ކުރީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ ކުޅިވަރު ހަރަކާތްތަކުގެ ފޯރި ދުވަހަކަށްވުރެ ދުވަހެއް ގަދަވަމުންދާ މި ދުވަސްވަރާއި ދިމާކޮށް އދ. ހަންޏާމީދޫގައި ވެސް ވެޓެރަންސް ކަޕް ފުޓްސެލް މުބާރާތެއް ބޭއްވުމަށް ހަމަޖައްސައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

ހަންޏާމީދޫއަށް ނިސްބަތްވާ ހަންޏާމީދޫ އެކުވެރިންގެ ދިރުން ( އެޗް.އީ.ޑީ ) އިން އިންތިޒާމުކުރާ ( އެޗް.އީ.ޑީ ވެޓެރަންސް ކަޕް 1443 ) މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފިތުރު ޢީދު ދުވަހުއެވެ. ހަންޏާމީދޫގެ ރަށްވެހިންގެ ގޮތުގައި ހިމެނޭ 35 އަހަރުން މަތީގެ ފިރިހެނުންނާއި އެރަށަށް ނިސްބަތްވާ މީހުންގެ ފިރިންނާއި ދަރިންގެ އިތުރުން ކޮންމެ ޓީމެއްގައި ވެސް އެ އުމުރުފުރާގެ ރަށުން ބޭރު އެއް ކުޅުންތެރިއަކު ހިމެނިދާނެއެވެ. ސާޅީސް އެއް އަހަރުން މަތީގެ ތިން ކުޅުންތެރިން ޓީމު ލިސްޓްގައި ހިމަނަން ޖެހޭއިރު، އެ އުމުރުގެ އެއް ކުޅުންތެރިއަކު އަބަދު ވެސް ދަނޑުމަތީގައި ހުންނަން ޖެހެއެވެ.

މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެޕްރީލް 25 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން ޓީމް ލިސްޓް ފޯމް ފުރިހަމަ ކުރައްވައި ޢާވި ޕްރިންޓާރސްއަށް ހުށަހަޅަން ޖެހެއެވެ. މުބާރާތުގެ ޤަވާއިދާއި ޓީމް ލިސްޓް ފޯމް އެޕްރީލް 20 ވަނަ ދުވަހުން ފެށިގެން ޢާވި ޕްރިންޓާރސްއިން ލިބެން ހުންނާނެއެވެ.

ހެޔޮއެދޭ ފަރާތްތަކެއްގެ އެހީތެރިކަމާއެކު ހަންޏާމީދޫ އެކުވެރިންގެ ދިރުން ޖަމިއްޔާގެ ފަރާތުން ބާއްވާ މި މުބާރާތަކީ މިރަށުގައި ބާއްވާ މިފަދަ ފުރަތަމަ މުބާރާތެވެ. މިއަހަރުގެ މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވަނީ ޗެންޕިއަން ޓީމާއި ޑްރީމް ޓީމްގެ އިތުރުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާއެވެ.

މުބާރާތާއި ބެހޭގޮތުން މުނިއަވަސްއާ ވާހަކަދައްކަމުން ހަންޏާމީދޫ އެކުވެރިންގެ ދިރުން ޖަމިއްޔާގެ ރައީސް މުޙައްމަދު ޝާފިޢީ ވިދާޅުވި ގޮތުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ފުޓްބޯޅައިން ހަންޏާމީދޫއަށް ރީތިނަން ހޯދައިދިނުމުގައި ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންނެވި ކުރީގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އަގު ވަޒަންކުރުމާއި އެ ކުޅުންތެރިންގެ ކުޅުން މިހާރުގެ ޖީލަށް ދައްކާލުމެވެ. އަދި ކުޅިވަރުގެ ދާއިރާއިން މިހާރު އުނިވަމުންދާ ކުރީގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ބައިވެރިވުން ހޯދައި ދެ ޖީލު އެކުގައި މަސައްކަތް ކުރުމަށް ބޭނުންވާ މަގުތައް ފަހިކުރުމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.