ދިވެހިންގެ ތެރޭގައި މިވަގުތު ހުރި އެއްމެ މަޝްހޫރު އަދި ހުނަރުވެރި ލަވަކިޔުންތެރިޔާ އުނޫޝާ އާއި އިންޑިޔާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޝާންގެ ލަވައެއް ނެރެން އުޅޭކަމުގެ ވާހަކަތައް އާއްމުވި ހިސާބުން ހަމަ ގައިމުވެސް ދިވެހިން ތިބީ އެ ލަވަ ނެރޭނެ ވަގުތަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކޮށްކޮށެވެ. ޝާން އަދި އުނޫޝާގެ “ދިލް އުޅެޔާ” މިއަދު މިވަނީ ރިލީޒްކޮށްފަ އެވެ. ލަވަ އަޑުއަހައިލުމުން އަދި ބަލައިލުމުން ހަމަގައިމުވެސް ދިވެހި މިއުޒިކީ ލޭ ހިނގާ ކޮންމެ މީހެއްގެ ހިތްވެސް މި ލަވައިގެ ވައިބްގައި ޖެހި އުދުހެން ފަށާނެ އެވެ.

“ދިލް އުޅެޔާ” ލަވައިގެ ވީޑިއޯ މިއަދު ޕްރިމިއަރ ކޮށްފައިވަނީ ޝާންގެ އޮފިޝަލް ޔޫޓިއުބް ޗެނަލްގަ އެވެ. ލަވަ ކިތައްމެ ވަރަކަށް ބެލިޔަސް ފޫހިނުވާނެ ފަދައިން އަޑުއަހާ ފޫހިނުވާނެކަން ގައިމެވެ.

މި ލަވައިގެ ވީޑިއޯ ކުޅެފައިވަނީ ރާއްޖޭގެ ހާޑްރޮކް ހޮޓެލް މޯލްޑިވްސް އަދި ކްރޮސްރޯޑް މޯލްޑިވްސްގަ އެވެ. ލަވައިގައި ދިވެހި ފޮޅުވަތްކޮޅެއް ހިމަނާލެވިފައިވާނެ ކަމަށް މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ) ބުނެފައިވާކަން މި ލަވައަށް އިންތިޒާރުކުރަމުން އައި ފަރާތްތަކަށް އެނގޭނެއެވެ. ލަވަ ރިލީޒްވި ހިސާބުން ތޭރަގެ ފޮޅުވަތްތައް އިވިފައި މިވަނީ ހީކުރި ވަރަށްވުރެންވެސް ސަޅި ގޮތަކަށެވެ. ތޭރަ ލިޔެފައިވާ ދިވެހި ފޮޅުވަތްތައް ނިކަން ޗާލުކޮށް ކިޔާލާފައި ވަނީ އުނޫޝާގެ އިތުރުން ޝާން އެވެ.

ދިވެހި މޮޑެލުންނާއި ދިވެހި މިއުޒިކީ ޒުވާން ފަންނާނުންތަކެއް ވެސް ފެނިގެންދާ މި ލަވައިން ބިދަބިން ބޮޑުބެރު ގްރޫޕްގެ ބޮޑުބެރު ޖެހުން މިއުޒިކުގައި ހިމަނާފައިވެއެވެ. މީގެ ލަވައިގެ މިއުޒިކް ހެދުމުގައި ބާޗީ ބައިވެރިވެފައިވެއެވެ. ހަމަ އެހެންމެ އިތުރު ބައެއް މަސައްކަތްތަކުގައިވެސް ދިވެހިން ޝާމިލްކޮށްފައިވެ އެވެ.

“ދިލް އުޅެޔާ” އަކީ ސަޅި އިހްސާސެއް ގެނެސްދޭ ވައިބެއް އެކުލެވޭ ބްރީޒީ ޑާންސް ލަވައެކެވެ. މިއީ ފުރަތަމަ ފަހަރަށް އުނޫޝާ އާއި ޝާން ގުޅިގެން ކޮށްފައިވާ މިފަދަ ފުރަތަމަ މަސައްކަތެވެ. ރެގޭ ޕޮޕް ޖޮންރާ މި ލަވައިގައި ހިންދީ/ޕަންޖާބީ އަދި ދިވެހި ބަސް ބޭނުންކޮށްފައިވެ އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.