ފިލްމީ ސިނާޢަތާއި ދުރަށްދާން އުޅޭކަން އިޢުލާނުކޮށް ދާދިފަހުން އާމިރު ޚާން ދިން ޚަބަރާއި އެކު އޭނާގެ ފޭނުންގެ ހިތްތައް ކުދިކުދިވެގެން ދިޔަ ފަދައެވެ. ނަމަވެސް މިކަމާ އެއްމެ ހިތާމަކުރީ އާމިރު ޚާން އިނދެ ވަރިކުރި ފުޅު، ކިރަން ރާއޯ އެވެ. ފިލްމީ ދާއިރާއާއި ދުރަށް ދިއުމަށް އާމިރު ނިންމީ އޭނާގެ ދަރިން ބޮޑެތިވަމުން އަންނަ އިރު ދަރިންނަށް އެކަށީގެންވާ މިންވަރަށް ވަގުތު ނުދެވޭތީ ކަމަށް ބުނަމުންނެވެ.

މި ދިޔަ ހޮނިހިރު ދުވަހު އާމިރު ޚާން ދިން ބަސްދީގަތުމެއްގައި ބުނެފައި ވަނީ އޭނާ ފިލްމުކުޅުން ހުއްޓައިލަން ނިންމާފައިވާ ކަމަށެވެ. އާމިރު ބުނީ އޭނާ މިގޮތަށް ނިންމާފައިވާކަން ހާމަނުކޮށް މަޑުކޮށްލީ އޭނާގެ ކުރިއަށް އޮތް ފިލްމު “ލާލް ސިންހް ޗައްޑާ” ޕްރޮމޯޑްކުރަން ޖައްސާ ސްޓަންޓެއް ކަމަށް މީހުން ސިފަކޮށްފާނެތީ ކަމަށެވެ. އަދި މި ނިންމުމަކީ ގޯސް ނިންމުމެއް ކަމަށް އޭނާގެ ކުރީގެ އަނބިމީހާ، ފިލްމު ޕްރޮޑިއުސަރު ކިރަން ރާއޯ ބުނެފައިވާ ކަމަށްވެސް އާމިރު ބުންޏެވެ. އާމިރުގެ މި ނިންމުމުގެ ވާހަކަ ބުނުމުން ކިރަން ރުއި ކަމަށްވެސް އާމިރު ބުނެއެވެ.

“އަހަންނަށް ހީވަނީ އަހަރެންގެ މުޅި އުމުރު މި ހޭދަކޮށްލެވުނީ އަހަރެންގެ ހުވަފެންތައް ފަހާ ދުވެ އަދި އެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ހެން. ނަމަވެސް މި ދަތުރުގަ، އަހަރެންގެ ލޯބިވާ މީހުންނާމެދު މާބޮޑު ސަމާލުކަމެއް ނުދެވޭ. އަހަރެންގެ މައިންބަފައިން، އަހަރެންގެ އެއްބަނޑު ތިމާގެ މީހުން، ދަރިން، ފުރަތަމަ އަނބިމީހާ ރީނާ، ދެވަނަ އަނބިމީހާ ކިރަން އަދި އެމީހުންގެ މައިންބަފައިން….. ފަހަރުގަ ވެދާނެ އެމީހުންނަށް އެކަށީގެންވާ މިންވަރަށް އަހަންނަށް ވަގުތު ނުދެވޭ ކަމަށްވެސް. އަހަރެންގެ އަންހެން ދަރިފުޅުގެ އުމުރުން މިހާރު 23 އަހަރު. މަށަށް ހަމަ ޔަގީން އޭނާގެ ޅަ އުމުރުގައި އަހަންނަށް އޭނާ ކައިރީގައި ނުހުރެވުން މިސްވާނެކަން. އެ ދަރިފުޅުގެވެސް ކަންބޮޑުވުންތަކާ، ބިރާ، ހުވަފެންތަކަކާ އުއްމީދުތަކެއް ވެސް ހުންނާނެ. އަހަރެން އެ ދަރިފުޅަށް އަހަރެންގެ ބޭނުން ޖެހުނު ވަގުތު ކައިރީގައެއް ނުހުރެވުނު. މިހާރު މަށަށް މިކަން އެނގޭ. އަހަންނަށް އޭނާ ދެކޭ ހުވަފެންތަކާ، ބިރުގަންނަ ކަންކަމާ އުއްމީދުތަކެއް ވެސް ނޭނގޭ، އެހެނަސް އަހަރެންގެ ފިލްމުތަކުގެ ޑައިރެކްޓަރުންގެ ހުވަފެންތަކާ، ބިރުގަންނަ ކަންކަމާ އުއްމީދުތައްވެސް އަހަންނަށް އެނގޭ.” އާމިރު ޚާންގެ ބަސްދީގަތުމުގައި ފާހަގަކޮށްފައިވެ އެވެ.

އާމިރު ޚާން ފިލްމުކުޅުން ހުއްޓައިލަން ނިންމި ނިންމުން ބަދަލުކުރުމަށް ވިސްނައިދިނީ ކުރީގެ އަނބިމީހާ ކިރަން ރާއޯ އާއި އެ ދެމެފިރިންނަށް ލިބިފައިވާ ދަރިން ކަމަށްވާ އީރާ އަދި އާޒާދް އެވެ.

“އަހަރެންގެ ދަރިންނާ އަދި ކިރަން ބުނި އަހަރެންގެ އެ ނިންމުން އެއީ ގޯސް ނިންމުމެކޭ. އަހަރެންގެ ދަރިން ބުނި މަށަކީ ކަންކަމުގައި އެއްވެސް ހައްދެއް ނެތް މީހެއް ކަމަށާ އެހެންކަމުން ފިލްމީ ދާއިރާއަށް ދޭ ވަގުތާއި އާއިލާއަށް ދޭ ވަގުތު މިންހެޔޮކޮށް ބެހެއްޓުމަށް ބުނެދިން. މި ދަނޑިވަޅުގައި ކިރަން އަހަންނަށް ވަރަށް އެހީވެދިން. އަހަރެންގެ ނިންމުން އިވިފައި އޭނާ ރޯން ފެށި. ކިރަން ބުނި އަހަންނަކީ ސިނަމާއަށް ނުހަނު ލޯބިކުރާ މީހެއްކަމަށްވެފައި އަހަންނާ ނުލައި ސިނަމާ ފުރިހަމަވާނެ ގޮތެއް އޭނާއަށް ތަސައްވަރު ނުކުރެވޭކަމަށްވެސް. އެހެންކަމުން އަހަރެންގެ އެ ނިންމުމަށް އޭނާ ތާއީދެއް ނުކުރި.” އާމިރު އިތުރަށް ބުންޏެވެ.

އާމިރުގެ ފިލްމީ މަސައްކަތަށް ބަލައިލާއިރު، ދެން އެއްމެ އަވަހަށް އޭނާ ފެންނާނީ “ލާލް ސިންހ ޗައްޑާ” އިންނެވެ. އެ ފިލްމުގައި އޭނާ އާއެކު ލީޑުގައި ހަރަކާތްތެރިވަނީ ކަރީނާ ކަޕޫރް ޚާން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.