ފ. ނިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން މި ރަމަޟާން މަހު “ނިލަންދޫ ތަރި”ގެ ނަމުގައި ޤުރްއާން މުބާރާތެއް ބާއްވަމުން އެބަދެއެވެ. ކޮންމެ ހުކުރު ދުވަހެއްގެ ރޭ ނިލަންދޫ ކައުންސިލް ފޭސްބްކް ޕޭޖް މެދުވެރިކޮށް ވަގުތުން ދައްކާ މި މުބާރާތަކީ ފެންވަރު ރަނގަޅު، ޒަމާނީ ސްޓައިލަކަށް ކުރިއަށް ގެންދާ މުބާރާތެއްކަން މުބާރާތުގެ އިޝްތިހާރު ވީޑިއޯތަކާއި މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ފުރަތަމަ ޕްރޮގްރާމުންވެސް ފެނިގެންދިޔަ އެވެ.

މުނިއަވަސް އިން މި ރަމަޟާން މަހަށް ޚާއްޞަކޮށް ކްލަބްހައުސް މެދުވެރިކޮށް މިމަހު 11 ވަނަ ދުވަހުގެ ރޭ ފެށި “ރޯދަ ޗިޓްޗެޓް” ޕްރޮގްރާމުގައި ވާހަކަދައްކަމުން މި މުބާރާތުގެ ކަންކަމުގައި އުޅުއްވާ އަޙްމަދު ޝަރީފު ވަނީ “ނިލަންދޫ ތަރި 1443″ގެ އިތުރު މަޢުލޫމާތުތައް ހިއްސާކޮށްފައެވެ.

މި މުބާރާތަކީ ކުރިން ޓީވީއެމް އިން ކުރިއަށް ގެންދިޔަ އަލިގަދަ ތަރި ސްޓައިލްގައި ކުރިއަށްގެންދާ މުބާރާތެއް ކަމަށާ މި މުބާރާތުން 01 ވަނަ އަށް ދާ ފަރާތަކަށް 15000ރުފިޔާ، 02 ވަނައަށް ދާ ފަރާތަކަށް 7000ރުފިޔާ އަދި 03 ވަނައަށް ދާ ފަރާތަކަށް 5000 ރުފިޔާ ކައުންސިލުން ހުށައަޅާފައި ވާކަމަށް ޝަރީފު ފާހަގަކުރިއެވެ. ނަމަވެސް ހެޔޮއެދޭ ފަރާތްތަކާއި ސްޕޮންސަރުންނާ ބައެއް ކްލަބު ޖަމިއްޔާތަކުން އިނާމުތައް ހުށައަޅާފައިވާކަމަށާ އޭގެ ތެރޭގައި 01 ވަނައަށް ދާ ފަރާތަކަށް އުމްރާ ދަތުރެއްވެސް ހަމަޖެހިފައި ވާކަމަށް ޝަރީފު ބުންޏެވެ. މީގެ އިތުރުންވެސް އެކިއެކި އިނާމުތައް އެކި ފަރާތްތަކުން ހުށައަޅަމުން އަންނަކަންވެސް ޝަރީފު ފާހަގަކުރިއެވެ.

“ފާހަގަކޮށްލަން ޖެހޭ މުހިންމު އެއްކަމެއް، މި ކައުންސިލް ހަތަރުވަނަ ދައުރަކަށް ހޮވުމާއެކު ކައުންސިލް ރައީސް އެއްމެ ފުރަތަމަ ވެ ވަޑައިގެން ވައުދެއް އެއީ ނިލަންދޫ ކައުންސިލުން އެއްމެ ފުރަތަމަ ކުރިއަށް ގެންދާނެ މުބާރާތަކީ ޤުރުއާން މުބާރާތް ކަމަށް. އެކަމުގެ ކުލަ ޖެހެމުން މިހާރު މި ދަނީ.” ޝަރީފް އިތުރަށް ބުނީ ނިލަންދޫ ރައްޔިތުން އެދެމުން އަންނަ ފަދައިން މި މުބާރާތަކީ ކޮންމެ އަހަރަކުު އެއްފަހަރު ބާއްވާ މުބާރާތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރެވޭ ކަމަށެވެ.

ނިލަންދޫ ކައުންސިލް ފޭސްބްކް މެދުވެރިކޮށް ލައިވްކޮށް ދައްކާ މި މުބާރާތުގެ ފައިނަލް އެޕިސޯޑް، ރާއްޖޭގެ ޓީވީ ޗެނަލެއް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ކައުންސިލުން މަސައްކަތްކުރަމުން އަންނަކަންވެސް ޝަރީފު ފާހަގަކުރިއެވެ.

މި މުބާރާތަކީ ނިލަންދޫ ރަށްވެހީންގެ ތެރެއިން 12 އަހަރުން މަތީގެ ޢުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެކެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ތަފާތު 07 ބުރުގެ މައްޗަށް ބަހާލައިގެންނެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ބުރާއި ދެވަނަ ބުރަކީ އޮޑިޝަންގެ ގޮތުގައި ކުރިއަށް ގެންދާ ދެ ބުރެވެ. މުބާރާތުގައި ބައިވެރިވާ ފަރާތްތަކުގެތެރެއިން ޝަރުޠު ހަމަވާ ހުރިހާ ފަރާތްތައް އޮޑިޝަންގެ ފުރަތަމަ ބުރުގައި ބައިވެރިކޮށްފައިވެ އެވެ. އޮޑިޝަންގެ 02ވަނަ ބުރުގައި ވާދަކުރާނީ ފުރަތަމަ ބުރުން އެންމެ މަތިން މާރކްސް ހޯދާ 20 ބައިވެރިން ކަމަށް ނިލަންދޫ ކައުންސިލުން ހާމަކުރައްވައެވެ. އޮޑިޝަންގެ 02ވަނަ ބުރުން އެންމެމަތިން މާރކްސް ހޯދާ 12 ބައިވެރިންނަކީ މުބާރާތުގެ 03ވަނަ ބުރާ ހަމައިން މުބާރާތުގައި ވާދަކުރާނޭ 12 ބައިވެރިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.