ޝާހް ރުކް ޚާން އަދި ގޯރީ ޚާންގެ ކައިވެންޏަށް މިހާރު ތިން ދަހަރަށްވުރެން ގިނަދުވަސް ވެފައިވާއިރު، ދެމީހުންގެ ވެސް އަމާޒުހުރީ ހަޔާތް އެކުގައި އުމުރަށް ހޭދަކުރުމަށެވެ. މި ދެމަފިރިން އެކުގައި ފެންނަ ފެނުމަކީ ޝާހް ރުކްގެ ފޭނުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝާހް ރުކް ދަންނަ މީހުންގެ ހިތްތަކަށް ވެސް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. މިވަގުތު ބަދަހި ގުޅުމެއްގައި މި ހިތްގައިމު ޖޯޑު ދެމިތިބި ނަމަވެސް ޝާހް ރުކް އާއި ވަކިވުމަށް ގޯރީ ޚާން އުޅުނުކަން މިއީ ގިނަ ބަޔަކަށް އެނގިފައި ނުވާ ކަމެކެވެ.

ޝާހް ރުކް އާއި ގޯރީ ޚާންގެ ލޯބީގެ ގުޅުން ފެށުނީ ޝާހް ރުކްގެ އުމުރުން 18 އަހަރުގަ އެވެ. އެތަކެއް އަހަރެއް ވާންދެން ރައްޓެހިވެގެން އުޅުމަށް ފަހު އެމީހުން ކައިވެނިކުރީ 1991 ވަނަ އަހަރު އެވެ.

ރިޕޯޓްތައް ބުނާގޮތުން، 2005 ވަނަ އަހަރު ‘ކޮފީ ވިތު ކަރަން’ ޝޯވްގެ އެޕިސޯޑެއްގައި ގޯރީ ޚާން އަދި ސުޒާން ޚާން އެކުގައި ބައިވެރިވިއެވެ. ގޯރީ ޚާން، ޝާރހް ރުކް އާއި ވަކިވާން ނިންމިކަން ނުވަތަ ޚިޔާލުކުރިކަން މި ޝޯވގައި ވާހަކަދައްކަމުން ގޯރީ ހާމަކުރިއެވެ. މި އެޕިސޯޑްގައި ގޯރީ ބުނެފައިވަނީ އޭނާ ޝާހް ރުކް ޚާން އާއި ވަކިވާން ނިންމި ސަބަބަކީ ޝާހް ރުކްގެ ބާރު މާބޮޑަށް ގޯރީއަށް ފޯރުވަން މަސައްކަތްކުރާތީ ކަމަށެވެ.

“އޭރު އަހަންނަށް ވިސްނުނީ އަހަރުމެން ދެމީހުން ކައިވެންޏާ ހަމައަށް ދިއުމަށް ވުރެން އަހަރުމެން އުމުރުން މާ ހަގުކަމަށް. އެހެންވެ އަހަރެން ޝާހް ރުކް ޚާންއާއި ރުޅިވެގެން ދުވަސްކޮޅަކު ހުރިން. އޭނާ މާބޮޑަށް އަހަރެންގެ މައްޗަށް ބާރުފޯރުވަން އުޅޭތީ އެކަން އަހަންނަށް ހަޖަމުނުވީ.” ގޯރީ އިތުރަށް ބުނީ އޭނާއަށް އަމިއްލަ މިނިވަންކަމާއި އަމިއްލަ ޖާގަ ބޭނުންވާތީ ދުވަސްކޮޅަކު ރުޅިވެގެން އުޅުމަށްފަހު އަނެއްކާވެސް ޝާހް އާއި ގުޅުނީ ކަމަށެވެ.

ޝާހް ރުކް ޚާންގެ އުމުރުން 18 އަހަރުގައި ގޯރީގެ އުމުރަކީ 14 އަހަރެވެ. ދެމީހުން ބައްދަލުވީ އެ ދެމީހުންގެވެސް ރަހުމަތްތެރިއެއްގެ ޕާޓީ ތެރެއިންނެވެ. ޕާޓީ ތެރެއިން ފެނި އެކަކު އަނެކަކު ދެކެ ލޯބިވެވުނެވެ. އެމީހުން ކައިވެނިކުރީ 25 އޮކްޓޫބަރު 1991 ގައެވެ. އެމީހުންނަށް ފިރިހެން އަދި އަންހެން ދަރިއެއް ލިބިފައިވެއެވެ. އާރްޔަން ޚާން އަދި ސުހާނާ ޚާންގެ އިތުރުން ޝާހް ރުކް އާއި ގޯރީގެ އެހެން ފިރިހެން ދަރިއެއްވެސް ހުރެއެވެ. ސަރޮގެސީ ހަދައިގެން ލިބިފައިވާ މި ކުއްޖާގެ ނަމަކީ އަބްރަމް ޚާން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.