މި ފިލްމަކީ ޓްރިކީ އަދި ކޮމްޕްލެކްސް އިޖުތިމާޢީ މައްސަލައެއް ދައްކުވައިދޭ ފިލްމެކެވެ. ދިވެހި މުޖުތަމަޢުގައި އާއްމުކޮށް ހިނގަމުން އަންނަ މައްސަލަތަކެއް، ޒުވާން ފަންނުވެރި ގްރޫޕެއްކަމަށްވާ ‘ލޯރ’ އިން ގެނެސްދީފައިވާ “އިޚްތިޔާރު”ގައި މި ފާހަގަކުރި މައްސަލަތައް ދައްކުވައިދީފައިވަނީ އާ ނަޒަރިއްޔާތަކުންނެވެ.

އެމްއެސް ޝޯޓްސް ނުވަތަ މީޑިއާނެޓް ކުރު ފިލްމު ޗެލެންޖްގައި ‘ލޯރ’ އިން ބައިވެރިކޮށްފައިވާ ކުރު ފިލްމު “އިޚްތިޔާރު”ގައި ދައްކުވައިދެނީ އުމުރުން 15 ވަރަކަށް އަހަރުގެ ނަޞްރާގެ ދިރިއުޅުމަށް އަންނަ ބަދަލުތަކަކާއި މައިޝާންގެ ދިރިއުޅުމަށް އަންނަ ބަދަލުތަކެކެވެ. ދެ ކުދިންގެ ދިރިއުޅުމަށްވެސް މި ބަދަލުތަކެއް ކުރިމަތިވެ ނުބައި މަގަށް ހުށައެޅިގެންދަނީ އެކުދިންނަށް ލިބެން ޖެހޭ ލޯބި ނުލިބުމުގެ ސަބަބުންނެވެ. ދެކުދިންނަށްވެސް ކަތި މަގު އިޚްތިޔާރުކުރެވި އޭގެ ފަހުން ހައިރާން ކުރުވަނިވި ގޮތަކަށް ކަންތައްތަކެއް ވެގެން ދެއެވެ.

މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި މައްސަލަތަކެއް މުޅިން އައު ލެންސަކުން ގެނެސްދީފައިވާ ތަފާތު، ޢިބްރަތްތެރި، މޮޅު ކުރު ފިލްމެކެވެ.

“އިޚްތިޔާރު”ގެ ފަހަތުގައި ތިބީ ކޮން ބައެއް؟

މި ފަންނުވެރި މަސައްކަތުގެ ފަހަތުގައި ތިބީ ކޮންބައެއްކަން މުނިއަވަސް އިން ބަލައިލީމެވެ. މި ފިލްމުގެ ވާހަކަ އަދި ޑައިރެކްޝަން ހެދީ އާއިޒް އަޙްމަދު ރަޝީދު އެވެ. ނަމަވެސް މި ފިލްމުގެ ސިނަމޮޓޮގްރަފީ އަދި ޕޯސްޓްޕްރޮޑަކްޝަންގެ ފަހަތުގައި ހުރީ އަޙްމަދު ހުއްސާން އެވެ. މި ފިލްމަކީ އާއިޒް އާއެކުގައި ހުއްސާން ކޮށްފައިވާ މިފަދަ ދެވަނަ މަސައްކަތެވެ. ކުރިން އެމީހުން ހެދީ “ލޯތްބާ އެކީ” ނަމުގައި ހެދި ކުރު ފިލްމެކެވެ. އެފްޕީއޭ އަދި ޖެންޑަރ މިނިސްޓްރީން 2021 ވަނަ އަހަރު ހުޅުވައިލި ކުރު ފިލްމު މުބާރާތް ކާމިޔާބުކުރީ ‘ލޯރ LORE’ގެ ކުޑަދަށުން ބައިވެރިކުރި “ލޯތްބާ އެކީ” ކުރު ފިލްމެވެ. އެ މުބާރާތަކީ ޖެންޑަރ ބޭސްޑް ވަޔަލެންސް ދައްކުވައިދިނުމަށް އަމާޒުކުރި މުބާރާތެކެވެ.

“މީޑިއާނެޓް ޗެލެންޗްގަ އަޅުގަނޑުމެން ބައިވެރިވާން ނިންމީ އެފްޕީއޭ އަދި ޖެންޑަރ މިނިސްޓްރީގެ މުބާރާތް އަޅުގަނޑުމެންނަށް ކާމިޔާބުކުރެވިފައިވާތީއާ މިއީ އަޅުގަނޑުމެންނަށް ލިބުނު އެފަދަ ފުރުޞަތަކަށް ވީތީ.” ހުއްސާން މުނިއަވަސް އަށް ބުންޏެވެ.

ތަރިން އަދި ޕްރޮޑަކްޝަން ޓީމް

ފިލްމުގެ އަންހެން ލީޑް ނަސްރާގެ ކެރެކްޓަރ ކުޅެފައިވަނީ ހުއްސާންގެ ރަހުމަތްތެރިޔާ އަދި އެކުގައި މަސައްކަތްކުރާ ނަދުހާ ނަޢީމެވެ. ނަދޫ އަކީވެސް ‘ލޯރ’ ޓީމްގެ މެންބަރެކެވެ. ހުއްސާން ބުނާގޮތުން ނަދޫ އަކީ ވަރަށް އުފެއްދުންތެރި ވިސްނުމެއް ގެންގުޅޭ ކުއްޖެކެވެ. އެގޮތުން ނަދޫގެ އެދުމުގެ މަތިން މި ފިލްމުގެ ލީޑް ނަދޫއަށް ދިނުމަށް ނިންމިއެވެ.

ފިރިހެން މެއިން ކެރެކްޓަރ މައިޝާންގެ އެޑަލްޓް ރޯލު ކުޅެފައިވަނީވެސް ހުއްސާންގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ލާފިރް އެވެ. ހުއްސާންގެ ކުރު ފިލްމު “ލޯތްބާ އެކީ”ގައި ވެސް ލާފިރް އެކްޓްކުރިއެވެ. އޭނާގެ އެ އެކްޓިންގެ ފުރިހަމަކަމުން މި ފިލްމުގެ ލީޑްގައިވެސް އޭނާ ހިމެނީ އެވެ.

އިތުރަށް މި ފިލްމުން ފެނިގެންދާ ކެރެކްޓަރތަކުގެ ތެރޭގައި އެޑީ، ފާހަގަކޮށްލެވެ އެވެ. އެ ކެރެކްޓަރ ކުޅެފައިވަނީ ހުއްސާންގެ ކޮއްކޮ މުޙައްމަދު ހަނޫން އެވެ. ޖިން އަދި މަންނުގެ ރޯލު ކުޅެފައިވަނީ ހަނޫންގެ ދެ ރަހުމަތްތެރިން ކަމަށްވާ އިވަލް އަދި ފަޔިދް އެވެ.

“އިޚްތިޔާރުގައި މަސައްކަތްކޮށްފައިވާ ގިނަ އެކްޓަރުންނަކީ އެކްޓިންގެ މާ ބޮޑު ތަޖުރިބާތަކެއް ނެތް އައު މޫނުތަކެއް. ކާސްޓުން މަދުވުމުގެ ސަބަބުން އަހަރުމެންގެ ޑައިރެކްޓަރ އާއިޒްވެސް ބައެއް ރޯލުތައް ކުޅެފައިވޭ. މީގެ އިތުރުން ‘ލޯރ’ގެ މެނޭޖިން ޑައިރެކްޓަރ ނަދާ އަދި ޗީފް ފައިނޭންޝަލް އެކްޒެކޫޓިވް ރާނިޔާ ވެސް މި ފިލްމުގައި ނަސްރާގެ މަންމަގެ ރޯލާއި މައިޝާންގެ ތުއްތަގެ ރޯލު ކުޅެފައިވޭ.” ކުރު ފިލްމު “އިޚްތިޔާރު”ގެ ތަރިންގެ ވާހަކަތައް ހިއްސާކުރަމުން ހުއްސާން ކިޔައިދިނެވެ.

ޕޯސްޓް ޕްރޮޑަކްޝަން

ކުރު ފިލްމު “އިޚްތިޔާރު”ގެ ޕޯސްޓް ޕްރޮޑަކްޝަން ހުރިހައި މަސައްކަތަކާއި ފޮލީ އަދި ކެމެރާކުރީވެސް ހުއްސާން ކަން ފާހަގަކޮށްލެވެ އެވެ.

“އިޚްތިޔާރު” ބަލަންވީ ކީއްވެ؟

– ޒަމާނީ ސްޓައިލަށް، ޒުވާނުންތަކެއް ކޮށްފައިވާ ކޮލިޓީ މަސައްކަތަކަށްވާތީ
– ފިލްމު ބަލައިލަން ހޭދަކޮށްލެވޭ ވަގުތުކޮޅަކީ ބޭކާރުވި ވަގުތަކަށް ނުވާނެތީ
– ޒުވާން އާޓިސްޓުންނަށް ހިތްވަރުދިނުމަށް
– ފިލްމުގެ ކުރު ޚުލާސާގައި ބުނެފައިވާ ފަދައިން މިއީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ހުރި މައްސަލަތަކެއް މުޅިން އައު ލެންސަކުން ގެނެސްދީފައިވާ ތަފާތު، ޢިބްރަތްތެރި، މޮޅު ކުރު ފިލްމެެއް ކަމަށް ވާތީ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.