އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ހަދާ ފިލްމު “ލީނާ” ގެ ޝޫޓިން މިމަހުގެ 27 ވަނަ ދުވަހު އއ. އުކުޅަހުގައި ފަށައިފި އެވެ.
ފިލްމުގެ އެންމެ މުހިންމު ރޯލު ކަމަށްވާ ލީނާގެ ގާތިލް ޒުހޭރުގެ ރޯލުން މުއާ ފެނިގެންދާއިރު ފިލްމު ޑައިރެކްޓް ކުރަނީވެސް މުއާ އެވެ. އަޒްލީނާ ނުވަތަ “ލީނާ”ގެ ރޯލުން ފެނިގެންދާނީ ބަތަލާ މަރިޔަމް އައްޒަ އެވެ. އަލީ އާޒިމް (ދޮން އައްޔަ) މި ފިލްމުން ފެނިގެންދާނީ ލީނާ ގެ ލޯބިވެރިޔާގެ ގޮތުގަ އެވެ. ރަށުކައުންސިލް ރައީސް ގެ ރޯލުން ފެނިގެންދާނީ އަހްމަދު ސައީދު އެވެ. މީގެ އިތުރުން ޒީނަތު އައްބާސް، އައްޒަގެ ބެސްޓްފްރެންޑްގެ ރޯލުން ނުޒުހަތު ޝުއައިބް (ނުޒޫ)، އަދި އައްޒަގެ މަންމަ ގެ ރޯލުން މަރިޔަމް ހަލީމް ވެސް މި ފިލްމުގައި ފެނިގެންދާނެ އެވެ.
ތަޖްރިބާކާރު އެކްޓަރ އަޙްމަދު ނިމާލު ވެސް މި ފިލްމުގެ ކުޑަ ރޯލަކުން ފެނިގެންދާނެ ކަމަށާއި އަދި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ ހަރަކާތްތެރިވާނެ ކަމަށް މުއާ ބުންޏެވެ. މުނިއަވަސް އަށް މުއާ ބުނީ ނިމާލު މިއަދު އުކުޅަހަށް ހިނގައްޖެ ކަމަށެވެ.
މުއާ ބުނީ ފިލްމުގެ ޕްރީ ޕްރޮޑަކްޝަންގެ މަސައްކަތްތައް ވަރަށް ބޮޑަށް ކުރަމުން އަންނަކަމަށާއި ހަފުތާއެއް ތެރޭގައި ބާރު ސްޕީޑްގައި ފިލްމުގެ ޝޫޓިން ޖައްސަން ފެށޭނެ ކަމަށެވެ.
ފިލްމުގައި ލީނާ ގެ ޤާތިލުގެ ބައި މުއާ ކުޅެން ނިންމީ އެފަދަ ރޯލަކީ މުއާ އަބަދުވެސް ކުޅެން ބޭނުންވާ ފަދަ ރޯލަކަށްވާތީ ކަމަށް އޭނާ ބުނެއެވެ.
އަހުމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާ މި ފިލްމު ޕްރޮޑިއުސް ކުރަނީ މުއާ އާއި ސައްޔާހު އައްބާސް ގުޅިގެންނެވެ. ފިލްމުގައި އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭނެ އެވެ.
‘ލީނާ’ ފިލްމުގެ މަސައްކަތްތައް ނިންމާ މި އަހަރުގެ މެދުތެރޭގައި ރިލީޒްކުރާނެ އެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!