ފިލްމު ފެށިގެން ނިމެންދެންވެސް ދައްކަނީ އެއްމެ ލޮކޭޝަން އެކެވެ. ފެންނަނީ ދެ ފަންނާނުންނެވެ. އިތުރު އެއްވެސް ތަޢާރަފަކަށް ބޭނުން ނުވާނެ، ޝީލާ ނަޖީބްގެ އިތުރުން މިދިޔަ އަހަރު ޖުލައި 26ގައި ޑާކް ރެއިން އެންޓަޓެއިންމެންޓުން ނެރުނު ކުރު ފިލްމު “އޯ ވަޒަން” އިން ފެނިގެންދިޔަ ތުއްތު ފަންނާނު މުޙައްމަދު އާތިކް އެވެ. ކާސްޓް ކިތައްމެ ކުޑަޔަސް، މިއީ ހިތުގެ އެއްމެ ފުނަށް އަސަރުކުރުވާނެ ކުރު ފިލްމެކެވެ.

“އޯ ވަޒަން” ލިޔެ، ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކުރި ޢަލީ ޝާމިން މިވަނީ އަނެއްކާވެސް ހަމަ އެފަދަ މޮޅު މަސައްކަތެއްކޮށް މުޖުތަމަޢަށް ވަރުގަދަ މެސެޖެއްދީފަ އެވެ. މީޑިއާ ނެޓުން ހުޅުވައިލި ކުރު ފިލްމު މުބާރާތް ނުވަތަ އެމްއެސް ޝޯޓް މޫވީ ޗެލެންޖްގައި ޝާމިން އާއި އޭނާގެ ޓީމުން ބައިވެރިކުރީ “ދަ ލެޓާރ” އެވެ. މިއީ ސިޓީއެއްގެ ވަށައިގެން މުޅި ވާހަކަ ދައުރުވާގޮތަށް ބިނާކޮށްފައިވާ 16 މިނެޓް 56 ސިކުންތުގެ ކުރު ފިލްމެކެވެ.

“ދަ ލެޓާރ”ގެ ކުރު ޚުލާސާއަކަށް ބަލައިލާއިރު، މީގައި ދައްކުވައިދެނީ މަންމައަކާއި ދަރިއަކު ގޭތެރޭގައި ހޭދަކުރާ އާދައިގެ ދުވަހެއްގައި ހިނގާ ކަމެކެވެ. ހިނގަނީ އާދައިގެ ކަމެއް ކަމަށް ހީވިޔަސް، ކަމަކީ އާދައިގެ ކަމެއް ނޫނެވެ.

މަންމަ (ޝީލާ)، ކޮންމެވެސް އެއްޗެއް ކެއްކުމުގައި ވަދިކޮށް އުޅެމުން އޭނާގެ ރައްޓެއްސަކާ ވާހަކަ ދައްކަމުން ދަނީ އޭނާގެ މޫޑީ ދަރިފުޅުގެ ބައެއް ވާހަކަތައް ހިއްސާކުރަމުންނެވެ. އޭރުވެސް އޭނާގެ ދަރިފުޅު (އާތިކް) ވަރަށް މޫޑީކޮށް ޝަކުވާ ކުރަމުންދެ އެވެ. މިއަދު ކުރަމުންދާ ޝަކުވާއަކީ އޭނާގެ މަންމައަށް ލިޔުނު ސިޓީއަކާ ގުޅޭގޮތުންނެވެ. މަންމަ އެ ސިޓީ ނުކިޔައިގެން އެކަމާ ޝަކުވާ ކުރެއެވެ. ނަމަވެސް މަންމައަށް އެ ސިޓީ ކިޔަން ހަނދާން ނެތުނީކަމަށް ބުނެއެވެ. އެ ސިޓީގެ ޒަރީޢާއިން ދަރިފުޅު ފޯރުކޮށްދޭން މަސައްކަތް ކުރަނީ ވަރަށް މުހިންމު މެސެޖެކެވެ. އާޚިރުގައި ދަރިފުޅު ދޭން ބޭނުންވި މެސެޖް މަންމައަށް އެނގެއެވެ. ސިޓީ ކިޔައިލުމުން މަންމައަށް ކުރުވި ފުން އަސަރާއި އިހްސާސްތައް ޝީލާގެ މޮޅު އެކްޓިންއިން ދައްކުވައިދެ އެވެ.

“ދަ ލެޓާރ”ގައި މުޙައްމަދު އާތިކް އަނެއްކާވެސް ދައްކައިދީފައި މިވަނީ އަސްލާއި އެއްގޮތް މޮޅު އެކްޓިންއެކެވެ. އެ އުމުރުގެ ކުއްޖަކަށް މި ފިލްމުގައި ދައްކުވައިދޭ ފަދަ ހާލަތެއް ދިމާވުމުން މޫޑީވެފައި ހުންނާނެ ގޮތް އާތިކް ވަރަށް މޮޅަށް ދައްކައިދީފައިވެ އެވެ.

ޢަލީ ޝާމިން ލިޔެ، ޕްރޮޑިއުސްކޮށް ޑައިރެކްޓްކޮށްފައިވާ “ދަ ލެޓާރ” ކެމެރާކުރީ ޝުޖާޢު ޙަސަން އެވެ. ޕޯސްޓް ޕްރޮޑަކްޝަން ހެދީ ޝަމްޢާން ޝާކިރް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.