80 ގެ މެދުތެރެއިން ފެށިގެން ދެހާހުގެ މެދުތެރެއާއި ހަމައަށް މެދުކެނޑުމެއްނެތި ކާމިޔާބު ފިލްމުތަކެއް ކުޅެމުން އައި ގޯވިންދާވެސް އޯޓީޓީ ޕްލެޓްފޯމްތައް ތަޖުރިބާކޮށްލަން ބޭނުންވާކަމަށް އޭނާ ބުނެފިއެވެ.
މިހާރު ވަރަށް މަދުން ފިލްމުތަކުން ފެންނަ ގޯވިންދާ މިހެން ބުނެފައިވަނީ ދާދި ފަހުން ޒީ ނިއުސް ޑިޖިޓަލްއަށް ދިން އިންޓަވިއުއެއްގައެވެ. އޯޓީޓީ ޕްލެޓްފޯމްތައް ތަޖުރިބާ ކޮށްލުމުގެ ޝައުޤުވެރިކަން އެބަހުރިތޯ ސުވާލުކުރުމުން ގޯވިންދާ ބުނެފައެވެ.
“އާނ. އަހަރެމެން ދާއިރާއަށް ވަން އިރާ ބަލާއިރު މިހާރު ކަންތައްތައް މިއޮތީ ވަރަށް ބޮޑަށް ބަދަލުވެފަ. އޯޓީޓީ އަކީ ހުރިހާ ވައްތަރެއްގެ އާޓިސްޓުންނަށް ހުޅުވާލެވިފަ އޮތް ޕްލެޓްފޯމެއް. އަހަރެންވެސް އެކްޓަރެއްގެ ގޮތުން އޯޓީޓީ ޕްލެޓްފޯމް ތަޖުރިބާކޮށްލަން ވަރަށް ބޭނުން.”
އޭގެ އިތުރަށް ވަރުގަދަ ހިނިގަނޑަކާއެކު ގޯވިންދާ ބުނެފައިވާ ގޮތުގައި ބަދަލުގައި ފައިސާ ނުލިބޭ ގޮތަކަށް މީހަކަށް މަޝްހޫރުކަން ދޭން އޭނާ ބޭނުމެއް ނުވެއެވެ. އެކަމަކު އޭނާ 90 ގެ އަދި ދެހާހުގެ ފިލްމުތައް އަލުން ބަލައިލުމަށް އޯޓީޓީ ޕްލެޓްފޯމްތައް ބޭނުންކުރާ ކަމަށްވެސް ބުނެފައިވެއެވެ.
މިހާރު ކިތަންމެ މަދުން ފިލްމުތަކުން ފެނުނު ނަމަވެސް ގޯވިންދާ އަންނަނީ ގިނަ ރިއަލިޓީ ޝޯވތަކެއްގައި ޚާއްސަ މެހެމާނެއްގެ ގޮތުގައި ބައިވެރިވަމުންނެވެ. ދާދި ފަހުން ސޮނީ ޓީވީގެ “އިންޑިއާސް ގޮޓް ޓެލެންޓް 9” ގައި ކަރިޝްމާ ކަޕޫރާއެކު ބައިވެރިވެ ވަރަށް ގިނަ ހަނދާންތައް އާކޮށްފައިވެއެވެ. ގޯވިންދާ އާއި ކަރިޝްމާއަކީ 90ގެ އަހަރުތަކުގައި ބެލުންތެރިންގެ އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދި އެއް އޮންސްކްރީން ޖޯޑުކަން ފާހަގަކޮށްލެވެއެވެ.
ގޯވިންދާއާއި ކަރިޝްމާ އެކުގައި ވަރަށް ގިނަ ފިލްމުތަކެއް ކުޅެފައިވާއިރު، އޭގެ ތެރެއިން ވަރަށް ބޮޑަށް ފާހަގަކޮށްލެވޭ ފިލްމުތަކުގެ ތެރޭގައި “ކޫލީ ނަމްބަރު 1″، “ސާޖަން ޗަލޭ ސަސުރާލް”، “ހީރޯ ނަމްބަރު 1” އަދި “ހަސީނާ މާން ޖާޔެގީ” ހިމެނެއެވެ. ދާދި ފަހުން މި ދެމީހުން ވަނީ ކޭއެފްސީގެ އިސްތިހާރެއްވެސް އެކުގައި ކުޅެފައެވެ. އެ އިސްތިހާރަށްވެސް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
އޯޓީޓީ ޕްލެޓްފޯމްތައް ތަޖުރިބާކޮށްލަން ބޭނުންވާކަން ގޯވިންދާ ހާމަކޮށްފައިވާއިރު، ކުރިން ވަރަށް މަޝްހޫރުވެ ފަހުން ދާއިރާއާއި ވަރަށް ދުރުގައި އުޅުމަށްފަހު އޯޓީޓީ ޕްލެޓްފޯމްތަކުގެ ކޮންޓެންޓުތަކުން ބެލުންތެރިންގެ ތާއީދު އަލުން ހޯދި ތަރިންގެ ތެރޭގައި މަދޫރީ ޑިކްޝިޓް، ރަވީނާ ޓަންޑަން އަދި ސުޝްމީތާ ސެން ހިމެނެއެވެ.
ގޯވިންދާގެ އަތުގައި މިވަގުތު އެއްވެސް ފިލްމެއް ނެތްއިރު، އޭނާ އެންމެ ފަހުން ފެނިފައިވަނީ 2019 ގެ ފިލްމު “ރަންގީލާ ރާޖާ” އިންނެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 1 މެއި 2024ވާހަކައިމްނާ
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ: ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ޓީމް ޗަޑްސް އިން އުންމީދު އާކޮށްފި
- 16 އޮކްޓޯބަރ 2023ޚަބަރުމާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023 : ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބަށް މޮޅެއް
- 14 ސެޕްޓެމްބަރ 2023ޚަބަރުހަމް ޓީވީއިން މިފަހަރު ގެނެސްދެނީ “ފިތުނާ”