މުޙައްމަދު ޢަބްދުﷲ (މުހައްމާ)ގެ ޕްރޮޑަކްޝަން ހައުސް ‘ދެކެދެކެވެސް ޕްރޮޑަކްޝަން’ އިން ދެ ސީރީޒެއްގެ މަސައްކަތް ވަރަށް ހަލުވި ސްޕީޑްގައި ކުރަމުން އަންނަކަމަށް އެ ޕްރޮޑަކްޝަނުން ބުނެފިއެވެ. މުނިއަވަސް އަށް މުޙައްމަދު ޢަބްދުﷲ ބުނީ “ބަލްގިޝް” އަދި “ސިޔާސީ މަންޖޯޅި”ގެ ނަމުގައި ކުރު ދެ ސީރީޒް އުފައްދަމުން އަންނަ ކަމަށެވެ.
“މިހާރު ކުރިއަށް މިދަނީ ދެކެދެކެވެސް ޕްރޮޑަކްޝަންގެ ފަރާތުން ރަމަޟާން މަހަށް ޚާއްޞަކޮށްގެން ހަދާ ދެ ސީރީޒެއްގެ މަސައްކަތް. މިހާރު ޝޫޓިންގެ މަސައްކަތް ދަނީ ކުރިއަށް. އޭގެ އެކައްޗަކީ ލޯބީގެ އެއްޗެއް. އެއީ “ބަލްގިޝް” ކިޔާ ފަސް އެޕިސޯޑްގެ ޑްރާމާ ސީރީޒެއް. ދެން އަނެއް ސީރީޒަކީ “ސިޔާސީ މަންޖޯޅި” ކިޔާ ކޮމެޑީ، ކޮންމެވެސް ވަރެއްގެ ސިޔާސީ ކަންތައްތަކެއްގެ ތެރެއިން ހަދާ ފަސް އެޕިސޯޑްގެ ޑްރާމާއެއް.” ދެކެދެކެވެސް ޕްރޮޑަކްޝަނުން އުފައްދަމުން އަންނަ ސީރީޒްތަކުގެ މަޢުލޫމާތު ހަމައެކަނި މުނިއަވަސްއާ ހިއްސާކުރަމުން މުޙައްމަދު ޢަބްދުﷲ ބުންޏެވެ.
“ބަލްގިޝް”ގެ ފަސް އެޕިސޯޑްގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ކެމެރާމަން ޢަލީ ރަޝީދު (ގޮޅާ)ގެ އަންހެނުން ރިނާޒާ އެވެ. ޑައިރެކްޓަރަކީ މަޝްހޫރު އެކްޓަރ ޑައިރެކްޓަރ އަޙްމަދު ނިމާލެވެ. ކެމެރާކުރަނީ ޢަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ޑްރާގެ އިސް-ބަޠަލުންގެ ތެރޭގައި ހިމެނެނީ ޝިފާ، ޢަލީ އާޒިމް (ދޮން އައްޔަ)، އަޙްމަދު ނިމާލް، އާމިރާ، ޢާރިފާ (އަރީ)ގެ އިތުރުން މާއްޓެ އެވެ.
މިޑްރާމާ ސީރީޒްގެ އެޕިސޯޑެއް ރަމަޟާން މަހު ކޮންމެ ހަފުތާއަކު އެއްރޭ ދައްކާނީ ޗެނަލް ތާރޓީން ގައެވެ.
“މި ޑްރާމާއަކީ އަޅުގަނޑު ދަންނަވާނީ ބެލުންތެރިން ވަރަށް ބަލާހިތުން ބަލައިލާ ކަހަލަ ކޮންސެޕްޓަކަށް، މޮޅު ސްކްރީންޕްލޭއަކަށް ހަދާ ޑްރާމާއެއް. ދެން ޚާއްޞަކޮށް ނިމާލް އަދި ޝިފާގެ އެކްޓިން މީގަ ވަރަށް މޮޅުވާނެ ކަމަށް އަޅުގަނޑު ޤަބޫލުކުރަނީ.” ޑްރާމާ ސީރީޒް “ބަލްގިޝް”އާ މެދު މުހައްމާ ދެކޭގޮތް ހާމަކުރަމުން ފާހަގަކުރިއެވެ.
“މީގެ އިތުރުން ދޮން އައްޔަގެ ހަމަ މުޅިން ތަފާތު ކެރެކްޓަރއެއް “ބަލްގިޝް”ގަ ފެނިގެންދާނީ.” މުހައްމާ އިތުރަށް ފާހަގަކުރިއެވެ.
“ބަލްގިޝް” ޑްރާމާ ސީރީޒްގެ ޝޫޓިން ކުރިއަށްދަނީ ރ. މާކުރަތުގެ އިތުރުން އެ އަތޮޅު ދުވާފަރު ގައެވެ. މި ސީރީޒްގެ ފަސް އެޕިސޯޑްގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި ނިންމައިލެވޭނެ ކަން ފާހަގަކުރަމުން މުޙައްމަދު ޢަބްދުﷲ (މުހައްމާ) ބުނީ އޭގެ ފަހުން، “ސިޔާސީ މަންޖޯޅި”ގެ މަސައްކަތް ފަށާނެ ކަމަށެވެ.
“ޑްރާމާ ސީރީޒް “ސިޔާސީ މަންޖޯޅި” އަކީ ވަރަށް ގިނަ ތަރިން ފެނިގެންދާނެ ކޮމެޑީ ސީރީޒެއް.” މުހައްމާ ބުނީ “ސިޔާސީ މަންޖޯޅި”ގެ ވެސް ޝޫޓިންގެ ބޮޑުބައި ކުރިއަށްދާނީ ރ. ދުވާފަރު އަދި މާކުރަތުގައި ކަމަށާ އެ ދެރަށުންވެސް ވަރަށް ގިނަ މީހުން މި ސީރީޒްގައި ބައިވެރިވާނެ ކަމަށެވެ.
“މީގެ މެއިން ކާސްޓް ފެނިގެންދާނީ ތަފާތު ކޮސްޓިއުމެއްގަ. ސިޔާސީ މަންޖޯޅީގެ ލީޑުން ވަރަށް ތަފާތު ކެރެކްޓަރ އަކުން ފެންނާނީ ޝިފާ، ދޮން އައްޔަ، މާއްޓެގެ އިތުރުން ތަފާތު ކެރެކްޓަރއަކުން ނަސީރުބެގެ އިތުރުން ނިމާލުވެސް ފެންނާނީ ވަރަށް ތަފާތު ކެރެކްޓަރއަކުން. އޭގެ އިތުރުން ތިން ހަތަރު އަންހެން ކުދިން ތަފާތު ކެރެކްޓަރތަކުން ފެނިގެންދާނެ. ހަމަ އެއާއެކު އެ ރަށުން ބައިވެރިވާ ފަރާތްތައްވެސް ފެނިގެންދާނީ ތަފާތު ކޮންމެވެސް ކެރެކްޓަރއަކުން.”
‘ދެކެދެކެވެސް ޕްރޮޑަކްޝަން’ އިން އުފައްދަމުން އަންނަ މި ދެ ސީރީޒްގެ މަސައްކަތްވެސް މިމަސް ނިމެންވާއިރަށް ނިންމާލައި މާލެ ދެވޭގޮތަށް ޝެޑިއުލްކޮށްގެން ކުރިއަށްގެންދާކަން މުހައްމާ ފާހަގަކުރިއެވެ.
“ވަރަށް ބާރު ސްޕީޑްގަ އިރާދަކުރެއްވިއްޔާ މިހާރު ޝޫޓިން ކުރިއަށް މިދަނީ. އިރާދަކުރެއްވިއްޔާ ޝެޑިއުލްއާ އެއްގޮތަށް ކުރިއަށްދާ ކަމަށް ވަންޏާ މަސް ނިމުމުގެ ކުރިއަށް މާލެ ދެވޭނެ. ދެން މީގެ މަސައްކަތް ކުރަމުން ދާއިރު، ޝޫޓިންގެ އިތުރުން އެޑިޓިންއާ ޑަބިންގެ މަސައްކަތްވެސް މާކުރަތުގަ ކުރިއަށްދާނެ.”
ޑްރާމާ ސީރީޒް “ބަލްގިޝް”ގެ ޓްރެއިލާއެއް މިހާރު ޗެނަލް ތާރޓީން އިން ދައްކަމުން އަންނަކަން މުހައްމާ ފާހަގަކުރިއެވެ. އަދި “ސިޔާސީ މަންޖޯޅި”ގެ ޓްރެއިލަރއެއްވެސް ވަރަށް އަވަހަށް ރިލީޒްކުރާނެ ކަމަށާ މިހާރު ދައްކަމުން އަންނަ “ބަލްގިޝް”ގެ ޓްރެއިލަރގެ އިތުރުން އައު ޓްރެއިލަރއެއް ވަރަށް އަވަހަށް ބެލުންތެރިންނަށް ގެނެސްދޭން ފަށާނެއެވެ.
“އަޅުގަނޑު ދަންނަވާނީ މި ދެ ޑްރާމާއަކީ މި ފަހުން ‘ދެކެދެކެވެސް ޕްރޮޑަކްޝަން’ އިން މަސައްކަތް ފެށިފަހުން ގެނެސްދެވޭ ވަރަށް ބޮޑަށް ބެލުންތެރިންނަށް ކަމުދާނެ ދެ ޑްރާމާއަށް ވާނެއޭ.” މި ދެ ސީރީޒްވެސް ފެނިގެންދާނީ ހަމައެކަނި ޗެނަލް ތާރޓީން އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 23 ނޮވެމްބަރ 2024ޚަބަރުޓިކްޓޮކް ރީިތި އަޑު ޝާފީ ކާމިޔާބުކޮށްފި
- 15 ނޮވެމްބަރ 2024ޚަބަރު“ބިބީ” ސްޕެއިން އަށް!
- 15 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” 20 ނޮވެމްބަރުގައި އެޅުވުން ކެންސަލެއް ނުވޭ!
- 13 ނޮވެމްބަރ 2024ޚަބަރު“ދޭދަރު ރުއިން” ޕްރިމިއާއަށް ނަގާފައިވާ އޮލިމްޕަސް ހޯލު އެންސީއޭ އިން އަތުލައިފި