ސޮފްވާން ޢަލީ (ސޮއްޕެ) އަދި މީރާ ގެ ޤާތިލް ލަވަ، ދިވެހި މުޖުތަމައަށް އަސަރުގަދަ އަދި އިބްރަތްތެރި މެސެޖަކާއި އެކު ޖެނުއަރީ 26 ގައި ރިލީޒްކޮށްފި އެވެ. ދިވެހި މުޖުތަމަޢުގައި ކަންބޮޑުވާ މިންވަރަށް މިހާރު އާއްމުވެފައިވާ މީހުން މެރުމުގެ މައްސަލައަށް ބިނާކޮށް، މިސްޓީ ގެ މިއުޒިކާއިއެކު މިސްޓީ ޕްރޮޑިއުސް ކޮށްފައިވާ މި ހިޕްހޮޕް ލަވައަކީ ޚާއްޞަ ކޮށް ޒުވާނުންނަށް ކަމުދާގޮތަށް، ޒުވާނުންނަށް އިބްރަތްތެރި މެސެޖެއް ލިބޭގޮތަށް ތައްޔާރުކޮށްފައިވާ ލަވައެކެވެ.

‘ގާތިލް’ އާއި ބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން ސޮއްޕެ ބުނީ މި ލަވައަކީ މީގެ ތިންއަހަރު ކުރިން  ދިވެހި ފިލްމެއްގެ ތީމް ލަވައަކަށް އޭނާ ތައްޔާރުކުރި ލަވައެއް ކަމަށާއި އެ ލަވަ ބޭނުން ނުކޮށް އޮތުމުން ލަވައިގެ ރެކޯޑިން ހަދައި ރިލީޒް ކޮށްލީ ކަމަށެވެ. މި ލަވައިގެވެސް ޅެމާއި ރާގު ހަދާފައިވަނީ ސޮއްޕެ އެވެ. މިސްޓީ ގެ މިއުޒިކާއިއެކު އިކްރާމް ސްޓޫޑިއޯގައި ރެކޯޑިން ހަދާފައިވާ ގާތިލް މިވަނީ ސޮއްޕެގެ ޔޫޓިއުބް ޗެނަލް، ސައުންޑް ކްލައުޑް އަދި ސޮއްޕެގެ ފޭސްބްކް ޕޭޖްގައިވެސް އާއްމުކޮށްފަ އެވެ.

ސޮއްޕެ އިތުރަށް ބުނީ މި ލަވައިގައި މީރާ ކިޔާފައިވާ ބައިގައި ހުންނާނީ މީހުން މެރުމަކީ ކަޑަކަމެއް (ގޯސް އަދި ވިޔާނުދާ ކަމެއް) ކަން ދައްކުވައިދީފަ އެވެ. އަދި ސޮއްޕެ ކިޔާފައިވާ ރެޕް ބައިގައި ހިމެނެނީ މީހަކު މަރާލުމަށްފަހު އެ ޤާތިލަށް ކުރެވޭ ހިތްދަތި އިހްސާސްތައް ކަމަށްވެސް ސޮއްޕެ ބުންޏެވެ.

ސޮއްޕެ ބުނީ މީރާ އާއި އެކުގައި އެންމެ ފުރަތަމަ ލަވައެއް ހުށައަޅާފައިވާނީ ‘އެޅި މި ކަނޑުމަތި’ ކަމަށާއި މި މަސައްކަތަކީ އޭގެ ފަހުން މީރާ އާއިއެކުގައި ކޮށްފައިވާ ދެވަނަ މަސައްކަތް ކަމަށެވެ.

ސޮއްޕެ އަކީ ހިޕްހޮޕް މިއުޒިކް ރާއްޖޭގައި ކުރިއަރުވާ އާލާކުރުމަށް ވަރަށް ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރަމުން އަންނަ ކުޅަދާނަ އާޓިސްޓެއްކަން ފާހަގަކޮށްލެވެ އެވެ. ސޮއްޕެ ގެ އާލަވައެއްކަމަށްވާ ‘ވަރަށް ނުރައްކާ’ ވެސް ވަނީ ޖެނުއަރީ މަހުގެ ކުރީކޮޅު ރިލީޒް ކޮށްފަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.