ޝަރަފް ޢަބްދުﷲ އަދި އާމިނަތު ރަޝްފާ (އާޝާ) އިސް-ބަޠަލުންގެ ގޮތުގައި ހަރަކާތްތެރިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ލޯބީގެ ފިލްމު “ހިނދުކޮޅެއް”ގެ ހިތްގައިމު މޯޝަން ޕޯސްޓަރު މިއަދު ނެރެފިއެވެ.
މިއަދު އާއްމުކޮށްފައިވާ މޯޝަން ޕޯސްޓަރުން ފެންނަނީ ޝާރިފްގެ އަތުގައި އޮންނަ ކުޑައަކުން ބޯކޮށް ވެހެމުންދާ ވާރޭ ތެރޭގައި އާޝާއަށް ހިޔާކޮށްދީގެން ދެމީހުން އެކުގައި ނިކަން ލޯބިން ހިނގާލާފައިވާ މަންޒަރެކެވެ. އާޝާގެ އަތުގައި ބޮޑު ޕާރުސަލެއް އޮވެއެވެ. މޯޝަން ޕޯސްޓަރު ފެށިގެން ނިމެންދެން އިވެމުންދަނީ ބޮޑު މަޝްހޫރުކަމެއް ހޯދާފައިވާ ހިތްގައިމު ލޯބީގެ ލަވަ “ލޮލަކަށް ނިންޖެއް ނާދޭ”ގެ އަޑެވެ. ކަވަރ ލަވައެއްގެ ގޮތުގައި އިވިގެންދާ މި ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަދި ޑާކް ރެއިންގެ ފިލްމު “ބީވީމާ”ގެ އިސް-ބަޠަލާގެ ރޯލު ކުޅެފައިވާ މަރްޔަމް އަޝްފާ އެވެ.
ފިލްމު ”ހިނދުކޮޅެއް“ގެ ޝޫޓިންގެ 80 އިންސައްތަ މިހައިތަނަށް ނިންމާލެވިފައިވާ ކަމަށާ، ރަމަޟާން މަސް އައުމުގެ ކުރިން ޝޫޓިން އެއްކޮށް ނިންމައިލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން މިމަހު 15 ވަނަ ދުވަހު ބުނެފައިވެއެވެ.
“ހިނދުކޮޅެއް”ގެ ސްކްރީންޕްލޭ ލިޔުނީ އަޙްމަދު ޠަލާލް (ތޮލް) އެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ޕްރޮޑިއުސަރުންނަކީ ޢާއިޝަތު ފުއާދު އަދި މުޙައްމަދު ޢަލީ (މޮގާ) އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
