އެންމެ ކުޑައިރުން ފެށިގެން ހިންދީ ފިލްމު ބެލުމަކީ އާނަންދު ވަރަށް ފޯރިއާއެކު ކުރަމުން އަންނަ ކަމެކެވެ. ޚާއްޞަކޮށް ހިންދީ ފިލްމު ތަކެކެވެ. ހިންދީ ފިލްމު ތަކުންވެސް އާނަންދު އަށް އެންމެ ކަމުދަނީ ސުނިލް ޝެއްޓީ ގެ ފިލްމު ތަކެވެ. ސުނިލް ޝެއްޓީގެ ފައިޓް ސީންތައް ގިނައިން ހުންނަ ފިލްމެއް ވެއްޖެއްޔާ އެއީ އާނަންދު އަށް އެންމެ ކަމުދާ ފިލްމެވެ. ފިލްމު ތައް ބަލަމުން ސުނިލް ގެ އެކްޓިން ދަސްކުރަމުން އާނަންދު ގެ ރަށް، ރ. މާކުރަތުގައި މަޖަލަކަށް ފިލްމު ކުޅެވެސް އުޅުނެވެ. ކުޅެނީވެސް ސުނިލް ޝެއްޓީގެ ރޯލެވެ.

އެންމެ ކަމުދާ ބަޠަލް ގެ ފިލްމުތައް ބަލަން އިންނައިރު އާނަންދު ގެ ހިތަށް އޭރު އަރަމުންދިޔައީ އަހަންނަށް ފިލްމެއް ކުޅެވޭނެ ނަމަ ކިހާ ރަނގަޅުހެއްޔެވެ. އަހަންނަށް ފިލްމެއް ކުޅެން ޗާންސެއް ލިބޭނެބާ އެވެ.

ފިލްމު ކުޅުމުގެ ޝައުގުގައި އެހެން ހުއްޓާ އާނަންދު އާ ދިމާވީ ‘އެއްގާގަނޑުން ޖަހައި ދެދޫނި މަރައިލާ’ މަޝްހޫރު ޕްރޮޑިއުސަރ/ޑައިރެކްޓަރ/އެކްޓަރ ޙާމިދު ޢަލީ އާއެވެ. 2010 ވަނަ އަހަރު މާކުރަތު ގައި ‘އުދަބާނި’ ކުޅެންގޮސް އުޅެނިކޮށެވެ. އޭރުވެސް އުދަބާނިން ބައެއް ކުޅެން އާނަންދު އަށް ޗާންސް ލިބުނެވެ. ނަމަވެސް ހުންނަލެތް ތަންކޮޅެއް ކުޑަކަމުން އެކަން ކުރަން ނުކެރުނީ އެވެ. އޭގެ ދުވަސްތަކެއް ފަހުން އާނަންދު ބޭނުންވެގެންހުރި ފުރުސަތު ލިބުނެވެ. އާނަންދު ގެ ކިބައިން ހާމިދު އެދުނީ ފިލްމު ‘ލައިލާ ‘ ގައި ސައިޑްރޯލެއް ކުޅުމަށެވެ.

ފިލްމު ކުޅުމަށް ޝައުގުވެރިކަން އުފެދުނުގޮތް އަޙްމަދު އީސާ (އާނަންދު) ކިޔައިދިނީ ފިލްމީ ވާހަކައަކުންނެވެ. ފިލްމު ‘ލައިލާ’ އަށްފަހު އާނަންދަކީ ފިލްމީ ދާއިރާއިން ފެންނަ، ފަރިތަ މޫނެކެވެ. ތަފާތު ރޯލުތަކުން އާނަންދު ފެންނަމުންގޮސް މިފަހަރު އާނަންދު ފެންނަން މިއުޅެނީ ކުރިން އޭނާ ފެނިފައިނުވާފަދަ ވަރަށް ތަފާތު ރޯލަކުން ކަމަށް އާނަންދު ބުންޏެވެ. މިހާރު އެ ފިލްމެއްގެ އިންތިޒާރުގައި ގިނަ ދިވެހިންތަކެއް ދުވަސް ގުނަމުން އަންނަ ފިލްމު ‘ދެވަންސޫރަ’ އިންނެވެ. އެ ފިލްމުން އާނަންދު ފެންނާނީވެސް ތަފާތު ގޮތަކަށެވެ. އިތުރު ތަފްސީލަށް ޖެހިލާނީ އާނަންދު އާއި އެކުގައެވެ.

މުނިއަވަސް: އާނަންދު އަށް ‘ދެވަންސޫރަ‘ އިން ފުރުސަތު ލިބުނީ ކިހިނެތް؟

އާނަންދު: ޔޫއްޕެ ޑައިރެކްޓްކުރި ލަވައެއް މިދިޔަ ރޯދަމަހު އަޅުގަނޑު ކުޅުނިން. ދެން އެ ލަވަ ނިންމާފަ ޔޫއްޕެ ބުނި އެބަ ފިލްމެއް ތައްޔާރުކުރަމޭ. އެހެންވީމަ ވަގުތެއް ލިބޭނެހެއްޔޭ އެ ފިލްމަށް. ދެން އަޅުގަނޑު ބުނެފިން އާނއެކޭ. ޔޫއްޕެ އަޅުގަނޑު ލައިގެން މަސައްކަތެއް ކުރަން ހުރިއްޔާ އޯކޭއޭ އަޅުގަނޑަށް. ދެން ޔޫއްޕެ އަސްލު އަޅުގަނޑަށް ދިން އޮފަރ އެއް އެއީ.

މުނިއަވަސް: ‘ދެވަންސޫރަ’ އިގައި ކުޅެފައިވާ ރޯލު ކުޑަކޮށް ކިޔާލަދީބަލަ؟

އާނަންދު: ‘ދެވަންސޫރަ’ އިގަ އަޅުގަނޑަށް ފުރަތަމަ ކުޅެވުނީ ޕޮލިހެއްގެ ބައި. މިހާރު ‘ދެވަންސޫރަ’ އިގަ ފައިސަލް ކުޅުނު ބައި އެއީ ފުރަތަމަ އަޅުގަނޑު ކުޅުނު ބައެއް. ދެން ވަކިހިސާބަކުން ޔޫއްޕެ އަޅުގަނޑު ކައިރީ ބުނެފި ދެން އިން ރޯލަށް މީހަކު ފިޓް ނުވެގެންނޭ މިއުޅެނީ. ދެން އާނަންދު އަށް މި ރޯލު ކަމުދަންޏާ އުޅެބަލާށޭ މި ރޯލަށް އެކްޓް ކުރަން. އެރޯލު (ފުުލުހެއްގެ ރޯލު) ދެން އެއީ ވަރަށް އާއްމު ރޯލެކޭ، އެހެންވީމަ ތަފާތު އެއްޗެއް އުޅެބަލާށޭ ހަދަން. ދެން އަޅުގަނޑު ދެ ރޯލާ އަޅައި ބަލާ ވިސްނާފަ ހިތަށް އެރީ ޕޮލިސް ރޯލުވެސް މީ އަޅުގަނޑަށް އާއެއްޗެކޭ، ދެން އަނެއްކޮޅުން މިރޯލުވެސް މީހަމަ އަޅުގަނޑަށް އާރޯލެކޭ. އެހެންވީމަ ދެން ވަރަށް ވިސްނާފަ ބުނީ ޕޮލިސްރޯލު ދޫކޮށްލާނީ އޭ. އަސްލު ޔޫއްޕެގެ އެދިލެއްވުމަށް، އެކަމަކުވެސް ޔޫއްޕެ ބުނި އެ ދެރޯލުންވެސް އާނަންދު ބޭނުން އެއްޗެކޭ ކުޅެވޭނީ. އެއީ ފިލްމުގެ ސަސްޕެންސާ ވަރަށް ބޮޑަށް ގުޅިފަވާ ރޯލެއްކަމުން މިވަރަށް ބުނެވޭނީ. އެއީ އަޅުގަނޑު އެރޯލު ކުޅެމުން ދިޔައިރުވެސް އަޅުގަނޑަށް ނޭނގޭ ދެން ވާނެ ގޮތް.

މިއީ ކުޑަކުޑަ ރޯލެއް އެކަމަކު މުޅި ފިލްމު އެއްކޮށް ބަދަލުކޮށްލަނީ އަޅުގަނޑު ކުޅުނު ރޯލުން ކަމަށްވާތީ. އެހެންވީމަ ފިލްމު އިންނަ ސްޓޯރީއާ ވަރަށް ގުޅޭނެ މި ކެރެކްޓާ އާ ގުޅިގެން ހިނގާ ކަންތައްތައް.

ދެވަންސޫރައިގައި އާނަންދު އަދާކުރަނީ ވަރަށް ތަފާތު ކެރެކްޓަރ އެއް – ފޮޓޯ: ދެވަންސޫރަ ޕޭޖް

މުނިއަވަސް: ޝޫޓިން ކުރިއަށްދިޔައިރު ޑައިރެކްޓަރުގެ ފަރާތުން ކިހާވަރަކަށް އެހީތެރިކަން ލިބިނު؟

އާނަންދު: ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ. ދެން ޔޫއްޕެ އަކީ އަޅުގަނޑު ދެކޭގޮތުގަ މިހާރު ރާއްޖޭގަ އެގޮތަށް ފިލްމެއް ހަދަން ވަރަށް އެކަށީގެންވާ، ވަރަށް ހުނަރު ހުރި، މޮޅު ޑައިރެކްޓަރެއް. އެހެންވީމަ ޔޫއްޕެއާ އެއްކޮށް މަސައްކަތް ކޮށްލާކަށް އުނދަގުލެއް ނޫން. ޔޫއްޕެ ވަރަށް ވަރަށް ކިޔައިދޭ ޝޮޓްތައް ޖައްސަންވާގޮތް. ޔޫއްޕެ ބޭނުންވާ އެ އައުޓްކަމް ގެނެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރާނެ. އެއްފަހަރު ނުބައިކޮށް ޝޮޓް ދިޔަޔަސް އަނެއްކާވެސް ޖައްސުވާނެ. ދެން އެގޮތަށް ބަލާފަ ޔޫއްޕެ އަކީ އެކުގައި މަސައްކަތްކޮށްލަން ވަރަށް ފަސޭހަ ޑައިރެކްޓަރެއް.

މުނިއަވަސް: މީގެ ޝޫޓިން ތެރެއިން ކުރެވުނު ތަޖްރިބާ އަކީ ކޮބާ؟

އާނަންދު: ވަރަށް ބުރަކޮށް މަސައްކަތްކުރި ފިލްމެއް މީ. ވަކި ސެޓަޕެއް ހަދައިގެން. ދެން އަޅުގަނޑަށްވެސް ހުންނަން ޖެހުނީ ތަފާތު ގޮތަކަށް، ސްޓައިލްވެސް ބަހައްޓަން ޖެހުނީ ތަފާތުގޮތަކަށް. ހިނގުންވެސް ބަހައްޓަން ޖެހުނީ ވަކިގޮތަކަށް. އެހެންވީމަ އެ ކެރެކްޓަރ ތެރެއަށް ވަރަށްބޮޑަށް ވަންނަން ޖެހުނު ފިލްމެއް މީ. އެހެންނަމަވެސް އަޅުގަނޑުގެ ކެރެކްޓަރ ގެނެވޭތޯ ވަރަށް މަސައްކަތްކުރިން. ދެން ޝޫޓިންތެރޭގަ މަޖާ ވަރަށް ބައިވަރު ކަންތައްތަކެއްވެސް ހިނގައިގެން ދިޔަ.

މުނިއަވަސް: ޝޫޓިން ގަ އެބަ އިންތަ އާދަޔާޚިލާފަށް ފާހަގަކޮށްލެވޭ މަންޒަރެއް؟

އާނަންދު: އާދެ އިންނާނެ ދެ މަންޒަރެއް. ފިލްމުގަ ދައްކާނެ ޖަލެއް. އެތާނގަ އަޅުގަނޑު ބައިންދާފަ އެ ޕޮލިހުންދެން ވާހަކަދެއްކީ (ތަހްގީގަށް)، މިވަރަށް ބުނެދެވޭނީ އިނގޭތޯ. ދެން އަޅުގަނޑު ގައިގަ ޖެހިޖެހީނުން ގޮނޑި މައްޗަށް ވައްޓާލީ. ދެން އަޅުގަނޑަކަށް ހިއެއްނުވޭ ފިލްމުގަ އެމަންޒަރު އިނދެދާނެހެންނެއް. އަސްލަށް އަޅުގަނޑުގެ ގައިގަ ޖަހާފަ ވައްޓާލިތަނުން ގޮނޑި ބިންދައިގެންގޮސް އަޅުގަނޑު ވެއްޓޭނީ. ދެން އެ މަންޒަރު އަސްލު އިންނަގޮތަށް ނަގަންވެއްޖެއްޔާ ހަމަ އެގޮނޑި އަނެއްކާވެސް އިންނާތީވެ ދެން އެމަންޒަރު އަނެއްކާވެސް ފަހުން ބަދަލުކުރީ އެހެންގޮތަކަށް، އެކަމަކުވެސް އެ ޝޮޓް ވަރަށް ރީތިކޮށް ނެގުނު ޝޮޓެއް އެއީ. ދެން ފިލްމު ބަލައިލީމަ އެނގޭނެކަން ނޭނގެ އެ މަންޒަރު އިންނަ ގޮތް.

އާނަންދު ދެވަންސޫރައިގައި – ފޮޓޯ: ދެވަންސޫރަ ޕޭޖް

މުނިއަވަސް: ތި ބުނި ބައި ފިލްމުން ދަންކާނެތަ؟

އާނަންދު: އުއްމީދު ކުރަނީ އެބައި ފެންނާނެ ކަމަށް. އަސްލު ސްޓޯރީގަ ނީންނާނެ ގޮނޑި ބިންދައިގެން ދާތަނެއް. އެކަމަކު ޖެހިޖެހީނުން އަޅުގަނޑު ވައްޓާލިގޮތުން ގޮނޑި ބިންދައިގެން ދަނީ. އެހެންވީމަ އޭތި އިންނާނީ ނެޗުރަލް ވެފަ.

ދެން ފާހަގަކޮށްލެވޭ މަންޒަރަކީ މޭޒެއްގެ ދަށަށް އަޅުގަނޑު ވަދެ އޮންނަން ޖެހުނީ. ކުޑަކުޑަ މޭޒުގެ ދަށަށް ވަދެ އޮންނަން ޖެހުނު މަންޒަރު އެއީ ވަރަށް އުނގަޫވި އެއްޗެއް. އެހެން ވަރަށް ގިނައިރު ބޭއްވި. ދެން ވަރަށް އަލިގަދަ ލައިޓެއް ލޮލަށް އެޅިފަ.

މުނިއަވަސް: އާނަންދު އެކްޓިން ދާއިރާއަށް ވަނީ ކޮން ފިލްމަކުން ކޮން އިރެއްގަ؟

އާނަންދު: އެއީ 2010 ވަނަ އަހަރު ނިކުތް ‘ލައިލާ’. އެއީ ހާމިދު ޢަލީ ގެ ޑައިރެކްޝަން އެއް. އޭގަ އަޅުގަނޑާ ޔޫއްޕެއާ އާމިރާ އާ އަޒޫ އާ އުޅޭނީ. އޭގެއިން އަޅުގަނޑު ފިލްމީ ދާއިރާ އަށް ނިކުތީ.

މުނިއަވަސް: ކިތައް ފިލްމުގަ ހަރަކާތްތެރި ވެވިއްޖެ؟

އާނަންދު: ‘ލައިލާ’ އަށްފަހުގަ ޑްރާމާއެއް ކުޅުނިން. ދެން ޓެޑްރީގެ ބައެއް ޑްރާމާގަވެސް ހުންނާނެ. ދެން ހާމިދު ގެ ފިލްމެއް ކަމަށްވާ ‘ދޭތީ އަނިޔާ’. އެ ފިލްމުގަ އަޅުގަނޑު އިންނާނީ ރިޝްފާ އާއެކުގަ ލީޑްރޯލް ކުޅެފަ. މިހާރު އެވީ ހަތަރު ފިލްމު. ސްކްރީނަށް އެއަންނަނީ އަޅުގަނޑުގެ ދެވަނަ ފިލްމު، ފުރަތަމަ ލައިލާ، ދެން އިރާދަކުރެއްވިއްޔާ ފެބްރުއަރީ 6 ގަ ‘ދެވަންސޫރަ’ ފެނިގެންދާނެ.

މުނިއަވަސް: މި ދާއިރާއިން އާނަންދު އުއްމީދުކުރަނީ ކިހާހިސާބަކަށް ދިއުމަށް؟

އާނަންދު: ވަޒީފާއެއްގަ އުޅޭތީވެ ވަގުތު ދެވެން ނޯންނާތީ ތަންކޮޅެއް އުނދަގޫ ވަކިކަމަކަށް އުންމީދުކުރަން. އެއީ ފުރުސަތުތައް އޭރުވެސް ލިބުނު. އަޅުގަނޑު ފުރަތަމަ ފިލްމު ސްޓާޓްކުރި ދުވަހުން ފެށިގެންވެސް ބައިވަރު ފުރުޞަތުތައް އަޅުގަނޑަށް ލިބޭ. އެކަމަކު އެހައިވަރަށް ވަގުތު ނުދެވޭތީ މިބުނީ ވަކިކަމަކަށް އުއްމީދުކުރަން އުނދަގުލޭ.

މުނިއަވަސް: ކުރިއަށްހުރީ ކޮން ޕްރޮޖެކްޓް ތަކެއް؟

އާނަންދު: ޒަރީރު ގެ ސްކްރީންޕްލޭއަކަށް ހަދާ ފިލްމެއް އެބައޮތް. ޑްރާމާ އެއްވެސް އެބައޮތް. ދެން އިތުރު ދެ ފިލްމެއްވެސް އެބައޮތް.

މުނިއަވަސް: ދެވަންސޫރަ އާއި މެދު ކުރެވޭ އުއްމީދަކީ ކޮބާ؟

އާނަންދު: މިހާތަނަށް ރާއްޖޭގަ އުފެއްދި ފިލްމުތަކުގެ ތެރެއިން މީހުން ބަލައިގަންނަ ވަރަށް ބޮޑު ހިޓަކަށް ވެގެންދާނެ ކަމަށް.

ދެވަންސޫރަ ރިލީޒް ކުރަނީ ފެބްރުއަރީ 06 ގައި – ފޮޓޯ: ދެވަންސޫރަ ޕޭޖް

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.