ރޭލާއި އެކު ސެލްފީ ވީޑިއޯ އެއް ނަގަން ހުއްޓާ ރޭލުންޖެހި މީހަކު މަރުވާ ވީޑިއޯތައް އިންޓަނެޓް ގައި ވައިރަލް ވުމަކީ ހިނގަމުން އަންނަ ކަމެކެވެ. ނަމަވެސް މި ވީޑިއޯ ވަރަށް ތަފާތެވެ. ރޭލާއި އެކު ސެލްފީއެއް ނަގަން ހުއްޓާ ރޭލު އައިސް އެމީހާގެ ގައިގައި ޖެހި ވިއްސައިގެންދިޔަ ނަމަވެސް އެމީހާ ވަނީ ސަލާމަތްވެފައެވެ.

ހިތްބަލި މީހުން ނުބެލުމަށް އިންޒާރުދީފައިވާ މި ވީޑިއޯ ހިމަނައިގެން އިންޑިޔާގެ ޓީވީތަކާއި ނޫސްތަކުގެ އިތުރުން ބީބީސީ، ޑެއިލީ މެއިލް އިންވެސް ވަނީ މި ޚަބަރު ގެނެސްދީފަ އެވެ. މިމަހުގެ 26 ވަނަ ދުވަހު ގެނެސްދީފައިވާ މި ޚަބަރުގައި ބުނާގޮތުން ސެލްފީ ނަގަން ހުއްޓާ ރޭލުން ޖެހުނީ ޖިމް ޓްރެއިނަރެއް ކަމަށްވާ ޓީ ސިވާ އެވެ.

ވީޑިއޯ އިން ފެންނަ މަންޒަރާއި އަޑުތަކަށް ބަލާއިރު ޓީ ސިވާ ސެލްފީ ވީޑިއޯ ނަގަން ހުއްޓާ ކައިރީގައި ހުރި މީހަކު ރޭލު އަންނަކަމުގެ އިންޒާރު އޭނާއަށް ދެމުންދިޔަ އެވެ. އިންޑިޔާގެ ބޮރަންދާ ރެއިލްވޭ ސްޓޭޝަންގައި މި ހާދިސާ ހިނގާފައިވަނީ ޖެނުއަރީމަހުގެ 21 ގައެވެ.

https://youtu.be/c-c5QCignbQ

އުމުރުން 25 އަހަރުގެ ސިވާ އަށް މާބޮޑު އަނިޔާއެއް ނުވެ ސަލާމަތްވި ނަމަވެސް އިންޑިޔާގެ ސައުތު ސެންޓްރަލް ޕޮލިހުން ބުނީ އޭނާގެ ބޮލަށް އަނިޔާވެފައި ވާކަމަށެވެ. ސިވާ ކޯޓަށް ހާޒިރުކޮށް 500 ރުޕީސް ގެ ޖޫރިމަނާއެއް ވަނީ ކޮށްފައެވެ.

މިދިޔަ ބުދަދުވަހުން ފެށިގެން، 21 ސިކުންތުގެ މި ވީޑިއޯ އަންނަނީ ފޭސްބްކް ގައި ފަތުއަޑުކިޔާފައި ފެތުރެމުންނެވެ.

ބާރަށް ދުއްވާފައި އަންނަ ރޭލެއްގެ ކުރިމަތީގައި ހުރެގެން ވީޑިއޯ ކުރުމަކީ އިންޑިޔާގައި ފެތުރެމުން އަންނަ ޓްރެންޑެކެވެ. މިދިޔަ އަހަރު އޮކްޓޯބަރު މަހު އިންޑިޔާގެ ކަރްނާޓަކާ ސްޓޭޓްގެ ތިން ޒުވާނުންގެ ގައިމަތިން ރޭލެއް ގޮސް އެތަނުން ދެ ޒުވާނުން މަރުވި ހާދިސާ އަކީ އޭގެތެރެއިން ފާހަގަކޮށްލެވޭ އެއް ހާދިސާ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.