވެ.

ބަޔަކު ކޮންމެ ގޮތަކަށް ހީކުރިއަސް ބިޕާޝާ ބާސޫ އިނީބަލިވެއެއް ނޫނެވެ. ބިޕާޝާ ބަލިވެއިންކަމަށް ދެކެވޭ ވާހަކަތައް ދޮގުކުރަމުން، މުނިއަވަސްފިލުވައިދިނުމުގެ އިސްސަފުގައި ހަރަކާތްތެރިވާ ނޫހަކުން ބުނެފައިވަނީ، “ބިޕާޝާ ބާސޫ އިނީބަލިވެއެއް ނޫން. ކުރިމަގުގައި އޭނާ ބަލިވެ އިނުމުން އެކަން ޚުދު އޭނާ އަމިއްލައަށް މުޅި ދުނިޔެއަށް އިޢުލާނުކުރާނެ.”

ބިޕާޝާ ބާސޫ އަދި ކަރަން ސިންްހ ގްރޯވަރ އެއްމެފަހުން އެކުގައި ފިލްމަކުން ފެނިފައިވަނީ 2020ވަނަ އަހަރު ނެރުނު ބުޝަން ކުމާރްގެ ފިލްމު “ޑޭންޖަރަސް” އިންނެވެ. މި ހިތްގައިމު ޖޯޑު، ކައިވެނިކުރީ 2016ވަނަ އަހަރު އެވެ. އެ ދެމީހުން ބައްދަލުވެ، އެކަކުއަނެކަކު ދެކެ ލޯބިވެވުނީ 2015ވަނަ އަހަރު އުފެއްދި ފިލްމު “އެލޯން”ގެ ސެޓްގެ ތެރެއިންނެވެ. ފިލްމު “އެލޯން” އެހާ ސަޅި ފިލްމަކަށް ވެގެން ދިޔައީ މި ދެ ފަންނާނުންގެ ހިތްގައިމު ކީމި ނުވަތަ ކެމިސްޓްރީ ދިމާވާލެއް ބޮޑުކަމުން ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.