ރާއްޖެޓީވީން 1442 ވަނަ އަހަރު ރަމަޟާން މަހު ގެނެސްދޭން ފެށި ރިއަލިޓީ ޝޯވް ސެލެބްރިޓީ ރޭހުގެ ދެވަނަ ސީޒަން މަޝްހޫރު ފިލްމީ ތަރި މަރްޔަމް އައްޒަ ކާމިޔާބުކޮށްފި އެވެ.
ސެލެބްރިޓީ ރޭސް ސީޒަން 2ގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންދިޔައީ މިމަހު 03 ހުކުރު ދުވަހު އެވެ. އައްޒައަށް ސެލެބްރިޓީ ރޭސް ކާމިޔާބުކުރެވުނީ 6 އިންސައްތައިގެ ތަފާތަކުން ކަމަށް ރާއްޖެ ޓީވީން ބުނެއެވެ. އެއީ އެސްއެމްއެސްއިން 16 އިންސައްތަ ކާމިޔާބުކޮށް ޓާސްކުތަކުން 52 އިންސައްތަ ލިބިގެންނެވެ. ޖުމްލަ 68 އިންސައްތައާއެކު ޓައިޓްލް ކާމިޔާބުކޮށްފައިވާއިރު، އައްޒައަށް ޖުމްލަ 65،997 އެސްއެމްއެސް ލިބިފައިވެއެވެ.
އައްޒައަށް ވަނީ 100،000 ރުފިޔާގެ ފައިސާގެ އިނާމަކާއި، ޝޯވްގެ ފަރާތުން ދީފައިވާ ފައިސާގެ އިނާމާއި، ލިއޯ ޓްރޭޑިންގގެ ފަރާތުން ދީފައިވާ ފައިސާގެ އިނާމު ލިބިފައެވެ.
އައްޒަ ބުނީ މިއީ އެއްވެސް ވަރަކަށް އުންމީދުކުރި ނަތީޖާއެއް ނޫން ކަމަށެވެ. ޝޯވްގެ ޓައިޓްލް ކާމިޔާބުކުރަން ކިތަންމެހާވެސް ބޭނުންވި ކަމަށާއި، އެހެންނަމަވެސް ރޯމަންއާ ދެމީހުންގެ ދެމެދުގައި ޕޮއިންޓުގެ ބޮޑު ތަފާތެއް ހުރުމުން އެއްވެސް ވަރަކަށް އުއްމީދު ނުކުރާކަމަށް އައްޒަ ބުންޏެވެ. އެހެންނަމަވެސް، ކާމިޔާބުކުރެވުނީތީ ވަރަށް އުފާވި ކަމަށާއި، ފޭނުންނާއި ލޯބިވާ މީހުން ދިން ހިތްވަރަށް ޝުކުރުވެރިވާކަމަށް އައްޒަ ބުނެފައިވެއެވެ.
މިއަހަރު ކުރިއަށް ގެންދިޔަ ޝޯވްގެ އެޕިސޯޑުތައް ރަމަޟާން މަހުން ފެށިގެން ރާއްޖެ ޓީވީން ދައްކާފައިވާއިރު، ޝޯވްގެ ޖުމްލަ 7 އެޕިސޯޑެއް ދައްކާފައިވެ އެވެ.
ޖުމްލަ 11 ބައިވެރިންނާއެކު ފެށި މި ޝޯވް ނިމުނުއިރު ފައިނަލަށް ގޮސްފައިވަނީ 5 ބައިވެރިންނެވެ. ފައިނަލަށް ދިޔަ ބައިވެރިންގެ ތެރޭގައި ހިމެނެނީ ދޮނާ، އައްޒަ، ރޯމަން، ފަރީލާ އަދި ފުބޫއެވެ.
އުނދަގޫ ޓާސްކުތަކަކާއެކު ކުރިއަަށްގެންދިޔަ މި ޝޯވްގެ ޓައިޓަލް ލިބޭ ފަރާތް ހޮވާފައިވަނީ ޓާސްކުތަކުން ލިބުނު ޕޮޮއިންޓުން ނަގާފައިވާ 80% އާއި ބެލުންތެރިންގެ ވޯޓުން ނަގާ 20% އިންނެވެ.
އައްޒަ މި ޝޯ ކާމިޔާބުކުރިއިރު، ދެވަނައަށް ހޮވިފައިވަނީ ރޯމަންއެވެ. ރޯމަންއަށް ޓާސްކުތަކުން 61.6 އިންސައްތަ ލިބިފައިވާއިރު، އެސްއެމްއެސްއިން ރޯމަންއަށް ލިބުނީ 0.69 އިންސައްތައެވެ. އެއީ 2،738 ވޯޓެވެ. ޖުމްލަ ރޯމަންއަށް ލިބުނީ 62.29 އެވެ. ރޯމަންއަށް މެކްސްކޮމް ޓެކްނޮލޮޖީގެ ފަރާތުން ޑެލް ލެޕްޓޮޕާއި، ދެ ޓެބްލެޓެއް ވަނީ ލިބިފައެވެ.
ތިންވަނައަށް ހޮވިފައިވަނީ ފުބޫއެވެ. ފުބޫއަށް އެސްއެމްއެސްއިން ލިބިފައިވަނީ 1.20 އިންސައްތައެވެ. ޖުމްލަ 49.20 އިންސައްތަ ލިބިގެން ފުބޫ 3 ވަނައަށް ހޮވިފައިވާއިރު، ފުބޫއަށް މެކްސްކޮމް ޓެކްނޮލޮޖީގެ ފަރާތުން ޑެލް ލެޕްޓޮޕަކާއި، ލިއޯ ޓްރޭޑިންގެ ފަރާތުން ދީފައިވާ ފައިސާގެ އިނާމާއި، ޕްރޮގްރާމުގެ ފަރާތުން ފައިސާގެ އިނާމެއް ދީފައިވެއެވެ.
ހަތަރު ވަނައަށް ހޮވިފައިވަނީ ދޮނާއެވެ. ދޮނާ ހަތަރު ވަނަ ކާމިޔާބުކޮށްފައިވަނީ ޓާސްކުތަކުން ލިބުނު 47.2 އިންސައްތައާއި، އެސްއެމްއެސްއިން ލިބުނު 0.80 އިންސައްތަ ވޯޓާއެކުއެވެ. ދޮނާއަށް ވަނީ މެކްސްކޮމް ޓެކްނޮލޮޖީގެ ފަރާތުން ސެމްސަންގް ގެލެކްސްސީ އެސް 22 ގެ ދެ ފޯނު ލިބިފައެވެ. އެއީ ނާސްތާ ޗެލެންޖުން އެއްވަނަ ހޯދުމުން ލިބޭ އިތުރު ފޯނެވެ. އަދި ލިއޯ ޓްރޭޑިންގގެ ފަރާތުން ދީފައިވާ ފައިސާގެ އިނާމާއި، ޝޯވްގެ ފަރާތުން ފައިސާގެ އިނާމެއް ވަނީ ދީފައެވެ.
0.67 އިންސައްތަ ވޯޓާއެކު ޖުމްލަ 18 އިންސައްތަ ލިބިގެން ފަސްވަނައަށް ހޮވިފައިވަނީ ފަރީލާއެވެ. ފަރީލާއަށް ވަނީ މެކްސްކޮމް ޓެކްނޮލޮޖީގެ ފަރާތުން ސެމްސަންގް ގެލެކްސްސީ އެސް 22 ޕްލަސް ފޯނަކާއި، ލިއޯ ޓްރޭޑިންގގެ ފަރާތުން ދީފައިވާ ފައިސާގެ އިނާމުގެ އިތުރުން ޝޯވްގެ ފަރާތުން ފައިސާގެ އިނާމެއް ދީފައެވެ.
މީގެ އިތުރުންވެސް އެކި އެޕިސޯޑުތަކުގެ ތެރެއިންވެސް ބައިވެރިންނާ އެކި އިނާމުތައް ހަވާލުކޮށްފައިވެއެވެ. ސެލެބްރިޓީ ރޭސް ސީޒަން 2ގެ ޓައިޓްލް ސްޕޮންސަރަކީ ޕެޓްރޯލް އޮފިސީއެވެ.
ޚަބަރަށް މަޢުލޫމާތު ނެގީ: ރާއްޖެ އެމްވީ އިން
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!