ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގެ ފަރުތަކުން ގާ ހުދުވާކަން ފާހަގަކުރެވޭ ނަމަ އެކަން މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓަށް އެންގުމަށް އެ އިންސްޓިޓިއުޓުން އެދިއްޖެ އެވެ. އެ އިންސްޓިޓިއުޓުން މިކަމަށް އެދިފައިވަނީ މިމަހު 21 ވަނަ ދުވަހު އާއްމުކޮށްފައިވާ ނޫސްބަޔާނެއްގަ އެވެ. އެ ނޫސްބަޔާން މި ޚަބަރުގައި ހިއްސާކޮށްލަމެވެ.

މިދުވަސްވަރަކީ ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާހުދުވުމަށް މަގުފަހިވާ ދުވަސްވަރެކެވެ. ރާއްޖެއަށް 1998 ވަނަ އަހަރު ދިމާވި ގާހުދުވުމުގެ ބޮޑު ހާދިސާއަށް ފަހު، މިފަދަ ހާދިސާތައް ތަކުރާރުވުން އަވަސްކަން ފާހަގަކުރެވެއެވެ. މިފަދަ ދުވަސްވަރެއްގައި އިންސާނުންގެ ފަރާތުން ފަރަށް ކުރާ ނޭދެވޭ އަސަރު އިތުރުވާ ނަމަ، ފަރުތަކުގެ ސިއްހަތު ކުރީގެ ހާލަތަށް އިއާދަވުން ލަސްވާނެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ފިނި ހޫނުމިން ބެލުމަށް، އަދި ކަނޑުތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ފަރުތަކުގެ ގާ ހުދުވުމުގެ ހާދިސާތައް ކުރިއާ ލައި ލަފާ ކުރުމަށް އެމެރިކާގެ ނޭޝަނަލް އޯޝިއޭނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (ނޮއާ) އިން [ނޭޝަނަލް އެންވަޔަރަންމެންޓަލް ސެޓަލައިޓް ޑޭޓާ އެންޑް އިންފޮރމޭޝަން ސަރވިސް] ނަމުގައި ދަނީ ޕްރޮގްރާމެއް ހިންގަމުންނެވެ. މިޕްރޮގްރާމުން ލިބޭ މައުލޫމާތުގެ އަލީގައި އެކި ޤައުމުތަކުގެ ކަނޑުތަކުގެ ހޫނުމިނާއި ގުޅިގެން ފަރުތަކަށް ކުރިމަތިވާ ސްޓްރެސް އަށް ބަލައި ގާ ހުދުވުމުގެ ހާދިސާތައް ދިމާވުން އެކަށީގެންވާ މިންވަރު އަންދާޒާކުރެވެއެވެ. މިގޮތުން ގާ ހުދުވުމުގެ ހާދިސާއެއް ދިމާވެދާނެ ކަމަށްޓަކައި ދޭންޖެހޭ ސަމާލުކަން ފަސް ގިންތިއަށް ބަހާލެވެއެވެ. އެންމެ ފަހުގެ ސެޓަލައިޓް މައުލޫމާތަށް ބަލާއިރު މުޅި ރާއްޖެ މިވަގުތު އޮތީ ދެވަނަ ގިންތި ކަމަށްވާ  [ވޮޗް] ލެވެލްގައެވެ. ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ރާއްޖޭގެ ދެކުނުގެ ސަރަހައްދުތައް [ވޯނިންގ] ލެވެލް އަށް އަރާނެކަމަށް ލަފާ ކުރެވެއެވެ. އަދި ކުރިއަށް އޮތް 9 ހަފުތާއާއި 12 ހަފުތާއާއި ދެމެދު ހުވަދު އަތޮޅުން ފެށިގެން ދެކުނުގެ ސަރަހައްދުތަކުގައި [އެލާރޓް ލެވެލް 1] އަށް އަރާނެ ކަމަށްވެސް ވަނީ އަންދާޒާ ކުރެވިފައެވެ.

ދިވެހި ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގޮތުންނާއި ނުސީދާގޮތުން ފަރުތައް ގުޅި ލާމެހިފައި ވީހިނދު، ދުނިޔޭގެ ފިނިހޫނުމިން މަތިވުމާއި ގުޅިގެން މެދުވެރިވާ ހާދިސާތަކުގެ ސަބަބުން ފަރުތަކަށް ކުރާ އަސަރު ކުޑަކުރުމަށް ކުރެވެން އޮތް އެންމެހައި ކަމެއް ކުރުމަކީ ރާއްޖޭގެ ފަރުތައް ދެމެހެއްޓުމަށާއި، ފަރުތަކުގެ މައްޗަށް ބަރޯސާވާ ރާއްޖޭގެ އިޤްތިޞާދުގެ މައި ދެ ތަނބުކަމަށްވާ ފަތުރުވެރިކަމާއި މަސްވެރިކަމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ނުހަނު މުހިންމު ކަމެކެވެ.

ގާ ހުދުވާކަން ފާހަގަކުރެވޭ ނަމަ، ތިރީގައިވާ ލިންކުތަކުގައިވާ ފޯމުތައް މެދުވެރިކޮށް މި އިންސްޓިޓުޓަށް އެމައުލޫމާތު ފޯރުކޮށްދެއްވުމަށް އެދި ދަންނަވަމެވެ.

އޮންލައިން ފޯމުގެ ޒަރިއްޔާއިން މައުލޫމާތު ހުށަހެޅުއްވުމަށް: https://forms.gle/6smgvy7ejtxgevmXA

މައުލޫމާތު އީމެއިލް ކުރެއްވުމަށް: https://www.mrc.gov.mv/assets/Uploads/Bleaching-Form-2019-Dhivehi.pdf (ދިވެހި ބަހުން) ނުވަތަ https://www.mrc.gov.mv/assets/Uploads/Bleaching-Form-2019-English.pdf (އިނގިރޭސި ބަހުން) ލިންކުގައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން.

ޑައިވް ސަރވޭތަކާއި، ޑްރޯން ނުވަތަ ސީޕްލޭން މެދުވެރިކޮށް މައުލޫމާތު ނަގާނޭގޮތުގެ ގައިޑްލައިންތައް https://sites.google.com/view/coraldatabase އިން ލިބިވަޑައިގަންނަވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.