ބޮލީވުޑް އެކްޓަރ އަކްޝޭ ކުމާރު ދެވަނަ ފަހަރަށް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.

“ކާންސް ފިލްމު ފެސްޓިވަލް 2022” ގައި އޭނާ ފުރަތަމަ ފަހަރަށް ބައިވެރިވާން އުޅޭ މި ދަނޑިވަޅުގައި، ހިތާމައަކީ ކޮވިޑް-19 އަށް ފައްސިވުމުން އޭނާއަށް މިހާރު އެ ހަފުލާ ދޫކޮށްލަން ޖެހުމެވެ. ސިނަމާތަކުން ދެން އެންމެ އަވަހަށް ފެންނާނެކަމަށް ބެލެވޭ “ޕްރިތުވިރާޖް” ގެ އެކްޓަރު ވަނީ އެ ހިތާމަވެރި ޚަބަރު އޭނާގެ ފޭނުންނާއި ފޮލޯވަރުންނާ ޓްވިޓާ މެދުވެރިކޮށް ހިއްސާކޮށްފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަކްޝޭ “ކާންސް 2022” ގެ ރެޑް ކާޕެޓްގައި ހިނގާލާނީ އޮސްކާ ހާސިލްކޮށްފައިވާ މިއުޒިކް ކޮމްފޯސަރު އޭ.އާރް. ރަހްމާން، އާރް މަދަވަން، ނަވާޒުއްދީން ސިއްދީޤީ، ނަޔަންތަރާ، ތަމަންނާ ބާޓިއާ، ޝޭކަރް ކަޕޫރް، ސީބީއެފްސީ ޗީފް ޕްރަސޫން ޖޯޝީ، ރިކީ ކޭޖްގެ އިތުރުންވެސް މަޝްހޫރު އެހެން ތަރިންނާ އެކުގައެވެ.

މިއަދު އަކްޝޭ ދެވަނަ ފަހަރަށް ކޮވިޑަށް ފައްސިވީއިރު، ކުރިން އޭނާ ކޮވިޑަށް ފައްސިވީ މިދިޔަ އަހަރު އޭޕްރިލް މަހުއެވެ. އޭނާ އެފަހަރު ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

“މިއަދު ހެނދުނުގެ ވަގުތެއްގައި އަހަރެން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން އެންމެންނަށް އަންގަން. ހުރިހާ ޕްރޮޓޮކޯލްތަކަށް ތަބާވެ، އަހަރެން ވަގުތުން އައިސޮލޭޓް ވެއްޖައިން. އަހަރެން މިހުރީ ހޯމް ކަރަންޓީނުގައި. އަހަރެންނާ ގުޅިފައިވާ ހުރިހާ ފަރާތްތަކުން އަމިއްލައަށް ޓެސްޓްކޮށް ފަރުވާ ހޯދުމަށް އަހަރެން އިޚްލާޞްތެރިކަމާއެކު އެދެން. އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނަން.”

ބޮލީވުޑްގައި “ކިލާޅީ ކުމާރު” ގެ ނަމުން މަޝްހޫރު އަކްޝޭ ދެން އެންމެ އަވަހަށް ސިނަމާތަކުން ފެނިގެންދާނީ ވައިއާރްއެފްގެ ކުރިއަށް އޮތް ފިލްމު “ޕްރިތުވިރާޖް” އިންނެވެ. މި ފިލްމަކީ ޓީވީ ސިލްސިލާ “ޗަނާކްޔާ” އާއި ފާޑުކިޔުންތެރިންގެ ތަޢުރީފު ލިބިފައިވާ ފިލްމު “ޕިންޖަރް” ގެ ޑައިރެކްޓަރ ޗަންދްރަޕްރަކާޝް ދިވެޑީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގައި އަކްޝޭ ފެނިގެންދާނީ އިންޑިއާއަށް އަރައިގަތް ގޯރްގެ މުހައްމަދު ކިބައިން އިންޑިއާ ހިމާޔަތްކުރުމަށް ހިތްވަރުގަދަކޮށް ހަނގުރާމަކުރި ލެޖެންޑަރީ ހަނގުރާމަވެރިޔާ ޕްރިތުވިރާޖް ޗޯހާންގެ ރޯލުންނެވެ. ފިލްމުގައި ޕްރިތުވިރާޖް އެންމެ ލޯބިވާ ޕްރިންސެސް ސަންޔޮގިތާގެ ރޯލު ކުޅެފައިވަނީ މި ފިލްމުން ބޮލީވުޑަށް ތަޢާރަފުވާ ބަތަލާ އަދި މިސް ވޯލްޑް މަނޫޝީ ޗިއްލާރއެވެ.

“ޕްރިތުވިރާޖް” އަކީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހު ހިންދީ، ތަމަޅަ އަދި ތެލުގޫ ބަހުން ސިނަމާތަކުގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު (އަންނާރޭ)
އަޙްމަދު ރަޝީދު (އަންނާރޭ)
އަޙްމަދު ރަޝީދު (އަންނާރޭ) އަކީ މުނިއަވަސް އޮންލައިންގެ ސީއީއޯ އެވެ. މީގެ އިތުރުން އޭނާއަކީ މުނިއަވަސް ކްލަބްހައުސްގެ ޕްރެޒެންޓަރެކެވެ. އިވެންޓްތައް ކަވަރކުރުމުގައިވެސް އަންނާރޭ ހަރަކާތްތެރިވާނެ އެވެ.