ރައްޔިތުން މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު ނާޒިމާ ޝާކިރުގެ އަންހެން ދަރިފުޅު ނިޝާ ގެއްލިގެން ފުލުހުންގެ ތަޙްޤީޤު ކުރިއަށް ދަނިކޮށް ނިޝާގެ ފުރާނަނެތް ހަށިގަނޑު ހުޅުމާލޭ އިމާރެއްގެ ތެރެއިން ފެނިއްޖެއެވެ. ނިޝާގެ ހަށިގަނޑު ފެނުނީ އެހިސާބުގައި އުޅުނު ކުޑަކުދިންތަކަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މިއީ މިހާރު މީޑިއާނެޓްގެ ވީޑިއޯކްލަބުން ދައްކަމުން އަންނަ ކްރައިމް ސަސްޕެންސް ތުރިލާ “ދަރަކަ”އިގެ މިހާރު ގޮސްފައިވާ ހިސާބުން ނިޝާ ގެއްލުނު ހާދިސާ ދައްކާފައިވާ އެއްމެ ފަހުގެ މަންޒަރުތަކުން ހާމަވެފައިވާ ކަމެކެވެ.

ކޮންމެ އެޕިސޯޑެއް ބޮޑު ސަސްޕެންސެއްގެ ތެރޭގައި ހިފަހައްޓާލާފައިވާ މި ސީރީޒްގެ ހުރިހައި ކަމެއް މިރޭ ނިއުޅި ފަޅާއަރާނެ އެވެ.

ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ވެބް ސީރީޒް “ދަރަކަ” އިން މިވަނީ ދިވެހިންގެ ފިލްމީ އުފެއްދުންތައްވެސް ނެޓްފްލިކްސް އިން ދާދިފަހުން ދެއްކި “ދަ ފޭމް ގޭމް” ނުވަތަ ފައިންޑިން އަނާމިކާގެ ލެވެލްއަށް ގެންގޮސްފައި ކަމަށް މި ސީރީޒް ބަލައިލުމުން ނުބުނެވި ނުދާނެއެވެ.

މިހާތަނަށް ދައްކާފައިވާ 07 އެޕިސޯޑް ވެސް ބަލައިލެވުނީ ނޭވާ ހިފަހައްޓާލައިގެން ހުރެއެވެ. ހުރިހާ އެޕިސޯޑެއް ބަލައި ނިންމާލެވުނުއިރު އަދިވެސް މިވަނީ ނިޝާގެ ޤާތިލާމެދު ބެލުންތެރިންނަށް ޝައްކެއްވެސް ކޮށްނުލެވާހާ މޮޅަށް މީގެ ވާހަކައާއި ޑައިރެކްޝަން ގެނެސްދީފަ އެވެ.

އަޒްހާން އިބްރާހީމް ލިޔެ ޑައިރެކްޓްކޮށްފައިވާ 08 އެޕިސޯޑްގެ ވެބް ސީރީޒް “ދަރަކަ”އިގެ ވާހަކަ، ޑައިރެކްޝަން އަދި ހުރިހާ ފަންނާނުންގެ އެކްޓިންވެސް މޮޅުވެފައި އަސްލާއި އެއްގޮތްކަން ފާހަގަކޮށްލެވެ އެވެ. މިކަން މީގެ އެޕިސޯޑްތައް ދައްކަން ފެށި ދުވަސްކޮޅު ބެލުންތެރިން ކޮށްފައިވާ ކޮމެންޓްތަކުންވެސް އެނގިގެން ގޮސްފައިވެ އެވެ.

ވަރުގަދަ ކާސްޓެއް ފެނިގެންދާ މި ސީރީޒްގެ ވާހަކައިގައި އެއްމެ ވަރުގަދަ ދައުރެއް އަދާކުރާ ސޫޒަން އިބްރާހީމްފުޅު ފެނިގެންދާއިރު، މުހިންމު ރޯލުތަކުން ހުނަރުވެރި ތަރިންތަކެއް ފެނިގެންދެއެވެ. އެގޮތުން އިބްރާހީމް ޖިހާދު (ޖިމީ)، އަޙްމަދު އިފްނާޒް ފިރާޤް، ވާޝިޔާ މުޙައްމަދު (ޝިޔާ)، ނަތާޝާ ޖަލީލް، އަދުހަމް ލަޔާލް ޤާސިމް، ޢާއިޝަތު ޢަލީ، ޢަލީ އުސާމް (ދޮނާ)، މުޙައްމަދު އަފްރާހް، އަލަށް ތަޢާރަފުކުރާ ފާޠިމަތު ވިސާމާ ހިމެނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.